ޔާމީން ރަށްތަކަށް ވަޑައިގަންނަވަނީ ޑިގު ކުޅުއްވަން: ނަސީމް

ކެމްޕޭނު ކުރެއްވުމުގެ ނަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރަށްތަކަށް ވަޑައިގަންނަވަނީ ޑިގު ކުޅުއްވަން ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕޭނުގައި ށ.މަރޮށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ނަސީމް ވިދާޅުވީ ރަށްތަކަށް ވަޑައިގެން ޔާމީން ކެމްޕޭނު ނުކުރައްވާ ކަމަށާއި ރަށްތަކަށް އެމަނިކުފާނު ވަޑައިގަންނަވަނީ ތާސްކުޅުމާއި ޑިގު ކުޅުއްވަން ކަމަށެވެ.
"އެއްވެސް މީހަކާ ވާހަކައެއް ވެސް ނުދައްކަވާ، ދެން ކޮން ކެމްޕޭނެއްތޯ މި ކުރަނީ. ދެން ވިސްނަވާނީ އެހެން އިންނަވައިގެން ކޮންމެވެސް މަކަރެއް ހަދައިގެން، ކޮންމެވެސް ހީލަތެއް ހަދައިގެން ގޮނޑިއެއް ދަމައިގަނެވޭތޯ. އެކަން ކުރަން ވެގެން އެ އުޅުއްވަނީ. އަޅުގަނޑުމެން ދުށީމެއް ނޫންތޯ މިތަން 2013 ގައި ވެސް" ނަސީމް ވިދާޅުވި އެވެ.
ނަސީމް ވިދާޅުވީ އޭނާ އަށް ވުރެ ބޮޑަށް ޔާމީން ދަންނަ މީހަކު ނުހުންނާނެ ކަމަށާއި އެގޮތުން 17 އަހަރު ވަންދެން ޔާމީނާއެކު މަސައްކަތް ކުރެއްވި ކަމަށެވެ.
"އަޅުގަނޑު މި ދަންނަވަނީ ހެޔޮ ނުވާނެ އިނގޭތޯ ރާއްޖޭގެ ވެރިކަމަށް އޭނާ ގެންނަން، ހެޔޮ ނުވާނެ" ނަސީމް ވިދާޅުވި އެވެ.
މީގެއިތުރުން ނަސީމް ވަނީ ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ޔާމީން ކުރައްވަމުން ގެންދަވަނީ ވަރަށް ލަދުވެތި ކަމެއް ކަމަށާއި އަވަށްޓެރި ގައުމުތަކާ ޖެހިގަނެގެން އުޅެން ނުވާނެ ކަމަށް ނަސީމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ