ތިން މަހުގެ މެދުކެނޑުމަކަށް ފަހު އައިޖީއެމްއެޗުގައި ކުޑަކުދިންގެ އޯޕީޑީގެ ހިދުމަތް ދޭން ފަށައިފި

އައިޖީއެމްއެޗްގައި ކުޑަކުދިންގެ އޯޕީޑީ މެދުކެނޑިފައި އޮންނަތާ ގާތްގަނޑަކަށް ތިންމަހެއްހާ ފަހުން އެ ހިދުމަތް އަލުން ދޭން ފަށައިފި އެވެ.
އައިޖީއެމްއެޗުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އިންޑިޔާއިން ޑޮކްޓަރަކު ގެނެސްގެން މިދިޔަ އާދިއްތަ ދުވަހު ކުޑަކުދިންގެ އޯޕީޑީގެ ހިދުމަތް އަލުން ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ކުޑަކުދިންގެ ޑޮކްޓަރުންނަށް ދެއްކުމަށް މިހާރު އެއވެސް ދައްޗެއް ނޯންނާނެ ކަމަށާއި ކުރިއެކޭ އެއްގޮތަށް އެ ހިދުމަތް މިހާރު ދެމުން އަންނަ ކަމަށެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި މިހާރު ކުޑަކުދިންގެ ހަ ޑޮކްޓަރުން އެ އޮސްޕިޓަލްގައި އަންނަނީ މަސައްކަތް ކުރަމުންނެވެ.
އައިޖީއެމްއެޗުގެ ކުޑަކުދިންގެ އޯޕީޑީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ހުއްޓިފައި ވަނީ އެތަނުގައި ތިބި ޑޮކްޓަރުންގެ ތެރެއިން ދެ ޑޮކްޓަރުން އެއްފަހަރާ ޗުއްޓީ ނެގުމުން ކަމަށް އޭރު އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ. އެ ހޮސްޕިޓަލުން ބުނި ގޮތުގައި ޗުއްޓީގައި ތިބި ޑޮކްޓަރުން ވެސް މިހާރު ވަނީ ވަޒީފާ އަށް ނުކުމެފަ އެވެ.
ޖޫން މަހު ހިދުމަތް ފެށޭނެ ކަމަށް ކުރިން ބުނެފައިވީ ނަމަވެސް ހިދުމަތް ނުފެށުނީ ޑޮކްޓަރުން ހޯދުމުގައި ދަތިތަކެއް ކުރިމަތިވެގެން ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ. އަދި ޑޮކްޓަރުން ހޯދުމުގައި ދަތިތައް ކުރިމަތިވެފައިވަނީ މުސާރަ އާއި އިނާޔަތްތައް ކުޑަވެގެން އެތަނުގައި މަސައްކަތް ކުރުމަށް ޑޮކްޓަރުން އުޒުރުވެރިވާތީ ކަމަށް ވެސް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.
ރާއްޖޭގެ މައި ހޮސްޕިޓަލުގައި ކުޑަކުދިންގެ ޑޮކްޓަރެއް ނެތި ތިން ގިނަ ދުވަސްވެފައިވާތީ ޑޮކްޓަރަށް ދެއްކުމުގައި ދަތިތަކެއް ކުރިމަތިވެ، ގިނަ ބަޔަކު ވަނީ އެކަމާ ޝަކުވާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ