ޖާބިރުގެ މަންމަގެ އެދިވަޑައިގަތުމަކަށް 29 މިލިއަން ރުފިޔާ ރައީސް މައުމޫނަށް މާފުކޮށްދެއްވައިފި!

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަތުން އަނބުރާ ދައްކަވާ ގޮތަށް ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ މާފުކޮށް ފުލުހުންނަށް ހުށަހެޅުއްވި އެ މައްސަލަ އަނބުރާ ނެންގެވުމަށް ނިންމަވައިފި އެވެ.
ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރުގެ އަތުން 29 މިލިއަން ރުފިޔާ ފަހުން ދައްކާގޮތަށް ރައީސް މައުމޫން ނެންގެވި ކަމަށާއި، ނަމަވެސް އެ ފައިސާ ދައްކާފައި ނުވާކަމަށް ބުނެ ޖާބިރު ވަނީ ފުލުހުންގެ އިދާރާއަށް މައްސަލައެއް ހުށަހަޅުއްވާފައެވެ.
ނަމަވެސް މިއަދު އެ ފައިސާ މާފުކުރެއްވި ކަމަށް ޖާބިރު ވަނީ މީޑިއާގައި ވިދާޅުވެފައެވެ. އަދި 29 މިލިއަން ރުފިޔާގެ ފައިސާ މައާފުކޮށް ޕޮލިހަށް ހުށަހަޅާފައިވާ އެ މައްސަލަ ނެގުމަށް ނިންމެވީ ޖާބިރުގެ މަންމަ މަރިޔަމް މަނިކެގެ އެދިލެއްވުމެއްގެ މަތިން ކަމަށްވެސް މިވަނީ ވިދާޅުވެފައެވެ.
ޖާބިރު ވިދާޅުވެފައި ވަނީ އެ ފައިސާ މާފުކޮށް ފުލުހަށް ފޮނުވާފައިވާ މައްސަލަ ނަގަން ނިންމެވީ މަންމަގެ އެދިވަޑައިގަތުމަށް ދެކޮޅު ހައްދަވަންބޭނުންފުޅު ނުވާތީ ކަމަށެވެ.
ނިމިދިއަ ރިޔާސީ އިންތިހާބު ދުވަސްވަރު ޖާބިރުގެ އަތުން ހޯއްދެވިކަމަށް ބުނާ 29 މިލިއަން ރުފިޔާ އަކީ ރައީސް މައުމޫން ނެންގެވި ލޯނެއް ކަމަށާއި، އެފައިސާ އޭނާ ދެއްވީ އިންޓްރެސްޓު އަރާ ގޮތަށް ކަމަށްވެސް ޖާބިރު ވިދާޅުވެފައިވެ އެވެ. ނަމަވެސް އިންތިޚާބަށް ފަހުވެސް އެ ފައިސާ ނުދައްކާ ކަމަށް ބުނެ ޖާބިރު ދެވަނަ ފަހަރަށް ފުލުހަށް މައްސަލަ ހުށަހެޅުއްވީ ހުސްވި އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. އަދި އެ މައްސަލައާއި ގުޅިގެން ސެޕްޓެމްބަރ 24 ވަނަ ދުވަހުގެރޭ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރުމުން ޖާބިރު ވަނީ، އެ މައްސަލައިގެ ތަހުގީގުގައި އެއްވެސް ވާހަކައެއް ދައްކަވާނީ ރައީސް މައުމޫންގެ ހާޒިރުގައި ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް 29 މިލިއަން ރުފިޔާ ހޯއްދެވި ކަމަށް ވިދާޅުވާ ވާހަކައާއި ގުޅިގެން ފުރަތަމަ ދުވަހުންފެށިގެންވެސް ރައީސް މައުމޫން ނިސްބަތްވެވަޑައިގަންނަވާ އެމްއާރުއެމް އިން ވަނީ އެކަން ދޮގުކޮށްފައެވެ. އެމްއާރުއެމް އިން ބުނެފައި ވަނީ ޖާބިރު އެއްވެސް ފައިސާ އެއް ރައީސް މައުމޫނަށް އަދި އެމްއާރުއެމްގެ ބޭފުޅަކަށްވެސް ދެއްވާފައި ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ