ރައީސް ޔާމީން މިނިވަންކުރުމަށް ބޭރުގެ ޖަމާއަތަކުން ގޮވާލައިފި

ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ބޭރުގެ ޖަމާއަތަކުން ގޮވާލައިފިއެވެ.
މަނީ ލޯންޑަރިންގެ ދައުވާ އުފުލައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ރައީސް ޔާމީން މިނިވަންކުރުމަށް މިއަދު ގޮވާލާފައިވަނީ އެލަޔަންސް އޮފް ކޮންޒަވޭޓިވްސް އެންޑް ރިފޯމިސްޓް އިން ޔޫރަޕް (އޭސީއާރުއީ) އިންނެވެ. އެ ޖަމާއަތަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ހަރުދަނާކުރުމަށް އުފައްދާފައި އޮންނަ ޖަމާއަތެކެވެ. މި ޖަމާއަތުގެ މެންބަރުންގެ ގޮތުގައި 21 ގައުމެއް އޮވެއެވެ.
އޭސީއާރުއީން ނެރުނު ބަޔާނެއްގައި ވަނީ ރައީސް ޔާމީން ހައްޔަރުކޮށްފައިވަނީ ސިޔާސީ މަގުސަދެއްގައި ކަމަށެވެ. އެގޮތުން އެމަނިކުފާނު ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ގިނަ ކެންޑިޑޭޓުންތަކެއް ވާދަކުރުމަށް ތައްޔާރުވަމުން ދަނިކޮށް ކަމަށެވެ. އެހެންކަމުން މިދަނޑިވަޅުގައި ރައީސް ޔާމީން ހައްޔަރުކުރުމަކީ ޕީޕީއެމްގެ ކެންޑިޑޭޓުންގެ ކެމްޕޭނަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށް އޭސީއާރުއީން ވަނީ ބުނެފައެވެ.
އެ ޖަމާއަތުން ވަނީ ޑިމޮކްރެސީއަށް އިހުތިރާމްކުރުމަށާއި ކުރިއަށް އޮތް އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއްކަން ކަށަވަރުކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަން ބެލުމަށް ޔޫރަޕިއަން ޔޫނިއަންގެ މޮނިޓަރިން ޓީމެއް ފޮނުވުމަށް އީޔޫއަށް ވެސް ވަނީ ގޮވާލާފައެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުވާކުރާ މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އެއަމުރު ހައިހޯޓުގައި އިސްތިއުނާފު ކުރުމުން އެކޯޓުން ވަނީ މައްސަލަ ބަލައިގެންފައެވެ.
ރައީސް ޔާމީން ހައްޔަރުކުރުމުން މިނިވަން އިންތިޚާބެއް ބާއްވާނެ މިނިވަން މާހައުލެއް ނެތް ކަމަށް ބުނެ ޕްރޮގްރެސިވް ކޯލިޝަނުން ވަނީ އިންތިޚާބު ފަސްކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހަށާއި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ. ނަަމަވެސް އިންތިޚާބު ފަސްކުރަންޖެހޭ ސަބަބެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެޕާޓީތަކަށް އަންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ