ޔުނައިޓެޑް ދޫކޮށް އިގާލޯ އެނބުރި ޗައިނާ އަށް؟

މެންޗެސްޓާ (މެއި 26) - މެންޗެސްޓާ ޔުނައިޓެޑުން ލޯން ޑީލެއްގައި ގެނައި ނައިޖީރިއާގެ ފޯވާޑް އޮޑިއޯން އިގާލޯގެ އެއްބަސްވުން އިތުރު ކުރަން ކުރި މަސައްކަތް ކާމިޔާބުނުވުމުން އޭނާ އަލުން ޗައިނާގެ ޝަންހާއި ގްރީންލެންޑް ޝެންހުއާއީއާ ގުޅުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.
ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގެ ފަހު ދުވަހު ޔުނައިޓެޑުން ލޯން އެއްބަސްވުމެއްގެ ދަށުން އިގާލޯ ގެނައީ ލޯން ފީ އެއް ނުދައްކައި މެއި 31 ވަނަ ދުވަހުގެ ނިޔަލަށެވެ. އިގާލޯ އޭރު ކުޅެމުން އައި ޝަންހާއި ޝެންހުއާއީ އިން ލޯން ފީ އެއް ނުނެގީ ޔުނައިޓެޑުން ގިނަ ކަންތައްތަކަށް އެއްބަސްވުމުންނެވެ. އެ ގޮތުން އޭރު އިގާލޯ ޝަންހާއީ އަށް ކުޅެމުން އައީ ހަފްތާ އަކު 300،000 ޕައުންޑަށެވެ. ޔުނައިޓެޑަށް އަންނަން އިގާލޯ އެއްބަސްވީ ހަފްތާ އަކު 130،000 ޕައުންޑަށެވެ.
ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު ޕްރިމިއާ ލީގު ފަށާނެ ކަމަށް ބެލެވެނީ އަންނަ މަހުގެ ފަހުކޮޅުގަ އެވެ. ސީޒަން ނިމެންދެން އުމުރުން 30 އަހަރުގެ އިގާލޯ އެ ޓީމުގައި ބަހައްޓަން ޔުނައިޓެޑުން ވަނީ ޝަންހާއީއާ އެކު ގިނަ މަޝްވަރާތަކެއް ކޮށްފަ އެވެ.
އިގާލޯގެ އެއްބަސްވުން ސީޒަނުގެ ނިޔަލަށް އިތުރުކުރަން ޔުނައިޓެޑުން ކުޑަ ލޯން ފީއެއް ދައްކަން ވެސް އެއްބަސްވި އެވެ. އެކަމަކު ޝަންހާއީ ވަނީ ސީޒަން ނިމެންދެން އިގާލޯ ބެހެއްޓޭނީ 10 މިލިއަން ޔޫރޯ އަށް ކަމަށް ބުނެފަ އެވެ. މި ވަގުތު އެ ވަރުގެ ފީއެއް ދައްކަން ޔުނައިޓެޑުން ބޭނުންނުވަނީ އެ ޓީމުގެ އަނިޔާގައި ތިބި ހުރިހާ ކުޅުންތެރިން ވެސް ފިޓްވެފައިވާތީ އެވެ. އިގާލޯ ޖެނުއަރީ މަހު ގެނައި އެންމެ ބޮޑު ސަބަބަކީ މާކަޝް ރެޝްފޯޑަށް އަނިޔާވުމެވެ. ލީގު އަލުން ފަށާއިރަށް ރެޝްފޯޑް ފިޓްވާނެ ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ.
އިގާލޯގެ އުމުރާ ބަލައި ޔުނައިޓެޑުން ކުރު މުއްދަތަކަށް ބޮޑު އިންވެސްޓެއް ކުރަން ބޭނުއްނުވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު އަލުން ފުޓްބޯޅަ ސީޒަން ފަށައި ތިން ވަރަކަށް މަސް ދުވަހުގެ ތެރޭގައި ތިން މުބާރާތުގައި ގާތްގާތުގައި މެޗުތަކެއް ކުޅެން ޖެހޭތީ އިގާލޯ މަޑުކުރުވަން ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ވެސް ބޭނުންވެ އެވެ.
އިގާލޯގެ ޓްރާންސްފާގެ މަޝްވަރާތަކުގައި ހައްލެއް ފެންނަން ނެތުމުން ޝަންހާއީން މިހާރު ނިންމާފައިވަނީ ކޮންޓްރެކްޓް މުއްދަތު ހަމަވުމުން އިގާލޯ އަލުން އެ ޓީމަށް ގެންނާށެވެ.
ކުރިން ވަޓްފޯޑަށް ކުޅެފައިވާ އިގާލޯ ވަނީ ޔުނައިޓެޑާ ގުޅުނު ފަހުން އެ ޓީމަށް ހަތަރު ގޯލު ޖަހައިދީފަ އެވެ. އޭނާ ބޮޑަށް ބޭނުންކޮށްފައިވަނީ ޔޫރޮޕާ ލީގުގެ މެޗުތަކުގަ އެވެ. ޗައިނާ ލީގު އަންނަ މަހުގައި ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. ކޮވިޑް-19 ގެ ސަބަބުން އެ ގައުމުގެ ލީގު ވެސް އޮތީ ފަސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ