ސީއެސްސީއާ ދެކޮޅަށް ފިނޭންސުން މައްސަލަ ހުށަހެޅުމާ ގުޅިގެން ސިވިލް ސާވަންޓް އެސޯސިއޭޝަނުން އެކަން ކުށްވެރިކޮށްފި

ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ކަމަށް ބުނެ ސިވިލް ސާވިސް ކޮމިޝަނާ ދެކޮޅަށް ފިނޭންސް މިނިސްޓްރީން ފުލުހުންނަށް މައްސަލަ ހުށަހެޅުމާ ގުޅިގެން އެކަން ކުށްވެރިކޮށް، ސަރުކާރާއި މިނިވަން މުއައްސަސާތަކުގެ އަބުރާއި އިއްޒަތް ހިފަހައްޓައިގެން މަސައްކަތް ކުރެއްވުމަށް ފިނޭންސް މިނިސްޓަރ އަލީ ހާޝިމަށް ސިވިލް ސާވަންޓް އެސޯސިއޭޝަނުން ގޮވާލައިފި އެވެ.މިކަމަށް ގޮވާލައި އެ އެސޯސިއޭޝަނުން ނެރެފައިވާ ނޫސްބަޔާނުގައި ވަނީ، ސިވިލް ސާވިސް ކޮމިޝަނަކީ، ދައުލަތުގެ މިނިވަން ކޮމިޝަންތަކުގެ ތެރޭގައި ހިމެނި، ގާނޫނު އަސާސީ އާއި ސިވިލް ސާވިސްގެ ގާނޫނުން ހާއްސަ ބާރުތަކެއް ލިބިފައިވާ ކޮމިޝަނެއް ކަމަށެވެ. އަދި އެ ކޮމިޝަންގެ މެންބަރުންނަކީ، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ބަޔަކަށް ވާއިރު، ސަރުކާރުގެ ފަރާތްތަކާއި، އެ ކޮމިޝަނާ ދެމެދު ހިނގާ ދެބަސްވުންތައް ހައްލުކުރުމަށް ގޮތްތަކެއް ކަނޑައެޅުމުގެ ގާނޫނީ ހައިސިއްޔަތު ލިބިފައިވާ ޝަރުއީ ކޯޓުތަކާއި، ރައްޔިތުންގެ މަޖިލިސް ފަދަ، މުސްގިއްލު މިނިވަން މުއައްސަސާތައް ގާއިމްވެފައި ވަނިކޮށް އެ ކޮމިޝަންގެ ރަސްމީ މަސައްކަތްތަކާ ގުޅޭ މައްސަލައެއް ފުލުހުންނާ ހަވާލުކޮށްގެން، ތަހުގީގު ކުރުމަށް ފިނޭންސުން ނިންމި ނިންމުން އެ އެސޯސިއޭޝަނުން ކުށްވެރިކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި ސަރުކާރު ހިންގުމުގެ އެންމެ ބޮޑު ޒިންމާ އަދާކުރަމުންދާ، އެތަކެއް ހާސް ސިވިލްސާވަންޓުންގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމުގެ ގާނޫނީ ޒިންމާ އުފުލަމުން ގެންދާ ސިވިލް ސާވިސް ކޮމިޝަނާއި، އެ ކޮމިޝަނުގެ މެންބަރުންނަށް އެ މުއައްސަސާގެ ގާނޫނީ ހައިބަތާއި ޝަހުސިއްޔަތާ އެކަށީގެންވާ ގަދަރާއި ކަރާމާތް އޮންނަންޖެހޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. ނަމަވެސް އެ ކޮމިޝަންގެ ރަސްމީ މަސައްކަތްތަކާ ގުޅިގެން ކޮމިޝަނަރުންގެ ބިއުރޯ އަށް ބަޔަކު ވަދެ ގާނޫނާއި ގަވާއިދާ ހިލާފް އަމަލުތަކެއް ހިންގައި ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލަށާއި، ބައެއް މުވައްޒިފުންނަށް ނަފްސާނީ ގޯނާތަކެއް ކޮށްފައިވާ ކަމަށާއި، އެ އަމަލުތައް ހިންގި ފަރާތްތަކާ މެދު ގާނޫނު ހިންގާ ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅު އަޅާފައިވާނުވާ ކަމަށް ވެސް ސިވިލް ސާވަންޓް އެސޯއސިއޭޝަންގެ ނޫސްބަޔާނުގައިވެ އެވެ.ސިވިލް ސާވިސް ކޮމިޝަނުން ސަރުކާރު ވައްޓާލަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެކަން ތަހުގީގުކޮށްދިނުމަށް މިދިޔަ ބުދަ ދުވަހު ފިނޭންސް މިނިސްޓްރީން ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.ފިނޭންސް މިނިސްޓްރީން ބުދަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ވަނީ، ސިވިލް ސާވިސް މުވައްޒިފުންގެ މުސާރައިގެ މައްސަލައިގައި އެ މިނިސްޓްރީގެ މައްޗަށް ސިވިލް ސާވިސް ކޮމިޝަންގެ ފަރާތުން މަދަނީ ކޯޓަށް ދައުވާ ހުށަހަޅާފައި ވަނީ، ރައްޔިތުންނާއި ސަރުކާރާ ދެމެދު ފިތުނަ އުފައްދައި ސަރުކާރު ހިންގުން ހުއްޓުމަކަށް ގެނައުމަށް ކަމަށެވެ. އަދި އެ އަމަލަކީ، ކޮމިޝަނުގެ ބައެއް މެންބަރުން އެ ކޮމިޝަން ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން އެ ބޭފުޅުންގެ ފޮރުވިފައިވާ ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ހިންގާ އަމަލެއް ކަމަށް ބެލެވޭ ކަމަށް ވެސް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ