ނަޝީދު އަނެއްކާވެސް މުގައްރަރު ބަދަލު ކުރާ ވާހަކަ ދައްކަވައިފި

ރާއްޖެ ސަލާމަތް ކުރުމަށްޓަކައި ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ސްކޫލުތަކުގެ މުގައްރަރު ބަދަލުކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރޭގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ، އިސްލާމްދީނުގެ ނަމުގައި ހިނގަމުންދާ ކަންކަމަށް ބަލައި ރާއްޖޭގެ މުސްތަގުބަލް ސަލާމަތް ކުރުމަށް މިވަގުތު އެންމެ މުހިންމު އެއް ކަމަކީ ރާއްޖޭގެ މަދަރުސާތަކުގެ މުގައްރަރު އިސްލާހު ކުރުން ކަމަށެވެ. ނަޝީދު ވިދާޅުވީ މިހާރުގެ ދަރިވަރުންގެ ފޮތްތަކުގައި ރުޅިވެރިކަމާއި ނަފްރަތު އުފެދޭ ވާހަކަތައް ގިނަ ކަމަށެވެ. ރާއްޖެ ސަލާމަތް ކުރެވޭނީ ތައުލީމީ މުގައްރަރު ބަދަލުކޮށްގެން ނަޝީދު ވިދާޅުވުމާއެކު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ނަޝީދަށް ފާޑު ކިޔަމުންނެވެ. އެގޮތުން، އެމަނިކުފާނު ބޭނުންފުޅުވަނީ ރާއްޖެ ކޮންކަމަކުން ސަލާމަތް ކުރަންތޯ ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. ސްކޫލްތަކުގެ މުގައްރަރު ބަދަލުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވިއިރު، އެމަނިކުފާނުގެ ވެރިކަމުގައި މުގައްރަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަސައްކަތްތަކެއް ކުރެއްވިއެވެ. އެގޮތުން، 2012 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 19 ވަނަ ދުވަހު އަމިއްލަފުޅަށް އިސްތިއުފާ ދެއްވި ކުރީގެ ރައީސް ނަޝީދު ވޮޝިންޓަން ޕޯސްޓް ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ ނަޝީދުގެ ވެރިކަމުގައި އިސްލާމީ ތައުލީމް ހަނިކޮށްފައިވާނެ ކަމަށާއި 30 އަހަރުވަންދެން ގުޅުން ކަނޑާލާފައި އޮތް އިޒްރޭލާއިވެސް ގުޅުން ބަދަހިކޮށްފައިވާނެ ކަމަށެވެ. ހަމަ އެބަސްދީގަތުމުގައި ނަޝީދު ވިދާޅުވެފައިވަނީ، ރާއްޖޭގައި ބުރުގާ އަޅަން މަޖުބޫރު ކުރުވާފައި ތިބި އަންހެނުންގެ ސަލާމަތަށްޓަކައިވެސް ނަޝީދުގެ 3 އަހަރުވީ ވެރިކަމުގައި މަސައްކަތް ކުރައްވާފައިވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ