ހޯމް މިނިސްޓަރު އިހުސާން ހިންގަމުންދިޔަ ކޮރަޕްޝަންގައި މުހައްމަދު މުއިއްޒުވެސް ބައިވެރިވި ކަމަށް ގަބޫލުކުރެވޭ ކަމަށް ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޝަމްއާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި އޮތް ހުކުމްކުރުމުގެ އަޑުއެހުމަށް ވަނުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝަމްއާން ވިދާޅުވީ އިހުސާން ހިންގަމުންދިޔަ ކޮރަޕްޝަންގެ ވާހަކަތައް މުއިއްޒުއާ ހިސާބަށް ގެނެސްދިނުމުން އެކަމަށް ފިޔަވަޅު ނޭޅުމަކީވެސް ކޮރަޕްޝަން ކަމަށެވެ.
"ރައީސް ފިޔަވަޅެއް ނޭޅުއްވުމަކީވެސް ހަމަ ކޮރަޕްޝަންގެ އަމަލެއް ނޫންތޯ. މިހާރު ރައީސަށް ހަމަ ސީދާ މިކަން ހިނގަމުންދާކަން އެނގިހުރެ އެކަން ނުހުއްޓުވީމަ އެއީ ހަމަ ކޮރަޕްޝަންގެ އަމަލެއް. އެހެންވީމަ ރައީސްވެސް މިކަމުގައި ބައިވެރިވާ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ޝަމްއާން ވިދާޅުވި އެވެ.
ޝަމްއާން ވިދާޅުވީ ބަންގްލަދޭޝް މީހުންގެ ވޯކް ޕާމިޓްތައް އެޕްރޫވްކުރަނީ ސީދާ އިހުސާން މެދުވެރިކޮށް ކަމަށާއި އެކަމަށް ކޮރަޕްޝަންގެ ގޮތުގައި 8،000ރ. ނަގަމުންދާކަން ޔަގީންވުމުން އެކަން މުއިއްޒުއަށް އެންގީ ކަމަށެވެ.
"ވަރަށް ސާފު އިބާރާތުން ރައީސަށް ދެންނެވިން. ޗެޓްލޮގްތައް ހުންނާނެ. ރައީސާއެކު ދެކެވުނު ވާހަކަތައްވެއްޖެއްޔާ. އޯޑިއޯވެސް ހުންނާނެ. އެހެންނަމަވެސް އަޅުގަނޑު ފޯނު މިވަގުތު އޮތީ އަޅުގަނޑު ހައްޔަރުކުރިއިރު ޕޮލިހުގެ ބެލުމުގެ ދަށުގައި،" ޝަމްއާން ވިދާޅުވި އެވެ.
ޝަމްއާން ތުހުމަތުކުރައްވާ ގޮތުގައި އޭނާ ފްރޭމްކުރީ މިނިސްޓަރު އިހުސާން އާއި އެޓާނީ ޖެނެރަލް މުހައްމަދު އުޝާމް އެވެ.
އޭނާ ވިދާޅުވީ ދިވެހިރާއްޖޭގެ މައި ދޮރޮއަށި. (ބޯޑަރ ކޮންޓްރޯލް ސިސްޓަމް) މިނިސްޓަރ އިހުސާން ބޭނުންވާ ވަކި ބަޔަކަށް ވަނީ ވިއްކާލާއި ކަމަށެވެ. އެކަން ހުއްޓުވުމަށް މަސައްކަތް ކުރުމުން އަދި އެކަމާ ދެކޮޅު ހެދުމުގެ ސަބަބުން އެކި ފަހަރު މަތިން ސީދާ މުއިއްޒު ގުޅި ކަމަށެވެ.
މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ބިދޭސީއެއްގެ އަތުން ފައިސާ ނެގި ކަމުގެ ތުހުމަތުގައި ޝަމްއާނުގެ މައްޗަށް ތިން ދައުވާ ކުރެ އެވެ. އެއީ ފޭރުމުގެ ކުށުގެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑަރިން ކުށުގެ ދައުވާ އެވެ.
"އެމައްސަލައިގައި އެންމެ ފަހުން އަޅުގަނޑަށް ގުޅިދުވަހު ’މިކަން އިތުރު ގޮތަކަށް ބަދަލެއް ނުވާނެ’ ކަމަށް ބުނެ ކޯފާ އިސްކުރައްވާ އަޅުގަނޑަށް އިންޒާރު ދެއްވި،" ޝަމްއާން ވިދާޅުވި އެވެ.
ކޮންޓްރޯލާގެ މަގާމުން މާޗު 21، ގައި ޝަމްއާން ވަކިކޮށް، އޭގެ އެއް ދުވަސް ފަހުން ފުލުހުން އޭނާ ހައްޔަރު ކުރި އެވެ. އެ މައްސަލާގައި އޭނާގެ ބަންދަށް ފުރަތަމަ ޖެހީ 15 ދުވަހެވެ. އެއަށް ފަހު އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރީ އޭޕްރީލް 6، ގަ އެވެ. މައްސަލައާ ގުޅިގެން ޝަމްއާން ވަނީ ބަންދުގައި 278 ދުވަސް ހޭދަކޮށްފަ އެވެ. އޭނާ ބަންދުން ދޫކޮށްލީ މިދިޔަ އަހަރުގެ ޑިސެމްބަރު 25، ގަ އެވެ.
ޝަމްއާންއާއެކު އިތުރު ބަޔަކު ވެސް އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ އިމިގްރޭޝަން އޮފިސަރުންތަކަކާއި އާންމުންގެ މީހެކެވެ. އޭގެ ތެރެއިން ބައެއް މީހުން ދައުލަތާއެކު އިއުތިރާފު އެއްބަސްވުން ވެސް ހެދި އެވެ.
އިހުސާންއާއެކު މުއިއްޒުވެސް ކޮރަޕްޝަންގައި ބައިވެރިވި: ޝަމްއާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ