އެމްޑީޕީ ޕީޖީ އިން ގޮތެއް ނިންމީ ބިލު ބަލައިގަތުމާއި ގުޅޭ ގޮތުން: ނަޝީދު

މިހާރު ތިބި ކައުންސިލަރުންގެ ދައުރު އަންނަ މަހުގެ ތިންވަނަ ދުވަހަށް ހަމަވާތީ ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅިގެން ސަރުކާރު ހިންގާ މައިޕާޓީ ޕާލިމަންޓްރީ ގްރޫޕު އިން ވިޕްލައިނެއް ނެރެފައިވާ ކަމަށާއި ނަމަވެސް އެ ވިޕްލައިން އަކީ ބިލު ބަލައިގަތުމަށް ނެރުނު ވިޕްލައިނެއް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިހާރު މަގާމުގައި ތިބި ކައުންސިލަރުންގެ މަގާމުތައް ދަންމާލުމުގެ ގޮތުން ގާނޫނުއަސާސީ އިސްލާހު ކުރުމަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ ނިންމާފައެވެ.
އެކަމާއި ގުޅިގެން އެމްޑީޕީގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އެބަހުއްޓެވެ. ބައެއް މެންބަރުންނަށް ގާނޫނުއަސާސީ އިސްލާހު ކުރެވޭނެ ކަމަށް ވިދާޅުވަމުން އަންނައިރު ބައެއް އެހެން މެންބަރުން ވިދާޅުވަމުން އަންނަނީ މިއީ ގާނޫނުއަސާސީ އިސްލާހު ކުރަން އެންމެ ރަނގަޅު ދަނޑިވަޅު ނޫން ކަމަށެވެ.
އެ މައްސަލައިގައި ތްރީލައިން ވިޕެއް ނެރުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގައި ރޭ ނެގި ވޯޓްގައި ބައްދަލުވުމުގައި ބައިވެރިވި 54 މެމްބަރުންގެ ތެރެއިން 41 މެެމްބަރުން ވަނީ ސަރުކާރުން ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު އެގޮތަށް ފާސްކުރަން ތްރީލައިން ވިޕެއް ނެރުމަށް ތާއީދު ކުރައްވައިފައެވެ.
އެ ގޮތަށް ތްރީލައިން ވިޕް ނެރުމާ ދެކޮޅަށް 10 މެމްބަރަކު ވޯޓް ދެއްވި އިރު، ވަކި ކޮޅަކަށް ވޯޓް ނުދެއްވާ ތިން މެމްބަރަކު ތިއްބެވިއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޕީޖީ ލީޑަރާއި ޑެޕިއުޓީ ލީޑަރުގެ އަރިހުން ރޭ ބޭއްވި އެޕާޓީގެ ޕީޖީ ގްރޫޕުގެ ބައްދަލުވުމާއި ގުޅޭ މައުލޫމާތު ހޯއްދެވި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މައުލޫމާތު ލިބުނީ އެމްޑީޕީ ޕީޖީ ގްރޫޕް އިން ވިޕްލައިން ނެރުނީ ގާނޫނުއަސާސީ އަށް ހުށަހަލާފައިވާ އިސްލާހު ބަލައިގަތުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ