ހައިވޭ ޑިވައިޑަރުތައް ކޮންކްރީޓް ކުރަން ފަށައިފި

މާލެ / ހުޅުލޭ އަދި ހުޅުމާލޭ ގުޅުވައިދޭ ސިނަމާލެ ބްރިޖާއި ގުޅިފައިވާ ހައިވޭގެ މެދުގައި ޖެހި ޕްލާސްޓިކް ޑިވައިޑަރުތައް ކޮންކުރީޓަށް ބަދަލު ކުރުމުގެ މަސައްކަތް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރަން ފަށައިފި އެވެ.
އެޗްޑީސީން ވަނީ މީގެ ކުރިން ހައިވޭގައި ޖަހާފަ ހުންނަ ޕްލާސްޓިކް ޑިވައިޑަރުތައް އެކްސިޑެންޓުތަކުގައި ހަލާކުވަމުންދާތީ، ކޮންކްރީޓަށް ބަދަލު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން ގެންދާ ކަމަަށް ވެސް ބުނެފަ އެވެ. އޭރު ގިނަ ބަޔަކު ވަނީ އެކަމާ ދެކޮޅު ހަދާފަ އެވެ. އަދި ކޮންކްރީޓް ޑިވައިޑަރުތައް ބޭނުން ކުރުމުން އެކްސިޑެންޓުތަކުގައި މީހުނަށް ލިބޭ އަނިޔާ ބޮޑު ވާނެ ކަމަށްވެސް ބުނެފަ އެވެ.
ހައިވޭގެ ޑިވައިޑަރުތައް ކޮންކުރީޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ. އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ އަހްމަދު ސުހެއިލް ވިދާޅުވީ، ޕްލާސްޓިކް ޑިވައިޑަރުތަކުގެ ބަދަލުގައި ކޮންކްރީޓް ޑިވައިޑަރުތައް ބަހައްޓަން ނިންމީ ފުލުހުންގެ ލަފާގެ މަތިން ކަމަށެވެ.
ސުހެއިލް އިތުރަށް ވިދާޅުވީ، ކޮންކްރީޓް ޑިވައިޑަރުތައް ބެހެއްޓުމުގެ މަސައްކަތް ފުރަތަމަ ފަހަރަށް އިއުލާން ކުރުމަށް ފަހު، ފުލުހުންނާއި ކަމާގުޅޭ އެހެން އިދާރާތަކާ ވެސް މަޝްވަރާކުރި ކަމަށެވެ. އަދި ،މަޝްވަރާތަކުގައި ނިންމީ ރޯޑް ޑިވައިޑަރުގެ ގޮތުގައި ކޮންކްރީޓް ބޭނުން ކުރުން ރައްކާތެރި ކަމަށެވެ.
ހައިވޭގައި ހުރި ޕްލާސްޓިކް ޑިވައިޑަރުތަކުގައި ވަނީ ގަސް އިންދަން ނިންމާފަ އެވެ. ނަމަވެސް ގަސް އިންދުމުގެ މަސައްކަތް ކުރިއަށް ނުގެންދެވިގެން އުޅެނިކޮށް އެކްސިޑެންޓުތަކުގައި ހައިވޭގެ ޑިވައިޑަރުތަކުގެ ބޮޑުބައި ވަނީ ހަލާކުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ