ތިމާއަށް ނަމާދުކުރަން ދަސްވެފައި ހުރީ ސުންނަތާ އެއްގޮތަށްކަން ޔަޤީންކޮށްފިން ހެއްޔެވެ؟

ގިނަބައަކު ރުޚޫޢާ ސަޖިދަކުރާއިރު ހަށިގަނޑާއި ފައި ބަހައްޓާގޮތުން އަހުރެން ކަންބޮޑުވަމެވެ. ސީދާކުރަންޖެހޭވަރަށް ސީދާނުކުރާތީއެވެ. ގުދުލައްވައިގެން ނުވަތަ ކުރުގެޅިގެން ތިބޭތީއެވެ. އެކަމުން އެނގެނީ ނަމާދުކުރަން އެނގުނަސް ސަމާލުކަންދޭންޖެހޭ ކަންކަމަށް ސަމާލުކަންދޭން ދަސްނުވާ ކަމެވެ.
ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ ކަމަކީ އެމީހެއްގެ ނަމާދު ވީހާފުރިހަމައަށް ކުރުމެވެ. އެއީ ޤިޔާމަތް ދުވަހު ފުރަތަމަ ހިސާބު ބައްލަވާނީ ނަމާދުގެ ކަމަށްވާތީއެވެ. ނަމާދު ފުރިހަމައަށް ނުކުރެވިވާނަމަ އެހެން ޢަމަލުތަކުން ކުރާނެ ފައިދާއެއް ނެތުމުންނެވެ.
ނަމާދު ނަމާދަކަށް ހެދޭނީ ނަމާދުކުރަން ރަސޫލް (ﷺ) ނަމާދުކުރަން ދަސްކޮށްދެއްވެވި ގޮތަށް ނަމާދުކުރުމުންނެވެ. ވީމާ ރަސޫލް (ﷺ) ދަސްކޮށްދެއްވި ގޮތަށް ނަމާދުކުރަން ސަމާލުކަން ދޭން ޖެހޭނެއެވެ.
ބައެއް މީހުންނަށްވާ ގޮތަކީ ފުރަތަމަ ނަމާދުކުރަތަމަ ދަސްވާ ގޮތް އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ބަލައި ނިންމައިލެވެނީއެވެ. ވިސްނާލަންޖެހޭނެ ކަމަކީ ގިނަ ފަހަރަށް ނަމާދުކުރަން ދަސްވެފައި ހުންނާނީ ގޭތެތެރެއިން ކަމެވެ. މައިންބަފައިންގެ ގާތުން ކަމެވެ. އަދި ސްކޫލުގައި ނަމާދުކުރަން ދަސްކޮށްދިން މުދައްރިސަކީ އެންމެ ބޮޑު ޢިލްމުވެރިއަކަށް ނުވެދާނެކަމެވެ.
ވީމާ ބޮޑުވުމުން އެކަންކަމަށް ވިސްނައި ދީނުގެ ޢިލްމުވެރިންގެ އަރިހުން ނަމާދުކުރަން ދަސްކުރަންވާނެއެވެ. ނަމާދުކުރަން ދަސްކޮށްދޭ ޕްރޮގްރާމްތަކުގައި ބައިވެރިވާންވާނެއެވެ. ޢުމުރުން ދޮށިވެފައި ހުރުމަކީ މައްސަލައެއް ނޫނެވެ. ދީނުގެ ކަންކަން އުނގެނެން މަސައްކަތްކުރަންވީ ވަކި ޢުމުރެއްގައެއް ނޫނެވެ.
ޖަމާޢަތުގައި ނަމާދުކުރާ ގިނަ ބައެއްގެ ކިބައިން ބޮޑެތި ކުށްތައް ފެނެއެވެ. މިޘާލަކަށް ނަމާދުކުރުމުގައި އިމާމް މީހާއަށްވުރެ ކުރިއަރައިދެވޭތަން އެބަފެނެއެވެ. ސަޖިދަކުރާއިރު ސީދާކުރަންޖެހޭ ތަންތަން ސީދާ ނުކުރެވި ގުދުކުރެވޭތަން އެބަފެނެއެވެ. މިފަދަ އެތައް ކުށްތަކެއް ފެނެއެވެ.
އެފަދަކަމުން އެނގެނީ ތިމާމެންނަށް ނަމާދު މިކުރެވެނީ ރަނގަޅަށް ނޫންކަން އެމީހުންނަށް ނުއެނގޭކަމެވެ. ވީމާ އޮތީ ދަސްކުރުމެވެ. ނަމާދުކުރަން ދަސްކުރުމަކީ ހަމައެކަނި ފޮތެއް ބަލައިގެން ކުރެވޭނެ ކަމެއް ނޫނެވެ. އަދި ވީޑިއޯއެއް ބަލައިގެންވެސް ކުރެވޭނެ ކަމެއް ނޫނެވެ. އެއީ އެއަށްވުރެ މާބޮޑު ކަމެކެވެ. ވީމާ ކުރިން މިބުނި ކޮންމެވެސް ގޮތަކުން ނަމާދު، އެންމެ ފުރިހަމަ ގޮތުގައި ދަސްކުރަން މަސައްކަތްކުރާށެވެ! ކުރަން އެއަށްވުރެ ވަކިން މުހިންމު އެއްވެސް ކަމެއް ނެތެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ