އެއްނުވާން އަންގާފައި ވަނިކޮށް މަޖިލީސް ކައިރީ މުޒާހަރާ ކޮށްފި

މިދުވަސްވަރު އެއްވުންތައް ނުބާއްވަން ފުލުހުން އިލްތިމާސްކޮށްފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރިއަށް މުޒާހަރާއަށް އެއްވުމުން އެމީހުން އެ ސަރަހައްދުން ގަދަކަމުން ނެރެ މުޒާހަރާއަށް ހުރަސްއަޅައިފިއެވެ.
ނަވާނަވައި ކިޔާ ހަރަކާތަކުން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފެށިގެން ތައްޔާރުވަމުންއައި މި މުޒާހަރާއަށް މަޖިލީސް ކައިރިއަށް އެއްވީ މިއަދު ހެނދުނު 8:30 ގައެވެ. އޭރު ދިހަވަރަކަށް މީހުން އެތަނުގައި މުޒާހަރާ ކުރަން ފެށުމުން ފުލުހުން ވަނީ ގަދަކަމުން އެމީހުން އެ ސަރަހައްދުން ނެރެފައެވެ. އެވަގުތު ކޮންމެވެސް ވަރެއްގެ ކުރިމަތިލުންތަކެއް ވެސް ދެފަރާތުގެ ދެމެދުގައި ހިނގިއެވެ. ނަމަވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މަޖިލީސް ކައިރިން ދުރަށްޖެއްސުމުން ފަހުން އެމީހުން ވަނީ ހޮޓެލް ޖެން ކަންމަތީގައި އަޑުއުފުލާފައެވެ. މުޒާހަރާގެ ބައިވެރިން ތިބީ މާސްކު އަޅައިގެނެވެ. ނަމަވެސް ގައިދުރުކަމެއް ނުފެނެއެވެ.
“މަޖިލީސް ހޭލައްވާ މުޒާހަރާ” ގެ ނަމުގައި ގާތްގަނޑަކަށް ގަޑިއެއްހާއިރު އަޑުއުފުލުމަށްފަހު މުޒާހަރާ ވަނީ މެދުކަނޑާލާފައެވެ.
އެކިއެކި ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ތިބެ އެމީހުން މައިގަނޑުގޮތެއްގައި އަޑުއުފުލީ ކޮވިޑް-19 އާ ގުޅިގެން މުވައްޒަފުންގެ އެތައް ހައްގުތަކެއް ގެއްލިފައިވާއިރު އެ ހައްގުތައް ހޯދައިދިނުމަށް ނުވަތަ އެކަންކަން ބެލުމަށް ރައްޔިތުންގެ މަޖިލީސް ނުކުޅެދިފައިވާ ކަމަށް ބުނެއެވެ. އެގޮތުން ރިސޯޓުތަކުގެ ކުލި ސަރުކާރުން ފަސްކޮށްދީފައިވާއިރު ވެސް މުވައްޒަފުންނަށް މުސާރަ ނުދިނުމާއި ވަޒީފާއިން ވަކިކުރުންފަދަ ކަންކަމަށް އިންސާފު ހޯދައިދިނުމަށް ގޮވާލިއެވެ.
މީގެ އިތުރަށް މަސައްކަތްތެރިންނަށް ބޭރުން ލިބުނު އެހީ އަވަހަށް ދިނުމަށާއި، ކުލި ދެއްކޭނެ ގޮތެއް ނެތި މަގުމަތިވެފައިވާ މީހުންނަށް ގޮތެއް ހޯދައިދިނުމަށާއި، ވިޔަފާރި ފައިދާއަށްވުރެ އިންސާނީ ހައްގު އިސްކުރުމަށް ވަނީ ގޮވާލާފައެވެ. އަދި ގުޅިފަޅު ހިއްކާ މައްސަލާގައި ވެސް އެމީހުން އަޑުއުފުލިއެވެ. ގުޅިފަޅު ހިއްކުމަކީ ގޯހެއް ކަމަށް ބުނެ އެކަން ހުއްޓާލުމަށް ގޮވާލިއެވެ.
ނަވާނަވައި އަކީ ސިޔާސީ، އިޖުތިމާއީ އަދި އިގުތިސާދީ ގޮތުން ރައްޔިތުން ބާރުވެރިކުރުމަށް މަސައްކަތް ކުރާ ސިޔާސީ ހަރަކާތެކެވެ. ރައްޔިތުންގެ މަޖިލީސް ކައިރީ އެ ހަރަކާތުން މުޒާހަރާ މިކުރީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އިރުޝާދުތަކާ ޚިލާފަށް އެއްވެސް ބަޔަކު އެއްވުންތައް ނުބޭއްވުމަށް ފުލުހުން އިލްތިމާސް ކޮށްފައި ވަނިކޮށެވެ. މީގެ ކުރިންވެސް މިފަދަ މުޒާހަރާތައް މިހަރަކާތުން ބާއްވާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ