ތުލުސްދޫގައި ބަނދަރުކުރާ ސަފާރީތަކުން ބަނދަރުކުލި ނެގުމަށްޓަކައި ރކ ކޮމިޓީން ގޮތްތަކެއް ހަމަޖައްސަނީ

ތަފާތު ބޭނުންތަކުގައި ތުލުސްދޫގައި ބަނދަރުކުރާ ސަފާރީ އުޅަނދުފަހަރުން ބަނދަރުކުލި ނެގުމަށްޓަކައި އެ ރަށު ރަށްކުރިއަރުވާ ކޮމިޓީން ގޮތްތަކެއް ކަނޑައަޅައި އެކަން ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރިއަށް ދާ ކަމުގައި ބޮޑުކަތީބު އަބްދުލްހަކީމު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮމިޓީން ނިންމާފައި ވަނީ ބަނދަރުގައި ސަފާރީތަކަށް ހާއްސަ ބޯސާތަކެއް ހަދައި، އެތަންތަން ސަފާރީތަކުން ބޭނުންކުރާ ނިސްބަތުން ކުއްޔެށް ނަގާ ގޮތަށެވެ.
"މިރަށް ކައިރީގައި އޮންނަ ކޯކް ޕޮއިންޓަށް ރާޅާ އަޅަން އަންނަ މީހުން ގޮވައިގެން ސަފާރީތައް އައިސް، އަބަދުވެސް ހަތަރު، ފަސް ސަފާރީ އުޅަނދު މިރަށު ފަޅުތެރޭގައި ބަނދަރުކޮށްފައި އޮންނާނެ. އެހެންވީމަ އަންނަ އަހަރު އަޅުގަނޑުމެން ހަތަރު ވަރަކަށް ބޮއި، ފަޅުތެރޭގައި އަޅާފައި ސަފާރީ ތަކަށް އެތަންތަން ހާއްސަކުރާނީ. ސަފާރީތަކުގެ މީހުން ވެސް ބުނެފައި އޮތީ އެ މީހުންނަށް ވެސް އެއީ ވަރަށް ފަސޭހަ ގޮތަކަށްވާނެ ކަމަށް،" ހަކީމް ވިދާޅުވި އެވެ.
ރަށު އޮފީހުން ވިދާޅުވި ގޮތުގައި ސަފާރީތަކުން ބަނދަރުކުރި ނަގާނެ މިންވަރެއް ކަނޑައަޅާނީ އެ ފަރާތްތަކާ ވެސް ވާހަކަ ދެއްކުމަށް ފަހު އެވެ.
"އާމްދަނީ އިތުރުކުރުމުގެ ގޮތުން ކޮމިޓީން އަޅާ ފިޔަވަޅެއް މިއީ ސަފާރީތަކުން ކުލިނެގުން. އެހެންނަމަވެސް އެކަން ކުރެވޭނީ ސަފާރީތަކުގެ އެއްބާރުލުން ވެސް ލިބިގެން ކަމަށް ވާތީ ކުލި ކަނޑައެޅުމުގައި އެ ފަރާތްތަކާ ވާހަކަ ދައްކަން ހަމަޖެއްސީ،" ބޮޑުކަތީބު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ