ކޯޓާ އިތުރުނުވީ ސަރުކާރުގެ އިހުމާލަކުން ނޫން - މިނިސްޓަރ

ހައްޖުގެ އިތުރު ކޯޓާއެއް މިފަހަރު ރާއްޖެއަށް ނުލިބުމުގެ މައްސަލައަކީ ސަރުކާރުގެ އިހުމާލެއް އެކަމުގައި އޮވެގެން ދިމާވި މައްސަލައެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރ ޝައިޚް މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
އިސްލާމީ މަރުކަޒުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ޝަހީމް ވިދާޅުވީ ކޯޓާގެ މައްސަލައިގައި ސަރުކާރުގެ އެއްވެސް އިހުމާލެއް ނެތް ކަމަށާއި ހައްޖު ކޯޓާ އިތުރު ކުރެވޭތޯ ސަރުކާރުން ހުއްޓާނުލައި އަދިވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ހަރަމްފުޅު ބޮޑު ކުރުމުގެ ގޮތުން ސައޫދީ ސަރުކާރުން މިހާރު ކުރިއަށް ގެންދާ މަޝްރޫއުގައި ހަރަމްފުޅުގެ ވަށައިގެންވާ ގިނަ ހޮޓާތަކެއް ތަޅާލާފައިވާތީ އާއި އެ މަޝްރޫއު އަދި މުޅިން ނުނިމޭތީ ޖާގައިގެ ދަތިކަން ދިމާވާނެ ކަމަށް އަންދާޒާކޮށް އެއްވެސް ގައުމަކަށް ސައުދީ ސަރުކާރުން މިއަހަރު އިތުރު ކޯޓާއެއް ދީފައިނުވާ ކަމަށް ވެސް މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
ހައްޖު ކޯޓާ އިތުރު ކުރެވޭނެ ކަމުގެ ޔަގީންކަން ނެތީސް ބައެއް ގްރޫޕްތަކުން މީހުން އަތުން ލާރި ނެގުމުގެ ސަބަބުން ވަރަށް ގިނަ އަދަދެއްގެ ބަޔަކު މިއަހަރު ހައްޖަށް ނުދެވިފައި އެބަތިބިކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި ކޯޓާގެ ބޭރުން އެއްވެސް މީހެއްގެ އަތުން ފައިސާ ނުނެގުމަށް ގްރޫޕްތަކަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
އެހެން ގައުމަކަށް ލިބިފައިވާ ހައްޖު ކޯޓާގެ ތެރޭން ދިވެހިން މިއަހަރު ހައްޖަށް ފޮނުވުމަކީ ވެސް ދިމާވެފައިވާ މި މައްސަލައިގެ ހައްލެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ގާނޫނުތަކާއި ވެސް ޚިލާފު ކަމެއް ކަމަށް ޝައިޚް ޝަހީމް ވިދާޅުވިއެވެ.
ރާއްޖެއަށް ސައުދީ ސަރުކާރުން މިހާތަނަށް ކަނޑައަޅާފައިވާ ރަސްމީ ހައްޖު ކޯޓާ އަކީ އެއް ހާސް ކަމަށާއި ނަމަވެސް ކޮންމެ އަހަރަކު ވެސް ރާއްޖެއިން ދެ ހާސް މީހުންނަށް ހައްޖަށް ދެވޭނެ ގޮތަށް ކޯޓާ އިތުރުކުރެވޭތޯ އާއި މިއަހަރުވެސް ދެ ހާހަށް ކޯޓާ އިތުރު ކުރެވޭތޯ ސައުދީ ސަރުކާރުގައި އެދިފައިވާނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީން ހުއްދަ ނުދޭ ބައެއް ގްރޫޕްތަކުން ވެސް މީހުން އަތުން ފައިސާ ނެގުމާއި ކޯޓާއިން ބޭރުން ފައިސާ ނެގުން ފަދަ މައްސަލަތައް ދިމާވަނީ، ހައްޖުގެ ކަންކަމުގައި ރާއްޖޭގައި ހަރުދަނާ އުސޫލު ތަކަކާއި ހަރުދަނާ ނިޒާމެއް ނެތުމުން ކަމަށް ވެސް މިނިސްޓަރ ޝަހީމް ވަނީ ފާހަގަ ކުރައްވާފައެވެ.
ހައްޖުގެ ކަންކަމުގައި މެލޭޝިއާފަދަ ގައުމުތަކުގައި އަމަލު ކުރެވޭ ޒާތުގެ ހަރުދަނާ ނިޒާމެއް ރާއްޖޭގައި ގާއިމް ކުރުމަށާއި ހައްޖަށް ދިއުމުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާތީ އަގު ކުޑަ ކުރުމުގެ ގޮތުން މިހާރު ސީރިއަސް މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ހައްޖަށް ދިއުމަށް އާންމުން ފައިސާ ދެއްކުމުގެ ކުރިން އެ ގްރޫޕަކީ އިސްލާމިކް މިނިސްޓްރީން ހުއްދަދީފައިވާ ގުރޫޕެއްތޯ ބަލައި ރަނގަޅު މައުލޫމާތު ސާފުކުރުމަށް މިނިސްޓަރ ޝަހީމް ވަނީ އިލްތިމާސް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ