ބާލިން (މެއި 24) - ޖަރުމަނު ކަޕް ފައިނަލުގައި ރޭ ހެރީ ކޭންގެ ހެޓްރިކުން 3-0 އިން ސްޓުޓްގާޓް ބަލިކޮށް ބަޔާން މިއުނިކުން ހަ އަހަރަށް ފަހު މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މި ފަހަރު ވެސް ޖަރުމަނު ލީގު (ބުންޑަސްލީގާ) ތަށި ދިފާއުކުރި، ބަޔާނުން އެންމެ ފަހުން ކަޕް ކާމިޔާބުކުރީ، 2019/2020 ވަނަ އަހަރުގެ ސީޒަނުގަ އެވެ.
ބާލިންގެ މަޝްހޫރު އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލުގަައި ބަޔާނުން ތިން ގޯލު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ. މި ތިން ލަނޑު ވެސް ކާމިޔާބުކުރީ މި ފަހަރު އާދަޔާހިލާފު ފޯމެއްގައި ކުޅެމުން އަންނަ އިނގިރޭސި ގައުމީ ޓީމުގެ ފޯވާޑް އެވެ. އެ ގޮތުން، މެޗުގެ 55 ވަނަ މިނިޓްގައި ކޭން، ބަޔާންގެ ފުރަތަމަ ލަނޑު ޖެހީ މައިކަލް އޮލީސޭ ނަގައިދިން ހުރަހަކަށް ހުސްވެ އެވެ.
ފުރަތަމަ ލަނޑު ޖެހިތާ 10 މިނިޓް ފަހުން، ކޭން ވަނީ ބަޔާންގެ ދެ ވަަނަ ލަނޑު ޖަހައިފަ އެވެ. މެޗުގެ 65 ވަނަ މިނިޓްގައި ކޮލަމްބިއާގެ ތަރި، ލުއިސް ޑިއާޒް، އެޓޭކަށް އަރަައި، ކޭން އަށް ތަނަވަސްކޮށްދިން ފުރުސަތުގެ ބޭނުންހިފައި އޭނާ ވަނީ ބަޔާންގެ ދެ ވަނަ ލަނޑު ޖަހައިދީ، ލީޑުފުޅާކޮށްދީފަ އެވެ. މެޗުގައި ކޭން ޖެހި ފަހު ލަނޑަކީ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރި ގޯލެކެވެ.
ޓޮޓެންހަމް ހޮޓްސްޕާސް ދޫކޮށް، 2023 ވަނަ އަަަހަރު ބަޔާނާ ގުޅުނު ކޭން މި ވަނީ އެ ޓީމަށް ބަދަލުވި ފަހުން ހަތަރު ޓްރޮފީ ހޯދައިފަ އެވެ. އަނެއްކޮޅުން، މިއީ ބަޔާނަށް ބަދަލުވި ފަހުން ކޭންގެ އެންމެ ރެކޯޑް ރަނގަޅު ސީޒަނެވެ. އެ ގޮތުން، މި ސީޒަނުގައި ކޭން ވަނީ އޭނާ ކުޅުނު 51 މެޗުން 61 ގޯލު ޖަހައިދީފަ އެވެ. އަދި، މި ފަަހަރުގެ ފީފާ. ވޯލްޑް ކަޕްގައި ކޭން ދައްކާ ކުޅުމަށް ބަލާފައި، އޭނާ އަށް ފްރާންސް ފުޓްބޯލް އިން ދޭ ބެލޮންޑިއޯ އެވޯޑް ލިބުުމުގެ ފުރުސަތު ވެސް އެބައޮތެވެ.
ކޭންގެ ހެޓްރިކުން ބަޔާނުން ހަ އަހަރަށް ފަހު ޖަރުމަނު ކަޕް ކާމިޔާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ