ކުޑަ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ދަށުކޯޓުން ސާބިތު ނުވި މައްސަލަ: ގަދަކަމުން ބަދު އަހުލާގީ އަމަލު ހިނ

ޅ. ކުރެންދޫގައި 12 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ސާބިތުނުވެ ބަދު އަހުލާގީ އަމަލު ހިންގި ކަމަށް ސާބިތުވި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހަތަރު މީހުން ވެގެން ކުޑަ އަންހެން ކުއްޖަކާ އެކު ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގި ކަމަށް ހައިކޯޓުގައި ސާބިތުވެއްޖެ އެވެ.
ޅ. ކުރެންދޫ ބޮޑުމިރުސްމާގޭ އަހުމަދު އަޝްރަފު، ،19 އާއި އެ ރަށު ހީރާ އަހުމަދު އަސްލަމް، ،25 އާއި ގުރަހަ އަހުމަދު ނަސީމް، ،22 އާއި އޯޒޯން މުހައްމަދު އަހުމަދު، ،21 ގެ މައްޗަށް ގަދަކަމުން ކުޑަކުއްޖަކާ އެކު ބަދު އަހުލާގީ އަމަލު ހިންގި ކަމަށް ސާބިތުވާ ކަމަށް ވިދާޅުވި ހައިކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އިއްވެވި ހުކުމަކީ އެއިން ކޮންމެ މީހަކު 15 އެތިފަހަރުން ތައުޒީރުކޮށް ދެ އަހަރަށް އަރުވާލުމަށެވެ.
"މި މައްސަލަ ސާބިތުވެ މި ގޮތަށް ހުކުމްކުރުމުން ޖިނާއީ ކޯޓުގެ ހުކުމް ބާތިލުވީ،" ފަނޑިޔާރު އަލީ ހަމީދު މިއަދު ވިދާޅުވި އެވެ.
މި މައްސަލަ ދަށު ކޯޓުގައި ބައްލަވައި އިއްވަވާފައި ހުކުމަކީ ކޮންމެ މީހަކު އަށް މަސް ދުވަހަށް އަރުވާލުމަށެވެ. މި ހަތަރު މީހުންގެ މައްޗަށް ކުޑަ ކުއްޖަކާ އެކު ބަދު އަހުލާގީ އަމަލު ހިންގި ކަމުގެ ކުށް ސާބިތުވާ ކަމަށް އޭރު ޖިނާއީ ކޯޓުން ނިންމެވި ކަމުގައި ވިޔަސް މި ދައުވާ ދައުލަތުގެ ބަންޑާރަ ނައިބުގެ ފަރާތްޕުޅުން ކުރައްވާފައި ވަނީ ކުޑަ ކުއްޖަކާ އެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގާފައިވާ ކަމަށް ވިދާޅުވެ އެވެ.
ނަމަވެސް ދަށުކޯޓުގެ ޝަރީއަތަށް ފާހަގަކުރެވުނު ނުކުތާތައް އިއްވެވިއިރު، މި ހަތަރު މީހުން ބަދުއަހުލާގީ އަމަލު ހިންގިއިރު ކުޑަ އަންހެން ކުއްޖާ ބާލިޣުވެފައިވާ ކަމަށާއި އެކަމުން ސަލާމަތްވާން އެ ކުއްޖާ އަޑުގަދަކޮށް ހަދައިފައި ނުވާ ކަމަށާއި އެކަން ސިއްރުކޮށްދިނުމަށް އޭނާގެ ދޮންމަންމަ ގާތުގައި ބުނި ކަމަށާއި ފަހަރިއެއްގެ ގާތުގައި ވެސް އެއްވެސް ކަމެއް ނުވާ ކަމަށް ބުނެފައި ވާތީ ގަދަކަމުން ބަދުއަހުލާގީ ގުޅުން ހިންގި ކަމަށް ޝަރީއަތަށް ސާބިތުނުވާ ކަމަށް އޭރު ނިންމެވި އެވެ.
ދައުލަތުގެ ބަންޑާރަ ނައިބު މި މައްސަލައިގެ ހުކުމާ މެދު ހިތްހަމަޖެހިވަޑައިނުގެން އިސްތިއުނާފު ކުރެއްވީ އެއީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ދަށުކޯޓުން ކުރައްވާފައިވާ ހުކުމެއް ކަމަށް ވިދާޅުވެ އެވެ.
މި މައްސަލަ އިސްތިއުނާފު ކުރެއްވުމުން ހައިކޯޓުގައި ޝަރީއަތް ހިންގުމަށް ފަހު ފަނޑިޔާރު އަލީ ހަމީދު މިއަދު ހުކުމް ކުރެއްވުމުގެ ކުރިން ވިދާޅުވީ ހައިކޯޓުގެ ފަނޑިޔާރުން މި މައްސަލަ ބެއްލެވިއިރު މި ހަތަރު މީހުން ޖަމާއަތް ހަދައިގެން އެ މަލު ހިންގާފައި ވަނީ އަންހެން ކުއްޖާގެ ރުހުން އޮވެގެން ކަމަށް ދަށުން ކޯޓުން ނިންމަވާފައިވާ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ކަމަށް ފެނިވަޑައިގަތް ކަމަށާއި އެއީ ރުހުމުގައި ހިންގި އަމަލެއް ކަމަށް ނުވާތީ މި ހާދިސާގެ ބަޔާންތަކަށް ބަލާއިރު އެއީ ހަގީގީ ހާދިސާއެއް ކަމަށް ފެންނާތީ މި ހަތަރު މީހުންގެ މައްޗަށް ގަދަކަމުން ކުޑަކުއްޖަކާ މެދު ބަދު އަހުލާގީ އަމަލު ހިންގުމުގެ ކުށް ސާބިތުވާ ކަމަށެވެ.
ކުރެންދޫ ގެއެއްގެ ކޮޓަރީގައި ނިދާފައި އޮތް ކުޑަ އަންހެންކުއްޖާއާ މެދު، މި ހަތަރު މީހުން މި އަމަލު ހިންގާފައި ވަނީ ކަށިގަނޑަކުން ގޭގެ ކުޑަދޮރު ހަލާކުކޮށްލައިގެން ވަދެ އެވެ.
މި މައްސަލައިގައި މިދިއަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މި ހަތަރު މީހުންގެ މައްޗަށް ދަށުކޯޓުން ހުކުމް ކުރެއްވުމާ ގުޅިގެން އެ ހުކުމާ މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ 116 މީހަކު ސޮއިކޮށް، އެ މައްސަލަ އިސްތިއުނާފު ކޮށްދެއްވުމަށް ބަންޑާރަނައިބުގެ އަރިހަށް ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ.
ހަމަ ޖަމިއްޔާ އިން އިސް ނަގައިގެން ހުށަހެޅި ޕެޓިޝަންގައި ބުނެފައި ވަނީ ކުރެންދޫ ކުޑަކުއްޖާ ނިދާފައި އޮއްވައި، ހަތަރު މީހުން ބަދު އަހުލާގީ އަމަލު ހިންގި މައްސަލާގައި ޖިނާއީ ކޯޓުން ކަނޑައަޅުއްވާފައި ވަނީ ކުށުގެ ބޮޑުމިނަށް ބަލާއިރު ކުޑަ އަދަބެއް ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލިސް ކަވަރު ކުރުމަށް ނޫސްވެރިން ހައިކޯޓަށް ދިއުމުން ހައިކޯޓުން ހުރިހާ ނޫސްވެރިން ގާތުގައި ވެސް، އެއީ ނޫސްވެރިންތޯ ސުވާލުކޮށް އެ މަޖިލީހަށް ނުވައްދާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އޭގެ ސަބަބަކީ ކޮބައިތޯ ހައިކޯޓުގެ އޮފިޝަލުންނާ ސުވާލު ކުރުމުން ފަހުން ބުނެފައި ވަނީ އެއްވެސް މީހަކު މިއަދުގެ ޝަރީއަތަށް ނުވައްދަން ނިންމެވީ ކަމަށެވެ. އެހެން ނަމަވެސް ފަހުން ހަވީރުން އުއްތަމަ ފަނޑިޔާރާ ބައްދަލުކުރަން އެދުމާ އެކު މަންޒަރު ބަދަލުކޮށް ފަހުން ބުނީ ނޫސްވެރިއެއްގެ ހައިސިއްޔަތު ދޫކޮށްލުމަށް ފަހު ހުރިހާ އެންމެނަށް ވެސް މަޖިލީހަށް ވަދެވިދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ