ޚަލީފާ ޙަފްތާރީގެ އަސްކަރިއްޔާއަށް ވާގިވެރިވާ ރަޝިޔާ ސިފައިން ތުރާބުލުސް ސަރަޙައްދުން ގޮސްފި

ލީބިޔާގައި ހިނގަމުންދާ ދަޚިލީ ހަނގުރާމައިގެ ތެރެއިން އެ ޤައުމުގެ އިރުމަތީގައި ހަރަކާތްތެރިވާ އަސްކަރީ ހަނގުރާމަވެރި ޖަމާޢަތުން ވެރިރަށް ތުރާބުލުސް ހިފުމަށް ކުރަމުންދާ މަސައްކަތަކަށް ވާގިވެރިވަމުންދިޔަ ރަޝިޔާ ހަނގުރާވެރިން އެ ސަރަޙައްދު ދޫކޮށް ގޮސްފިއެވެ.
މިދިޔަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން އިދިކޮޅު ޚަލީފާ ޙަފްތާރު ވަނީ ލީބިޔާގެ ސަރުކާރުގެ ބާރުގެ ދަށުގައި އޮތް ތަރާބުލުސާއި ލީބިޔާގެ ހުޅަނގު އުތުރު ސަރަޙައްދުތައް ހިފުމަށް ޚާއްސަ އަސްކަރީ ހަރަކާތެއް ފަށާފައެވެ. އޭގެ ސަބަބުން ލީބިޔާގެ ސަރަޙައްދުތައްވަނީ ދެބަޔަކަށް ބެހިފައެވެ. ޙަފްތާރަށް ވާގިވެރިވަނީ އެމިރޭޓްސާއި މިޞްރާއި ރަޝިޔާއިންނެވެ. ލީބިޔާ ސަރުކާރަށް ވާގިވެރިވަނީ ތުރުކީވިލާތުންނެވެ.
ފާއިތުވި ހަފުތާތަކުގެ ތެރޭގައި ޚަލީފާ ޙަފްތާރުގެ އެލްއެންއޭވަނީ ލީބިޔާގެ ރަސްމީ ސަރުކާރުގެ އަސްކަރިއްޔާއާ ކުރިމަތިލާ ގިނަ ނާކާމިޔާބީތަކާ ކުރިމަތިލާފައެވެ. ފާއިތުވި ހަފުތާތަކުގެ ތެރޭގައި ތުރާބުލުސްގެ ސަރުކާރުންވަނީ ތުރުކީވިލާތުގެ އެހީތެރިކަމާއެކު އެލްއެންއޭގެ ބާރުދަށުގައި އޮތް ގިނަ ސަރަޙައްދުތަކެއް އަލުން އަތުލާ، މުހިންމު ބިނާއެއްކަމަށްވާ އަލްވަތިއްޔާ ވައިގެ މަރުކަޒު އަލުން ހިފާފައެވެ.
ޚަލީފާ ޙަފްތާރުގެ އަސްކަރިއްޔާއަށް ވާގިވެރިވާ ރަޝިޔާ ސިފައިން ތުރާބުލުސް ކައިރީ ސަރަޙައްދު ދޫކޮށް ދިޔުމަކީ އެލްއެންއޭ އިތުރަށް ބަލިކަށިވެފައިވާކަމެކެވެ. ފާއިތުވި ދެ ދުވަހުގެ ތެރޭގައި އެލްއެންއޭއަށް ނިސްބަތްވާ ގިނަ ޢަދަދެއްގެ ހަނގުރާމަވެރިންވަނީ ތުރާބުލުސާ ކައިރި ބައެއް ހިސާބުތައް ދޫކޮށް ގޮސްފައެވެ. އެއީ އިންސާނިއްޔަތުކަމުގެ ޢަމަލެއްކަމަށް އެ ޖަމާޢަތުންވަނީ ސިފަކޮށްފައެވެ. އޭގެ ފަހުން މައި ސަރުކާރަށް ވާގިވެރިވާ ހަނގުރާމަވެރިންވަނީ އެ ސަރަޙައްދުތަކަށް އަލުން ވަދެފައެވެ.
ތުރާބުލުސްގެ އިރުއުތުރުގައި އޮންނަ ބަނީ ވަލީދުގެ މޭޔަރު ސަލީމް އަލައިވަންވިދާޅުވީ އެއަވަށުގެ ވައިގެ ބަނދަރުން ރަޝިޔާގެ ހަނގުރާމަވެރިން އެލްއެންއޭގެ ބާރުގެ ދަށުގައި އޮންނަ ޖަފްރާއަށް ފުރާފައިވާކަމަށާއި އެމީހުންގެ އަސްކަރީ އުޅަނދުތައްވެސް ޖަފްރާއަށް ގެންގޮސްފައިވާކަމަށެވެ. ނެދަލޭންޑްސްގެ ކްލިންގެންޑާލް އިންސްޓިޓިއުޓުގެ ރިސާޗައްރެއްކަމަށްވާ ޖަލީލު ޚަރްޝާއޫ ވިދާޅުވީ ރަޝިޔާގެ ހަނގުރާމަވެރިން ތުރާބުލުސް ސަރަޙައްދު ދޫކޮށްފައި ދިޔުމަކީ ވަރަށް މުހިންމު ހާދިޘާއެއްކަމަށާއި އޭގެ ސަބަބުން އެލްއެންއޭއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންއައި އެންމެ ވަރުގަދަ ބޭރުގެ ހަނގުރާމަވެރިންގެ އެހީތެރިކަން އެޖަމާޢާތަށް ނުލިބޭނެކަމަށެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ