ހިޔާ ފްލެޓުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ އެއްވެސް ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫން: ރައީސް ނަޝީދު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ އެއްވެސް ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވަނީ ހިޔާ ސަރަހައްދުގައި ކުށް ކުރުން އިތުރުވެފައިވާއިރު، އެކަންކަމަށް ސަަރުކާރުން އެއްވެސް ފިޔަވަޅެއް އަޅަމުން ދޭތޯ ޕްލޭނިން, ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް އާ ސުވާލުކުރައްވައިފައެވެ. މި ސުވާލުގެ ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވަނީ ހިޔާ ފްލެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، މިހާރު ހިނގަމުން އަންނަ ކަންކަން ވާނޭކަން އެތަން ބިނާކުރިއިރު ވެސް އެނގެންވާނެ ކަމަށް ވިދާޅުވެފައެވެ. "އެހާ ކުޑަކުޑަ ތަންކޮޅަކަށް އެހާ ގިނަ މީހުން އެއްކޮށްލީމާ ވާނެ ގޮތުގެ ވާހަކަ ދައްކަނީ އަޅުގަނޑުމެން، ސަރުކާރުން ބަލަހައްޓާނެ ދެން، ކުރިއަށް އޮތް އަންނަން އޮތް ހުރިހާ ސަރުކާރަކުން ވެސް އެކަން ބަލަހައްޓާނެ، ގޯސް ނިންމުމަކަށް ބިނާވެގެން ގޮސް ނިމިފައި އޮތް ނިންމުމަކަށް ވީމާ މި ހިސާބަށް މިކަން ގޮސްފައި މިއޮތީ،" ހިޔާ ފްލެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އަސްލަމް ވިދާޅުވިއެވެ. ހިޔާ ފްލެޓުތައް ކުށުގެ ހާއްޔަކަށްވީ ނަމަވެސް އެތަނުގައި ދެން ކުރެވޭނެ މާބޮޑު ކަމެއް ނެތް ކަމަށް ވިދާޅުވެ އަސްލަމް އިތުރަށް ވިދާޅުވީ ފުލުހުން އެތަނަށް ވަދެ، ވިޔާނުދާ ކަންކަން ކުރާ މީހުންނަށް އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށާއި ކޮންމެ ސަރުކާރަކުން ވެސް އެ ކަމަށް މަސައްކަތް ކުރާނޭ ކަމަށެވެ. މިނިސްޓަރު އަސްލަމްގެ ވާހަކަފުޅާ ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ ހިޔާ ފްލެޓުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އައްޑޫ ސިޓީގައި ތިބި އަދަދަށް ފުލުހުން ބޭނުންވާ ކަމަށެވެ. "35،000 މީހުން މި ކުޑަކުޑަ ޖާގައިގައި ދިރިއުޅެން ވީމާ އެތަނުގެ އަމަން ބެލެހެއްޓުމަށް އައްޑު އަތޮޅުގައި ތިބިހާ ސިފައިން، ފުލުހުން އެ ފްލެޓުތަކުގެ ތެރޭގައި އެބަ އުޅެން ޖެހޭ ކަމަށް އެބަ ފާހަގަވޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވަނީ ހިޔާ ފްލެޓު ޑިޒައިންކުރިއިރު އެކަންކަން ފުރިހަމަ ކުރާނޭ ގޮތުގެ ޕްލޭނެއް ހެދިފައި އޮންނަން ޖެހޭނެ ކަމަށެވެ. "އިއްޒަތްތެރި ވަޒީރު އެ ވިދާޅުވިހެން، އަންނަން އޮތް ސަރުކާރުތަކުން ވެސް އެކަމައިގެން [ހިޔާ ފްލެޓުގެ އަމަން ބެލެހެއްޓުމަށް] އުޅޭނެ، ނޫޅޭ އެއްވެސް ސަރުކާރެއް ނޯންނާނެ، އެކަމަކު އެއީކީއެއް ކުރެވޭނެ ނުވަތަ ކުރަން ފަސޭހަ ބާވަތުގެ ކަމެއްގެ ގޮތުގައެއް އަޅުގަނޑަށް ޔަގީން ކަށަވަރު އެއްވެސް ސަރުކާރަކުންނެއް އެއްބަހެއް ނުވާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ. ހަމައެހެންމެ މިހާތަނަށް މަޖިލީހުން ބެލި ބެލުމުން އެތަނުގެ ސެކިއުރިޓީ ބެލެހެއްޓުމަކީ ދަތިކަމެއް ކަން ސަރުކާރާއި މަޖިލިސް ކޮމިޓީތަކަށް ވެސް ފާހަގަވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ