ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ އެއްގަމު ޖަނަވާރުގެ 190 ވަނަ އުފަންދުވަސް ފާހަގަކޮށްފި

ސައުތު އެޓްލާންޓިކްގެ ރަށެއް ކަމަށްވާ ސެއިންޓް ހެލެނާ އިން ދުނިޔޭގެ އެންމެ ދުވަސްވީ ދިރިހުރި އެއްގަމު ޖަނަވާރުގެ އުފަން ދުވަސް ފާހަގަކޮއްފިއެވެ.
ރިޕޯޓްތައް ބުނާގޮތުގައި "ޖޮނަތަން" ގެ ނަމުން ނަންދީފައިވާ މި ކަންޒުކަހަނބަކީ ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރަށް ވާއިރު، މި ކަހަނބަށް ވަނީ 190 އަހަރު ފުރިފައެވެ.
ރެކޯޑެއް ނެތުމުގެ ސަބަބުން ޖޮނަތަން އުފަންވީ ސީދާ ކޮންދުވަހަކު ކަމެއް ކަށަވަރު ވެފައިނުވާއިރު، އެ ކަހަނބު އުފަންވީ 1832 ގައި ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
1882 ވަނަ އަހަރު ސީޝެލްސްއިން ސެއިންޓް ހެލެނާއަށް ޖޮނަތަން ގެނައީ ސަރ ވިލިއަމް ގްރޭ-ވިލްސަންއަށް ހަދިޔާއެއްގެ ގޮތުގައެވެ.
އެކަމަކު ޖޮނަތަންގެ އުމުރަކީ ހަގީގަތުގައި 200 އަހަރު ކަމަށް ސެއިންޓް ހެލެނާގެ ހެޑް އޮފް ޓޫރިޒަމް މެޓް ޖޯޝުއާ ވިދާޅުވިއެވެ.
ގިނިސް ވޯލްޑް ރެކޯޑްސް އިން ބުނިގޮތުގައި ޖޮނަތަންއަކީ މިހާތަނަށް އެންމެ ދުވަސްވީ ވެލާ ނަސްލުގެ ޖަނަވާރެވެ.
މީގެކުރިން އެންމެ ދުވަސްވީ ވެލާ ނަސްލުގެ ޖަނަވާރުގެ ރެކޯޑް ހޯލްޑަރަކީ 1965 ވަނަ އަހަރު މަރުވި ޓުއީމަލިލާގެ ނަމުން ނަންދީފައިވާ ކަހަނބެކެވެ. އެކަހަނބު 188 ވަންދެން ދިރިއުޅުނު ކަމަށް ރިޕޯޓްތައް ބުނެއެެވެ.
ގިނިސްއިން ބުނިގޮތުގައި ޓުއީމަލިލާ އަކީ ޓޮންގާގެ ޝާހީ އާއިލާއަކަށް އިނގިރޭސި އެކްސްޕްލޯރާ ކެޕްޓަން ޖޭމްސް ކުކް 1777 ވަނަ އަހަރު ހަދިޔާކުރި ޖަނަވާރެކެވެ.
ސީއެންއެންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖޮނަތަން އަކީ މިހާރު ނޭޝަނަލް "ސެލެބްރިޓީ" އެކެވެ. އަދި ސެއިންޓް ހެލެނާގެ ފައިސާ ފޮތީގައި ޖޮނަތަންގެ ފޮޓޯ ޖަހާފައިވާ ކަމަށްވެސް ސީއެންއެނުން ބުނެއެވެ.
މުސްކުޅިވުމުގެ ސަބަބުން ޖޮނަތަން ކަނުވެ، ވަސް ދުވުމުގެ ހިއްސު ކެނޑިފައިވީ ނަމަވެސް އޭނާގެ އަޑުއިވުން ވަރަށް ފުރިހަމަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޖޮނަތަންގެ ބައެއް ހިއްސުތައް މިހާރު ފެއިލްވި ނަމަވެސް، ޖޮނަތަންގެ ޑޮކްޓަރު ޖޯ ހޮލިންސް ގިނިސް ވޯލްޑް ރެކޯޑްސްއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެ ޖަނަވާރުގެ ހަކަތަ އަދިވެސް ވަރަށް ވަރުގަދަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ