މުސާރަ އަށް ބަދަލު ނުގެނެސް އިނާޔަތްތަކުން 100 މިލިއަން ރުފިޔާ އުނިކުރެވިދާނެ: ރައީސް ނަޝީދު

ސަރުކާރު މުވައްޒަފުންގެ މުސާރަ އަށް ބަދަލެއް ނުގެނައި ނަމަވެސް މުވައްޒަފުންނަށް ދޭ އިތުރު އިނާޔަތްތަކަށް ބައެއް ބަދަލުތައް ގެނެސްގެން 100 މިލިއަން ރުފިޔާގެ އުނިކުރުމެއް ގެނެވިދާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މުސާރަ އަށް ކުރާ ހަރަދު ކުޑަކުރުމަށް ސަރުކާރުން މިހާރު ގެންގުޅޭ ވިސްނުން ރޭޑިއޯ ތަގުރީގައި ހާމަ ކުރައްވަމުން ރައީސް ވިދާޅުވީ މިއަހަރުގެ ކުރިއަށް އޮތް ދުވަސްކޮޅު މަހަކު 100 މިލިއަނެއްހާ ރުފިޔާ ސަރުކާރުގެ މުސާރައިގެ ހަރަދުން ކުޑަކުރެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެކަން ކުރެއްވުމުގައި ވަރަށް ގިނަ ދަތިތައް ދިމާވާކަން ވެސް އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑު ވެސް އަޖާއިބުވި. ސަރުކާރު މުވައްޒަފުންނަށް އެބަ ދެވެއޭ މަދުވެގެން 24 ބާވަތެއްގެ ތަފާތު އެކި އިނާޔަތްތައް. އޭގެ ތެރޭގައި، އެއް ރަށެއްހައި ހުރެ އަނެއް ރަށެއްގައި މަސައްކަތް ކުރާތީ އާއި އޯވަޓައިމް އެއީ އެންމެ ބޮޑުކޮށް ދެވޭ އެއް އެލަވަންސް،" ރައީސް ނަޝީދުގެ 13 ވަނަ ރޭޑިއޯ ތަގުރީރު ކުރައްވަމުން ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް ފެނުނީ ބައެއް އެލަވަންސްތައް ކޮންމެވެސް މިންވަރަކަށް މަދު ކުރީމާ ސަރުކާރުން މި މަސައްކަތް ކުރަމުން އައި 92 މިލިއަން ނުވަތަ 100 މިލިއަން ރުފިޔާ ސަލާމަތް ކުރުމުގެ ފުރުސަތު، މަގު ފަހިވެގެން އެބަ ދާކަން."
ދިވެހި ރާއްޖޭގެ އަޑު މެދުވެރިކުރައްވާ ރައީސް ދެއްވި ތަގުރީރުގައި، މިހާރު އާއްމުކޮށް ހުޅުވާލާފައިވާ ސިއްހީ ހިދުމަތް ދިނުމުގެ އިންޝުއަރެންސް ސްކީމް "މަދަނަ"އިގެ އެހީ ލިބޭނެ އުސޫލުތަކެއް ކަނޑައެޅިފައިވާ ކަން ވެސް ފާހަގަ ކުރެއްވި އެވެ.
"މީހެއްގެ އާމްދަނީއާ ގުޅިގެން ހެލްތު އިންޝުއަރެންސްގެ ޕްރީމިއަމް ސަރުކާރުން މި ޗާޖް ކުރަމުން މި ގެންދަނީ. ބާކީ އޮތް ބައި އެއީ، ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި އަޅުގަނޑުމެން މި ބަލަނީ" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރު ނިމިގެން ދިޔައީ އެއްވެސް ބިލެއް ފާސް ނުވެ ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ "ޑީއާރުޕީގެ އަމާޒަކަށް ވެފައި އޮތީ މުޅި މަޖިލިސް ބޭނުން ކޮށްގެން އެ ބޭފުޅުން ބޭނުންވާ ހަމަ އެންމެ ކަމަކާ ގުޅޭ ބިލެއް، އުސޭލެއް ކަނޑައަޅައި ނިންމުން" ކަމަށެވެ. އެއީ ކުރީގެ ރައީސުންނަށް ރައްކާތެރިކަމާއި އިނާޔަތްތައް ދިނުމުގެ ބިލު ކަމަށާއި ކުރީގެ ރައީސުންނަށް ހިމާޔަތް ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އެ މަނިކުފާނު ދެކެވަޑައިގެންނެވި ނަމަވެސް ޝަރީއަތުގެ މަޖިލިހަކަށް އެ މަނިކުފާނަށް ވަޑައިނުގެންނެވޭ ގޮތަށް ގާނޫނެއް އޮތުމަކީ ހިމާޔަތެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"...މިހާރު މި އޮތް ބިލް އެ އޮތް ގޮތަށް ފާސް ވެއްޖެނަމަ ދިވެހި ވެރިން އަނެއްކާވެސް ޚުދުމުޚުތާރު ކުރުމަށް އެ ޖާގަ ދެވެނީއޭ. މަގު ފަހި ކުރެވެނީއޭ. އަޅުގަނޑު ހަމަ ގައިމުވެސް ޚުދުމުޚުތާރު ވެރިއަކަށް ވާކަށް ބޭނުމެއް ނޫން. އަޅުގަނޑުގެ އުއްމީދަކީ ރައްޔިތުންގެ މަޖިލިހުން ވެސް އެ މަގަށް ވެރިންނަށް ބާރު ނޭޅުއްވުން،" ރައީސް ވިދާޅުވި އެވެ.
ރައީސްގެ ތަގުރީރުގައި ލާ މަރުކަޒީ އުސޫލުން ހިންގުމުގެ ބިލް ފާސް ކުރަން ޖެހޭ މުއްދަތު ފަހަނައަޅާ ގޮސްފައި ވާކަން ވެސް ފާހަގަ ކުރެއްވި އެވެ. އަދި އެ ބިލުގައި އަތޮޅު ކައުންސިލް ޕްރޮވިންސް ކައުންސިލްގެ ގޮތުގައި މާނަ ކުރުމަކީ އޮޅުވާލުމެއް ކަމަށް މަޖިލިހުގެ ބައެއް މެމްބަރުން ދެކެވަޑައިގެންނެވި ނަމަވެސް "އޮޅުވާލުމަކީ އަޅުގަނޑު ހިތުން އެ ސާފުނުކޮށްދީ ބޭއްވުން" ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަރަށް ސާފުކޮށް މި ދަންނަވަނީ އަތޮޅު ކައުންސިލަކީ ޕްރޮވިންސް ކައުންސިލްގެ ގޮތުގައި މާނަ ކުރެވިދާނެއޭ. ސަރަހައްދެކޭ. އަތޮޅެއްގެ މާނަ އަކީ އެއްވެސް ހާލެއްގައި މި ރާއްޖެ ޒަމާނުއްސުރެ ފަށައިގެން އަތޮޅެއްގެ މާނަ، މާނަކުރަމުން އައީކީއެއް ޖިއޮގްރަފިކަލް ނުވަތަ ގުދުރަތީ އުފެދުމުގެ ބާވަތަށް ބަލައިގެނެއް ނޫން. ހަމަ އެ އިރެއްގައި އިދާރީ ގޮތުން ހިންގަން ބޭނުންވާ ގޮތަކަށް އޮތުން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ 21 އިދާރީ ދާއިރާ ހިންގުން ވެގެން ދާނީ މާލިއްޔަތަށް ނުކަތާ ވަރަށް ހަރަދު ބޮޑު ކަމަކަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ