ވާޖިބުތައް އަދާކުރުމުގައި، ހިތްވަރާއި ނުގުޑާ ފަދަ އަޒުމެއްގައި ތިބުމަށް ސިފައިންނަށް ރައީސް އިލްތިމާސްކުރައްވައިފި

ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރާ މަތިކުރެވިފައިވާ، މަދަނީ އަދި އަސްކަރީ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި، ހިތްވަރާއި ނުގުޑާ ފަދަ އަޒުމެއްގައި، ސާބިތުވެ ތިއްބެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ދިވެހި ސިފައިންނަށް އިލްތިމާސް ކުރައްވައިފިއެވެ.
މިރޭ ބެއްވި ސިފައިންގެ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މަދަނީ އަދި އަސްކަރީ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި، ހިތްވަރާއި ނުގުޑާ ފަދަ އަޒުމެއްގައި، ސާބިތުވެ ތިއްބެވުމަށް ދިވެހި އަސްކަރިއްޔާއަށް އިލްތިމާސް ކުރާ ކަމަށާއި ދިވެހި އަސްކަރީއްޔާއަށް ހުރިހާ ރޮނގަކުން ތަރައްގީއާއި ކުރިއެރުން އެދޭ ކަމަށެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދިވެހި ސިފައިންނަކީ، އަސްކަރީ އަހްލާގަށާއި އަސްކަރީ ހުނަރަށް އަހުލުވެރިވެފައިވާ، އަދި ގާނޫނަށް ހުރުމަތްތެރިކޮށް ހިތާ ބައެއްކަން އެމަނިކުފާނު ޔަގީން ކުރައްވާ ކަމަށެވެ.
އަދި ގައުމީ ދިފާއީ ބާރުގެ ހިދުމަތްތައް ލާމަރުކަޒީ ކުރުމަށްޓަކައި މިހާރު ގާއިމްކޮށްފައި ހުރި އޭރިޔާ ކޮމާންޑްތަކުގެ ހިދުމަތް ފުޅާކޮށް، ރައްޔިތުންނާ ވީހާ ގާތުން ހިދުމަތް ދިނުމަށްޓަކައި، ކޯސްޓްގާޑާއި ފަޔަރުގެ ހިދުމަތް ހިމެނޭ ގޮތުން އިތުރު އައުޓްޕޯސްޓްތައް ގާއިމުކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ