ސަރުކާރުގެ ސްޕީޑް ލަސްކަމަކަށް ނުދެކެން: ރައީސް ނަޝީދު

މި ސަރުކާރުގެ މަސައްކަތްތައް ލަސްކަމަށް އެއްވެސް ފަރާތަކަށް ނުބުނެވޭނެ ކަމަށާއި ސަރުކާރުގެ މަސައްކަތްތައް ލަސްކަމަށް ގަބޫލުފުޅު ނުކުރައްވާ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިދައުރަށް ނިމުމާއި ގުޅިގެން ރައީސް ނަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުގެ ސްޕީޑް ލަސްވުމުން އެކަން ފޫބެއްދުމަށް މަޖިލީހުން ގިނަ މަސައްކަތްތަކެއް ކުރާކަމަށް ދެކެވޭ ވާހަކައާއި ގުޅިގެން ވީނިއުސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ހަމަތިބެފައި ޕްރޮޖެކްޓްތައް ނުހިންގާނެ ކަމަށާއި ހުރި ޕްރޮޖެކްޓްތަކުގެ ކަންކަން ކުރިޔަށްދާނީ 2019 ގެ ފަހުކޮޅު ކަމުގައެވެ. ހުރިހާ ޕްރޮޖެކްޓެއްގެ ކަންކަންވެސް ދަނީ ރަނގަޅަށް ރޭވެމުން ކަމަށާއި އެކަންކަން ރައީސުލްޖުމްހޫރިއްޔާ ބައްލަވަމުން ގެންދަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ މިކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް އިތުބާރު އެބައޮތް ކަމުގައެވެ.
" ރައީސުލްޖުމްހޫރިއްޔާ އެބަބައްލަވާ އޭގެ ކޮންމެ ޕްރޮޖެކްޓެއްގެ ފަހު އަކުރަށް ދަންދެން. އަޅުގަނޑަށް ވަރަށް ބޮޑު އިތުބާރެއް އެބައޮތް ރައީސް އިބްރާހީމް މުހައްމަދު ޞާލިހާގެ ބެލެނިވެރިކަމުގެ ދަށުގައި ޕްރޮޖެކްޓްތައްވެސް ބަރާބަރަށް ހިނގާނެކަމާއި އިސްރާފެއްވެސް ނުކުރައްވާނެކަމާއި އަދި އެ ހިނގާ ނިންމާއިރުގައި ހުންނާނީ ރަނގަޅަށް ކަންވެސް. އަޅުގަނޑު އެއްގޮތަކަށްވެސް ނުދެކެން ސަރުކާރު ލަސްކަމަކަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުން ގިނަ މަސައްކަތްތަކެއް ކުރާކަމަށް ދެކެވޭ ވާހަކައަށް އިޝާރާތްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަކީ މަސައްކަތްކުރަން އޮންނަ ތަނެއް ކަމަށާއި މަޖިލީހުގެ މަސައްކަތްތައް މިހާރަށްވުރެ ރަނގަޅު ކުރެވޭނެކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައެވެ.
"އަޅުގަނޑު ހިތަށް އަރަނީ ދެން ކީއްވެބާއޭ އެހެން ވިދާޅުވަނީ؟ މަޖިލީހުގެ މަސައްކަތްތައް ތިން ދުވަހު ކުރަންޖެހޭ. މަޖިލީހުގެ ކޮމެޓީތައް އަބަދު މަސައްކަތް ކުރަންޖެހޭ. މަޖިލީހުގެ އިދާރާގައި އަބަދު މަސައްކަތް ކުރަންޖެހޭ. އަޅުގަނޑުމެން އެންމެންނަކީ ޓެކްސްޕޭޔަރުންގެ ތިބޭފުޅުންގެ ފައިސާއިން މުސާރަދީފައި ތިބޭ ބައެއް. އެހެންވީމާ އަޅުގަނޑުމެންނަށް އެހެން ގޮތެއް ނެތް މަސައްކަތް ކުރުން ފިޔަވައި " ރައީސް ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުގެ މަސައްކަތްތައް މިހާރަށްވުރެ ރަނގަޅަށް އަދި ހަލުއިކޮށް ކުރިޔަށް ގެންދިޔުމަށް ބައްލަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރަމުންދަނީ ސަރުކާރާ ގުޅިގެން ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ