މަޖިލީސް މިގެންދަނީ ތިނޯހެއްގެ ފަގައިން، ގޯހެއް ނުހިނގާނެ: ރައީސް ނަޝީދު

މަޖިލީސް މިގެންދަނީ ތިނޯހެއްގެ ފަގައިން ގެންދާ މިސާލުން ކަމަށާ ގޯހެއް ނުހިނގާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް، މަޖިލީހުގައި ކައުންސިލަރުންގެ ދައުރު ދިގުދަންމާލުމަށް ޤާނޫނު އަސާސީއަށް އިސްލާހު ގެންނަނީ ރަނގަޅަށްތޯ ސުވާލު އުފެއްދެވުމުން އެކަމަށް ޖަވާބުދެއްވަމުންނެވެ.
ތޯރިގް ވިދާޅުވީ ހުށަހަޅާފައިވާ ބިލަކަށް އިސްލާހު ހުށަހަޅާއިރު މަޖިލީހުން ބަލަން ޖެހެނީ މަޖިލިސް ޤަވާއިދުގެ 94 ވަނަ މާއްދާއަށްކަމަށެވެ.
އެގޮތުން މަޖިލީސް ޤަވާއިދުގެ 93 ވަނަ މާއްދާގައި ބުނަނީ އިސްލާހު ހުށަހެޅޭނެ ގޮތް ބަޔާންކޮށްފައި ވާއިރު 94 ވަނަ މާއްދާގައި ބިލަކަށް ހުށަހެޅޭ އިސްލާހަކީ އެ އިސްލާހު ހުށަހެޅޭ މާއްދާ އާއި ގުޅުން ހުރި އިސްލާހަކަށް ވާން ވާނެކަމަށް ބަޔާން ކުރާކަމަށާ، 94 ވަނަ މާއްދާގެ (ހ)ގައި ބިލަކަށް ހުށަހެޅޭ އިސްލާހަކީ އެ އިސްލާހަކާއި ގުޅުން ހުރި އިސްލާހަކަށް ވާން ވާނެ ކަމަށް ބަޔާންކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މިހާރު މަޖިލީހަށް ބިލެތްދޫ ދާއިރާގެ މެމްބަރު ޤާނޫނު އަސާސީއަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ޤާނުނު އަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ހުށަހަޅާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
"ހަމައެކަނި ޤާނޫނުގެ 4 ވަނަ މާއްދާއަށް އިސްލާހު ހުށަހެޅީ. ޤާނޫނު އަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ހުށަހަޅާފައެއް ނުވޭ މިހާރަކު ޗެމްބަރަކު. އެހެންވީމަ މިހާރު ޗެމްބަރުގައި ނެތް މާއްދާއަކަށް އިސްލާހު ހުށަހަޅައިގެން ޤާނުނު އަސާސީގެ ނައްސަކަށް އިސްލާހެއް ހުށައެއް ނޭޅޭނެ. އަޅުގަނޑަށް ފެންނަނީ މިހާރު މިއޮތް ގޮތުން ކަމަށް ވެއްޖެ ނަމަ، މި ބިލު މިހާރު މިތަނުން ބާތިލްކުރުމަށްފަހު އާ ބިލެއް ހުށަހަޅައިގެން ޚާއްސަކޮށް އެމްޑީޕީ މެމްބަރުން ބޭނުންފުޅުވާ ގޮތަށް ކުރިއަށް ގެންދިއުން." އޭނާ ވިދާޅުވިއެވެ.
ތޯރިގްގެ އެ ވާހަކަތަކާއި ގުޅިގެން ރައީސް ނަޝިދު ވިދާޅުވީ މަޖިލިސް ޤަވާއިދުގެ 93 ވަނަ މާއްދާގައި، ކޮމިޓީއަކުން ބިލަކާއި މެދު ރިއާޔަތް ކުރުމަށް މަޖިލީހަށް ހުށަހެޅުމުން ހިނގާ ބަހުސްގެ ވަގުތުގައި އިސްލާހު ހުށަހެޅޭނެކަން ސާފުކޮށް އެނގެން އޮންނަކަމަށެވެ.
އެގޮތުން ހުށަހަޅާ ބިލްގެ މާއްދާ ނުވަތަ އިބާރާތް އުނިކޮށް، އުނިކުރުމަށް ފަހު އޭގެ ބަދަލުގައި އާ މާއްދާއެއް ނުވަތަ އިބާރާތެއް އެއްކުރެވޭނެ ކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
"އިއްޒަތްތެރި މެމްބަރު. އަޅުގަނޑު މިކަން މިގެންދަނީ ހަމަ ތިނޯހެއްގެ ފަގާއިން ގެންދާ މިސާލުގައި. އިރާދަކުރެއްވިއްޔާ މިޔަކު ގޯހެއް ހިނގައިގެން ނުދާނެ. އަދި މި އިޖުރާއަތްތަކަށާ ތަރުތީބުތަކަށާ ދިވެހިރާއްޖޭގެ ސިޔާސީ އަސްލަށާ ދިވެހިރާއްޖެއަށް ދިމާވެފައި މިއޮތް ހާލަތަށާ މި އެންމެ ކަންކަމަށް އިރާދަކުރެއްވިއްޔާ ބަލައިގެން ދިވެހިންނަށް އެންމެ ރަނގަޅު ގޮތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކަން މި ކުރިއަށް ގެންދަނީ" ރައީސް ނަޝީދު ވިދާޅުވިއެވެ.
ނޯޓް: ތިނޯހެއްގެ ފަގައިން ކަމެއް ކުރުމޭ ދިވެހިން ބުނެ އުޅެނީ ހަނި ދޭތެރެއަކުން ނުވަތަ ލިބޭ ކުޑަ ފުރުސަތަކުން ނުވަތަ ވަރަށް ދައްޗާއި ދަތީގައި ކަމެއް ކުރާކަން އެންގުމަށް ބޭނުން ކުރާ ބަހެއްގެ ގޮތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ