ޕްރެސްތަކުގައި ރެފްރީންގެ ވާހަކަ ދެެއްކުން މަނާ ކޮށްފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޕްރި މެޗު އަދި ޕޯސްޓް މެޗު ނޫސްވެރިންގެ ކޮންފަރެންސްތަކުގައި ރެފްރީންގެ ވާހަކަ ދެއްކުން މަނާ ކަމަށް އެފްއޭއެމުން ބުނެފި އެވެ. ލީގުގައި މިހާތަނަށް ތިން ހަފުތާގެ ކުޅުން ނިމި ހަތަރު ވަނަ ހަފުތާގެ ކުޅުން ފަށާފައިވާ އިރު، އެފްއޭއެމުން މިއަދު ބުނީ ޕްރެސްތަކުގައި ރެފްރީންގެ ވާހަކަ ނުދެއްކޭނެ ކަމަށެވެ. އެފްއޭއެމުން ބުނީ ލީގު ފެށުމުގެ ކުރިން ކުލަބުތަކާއި، އެފްއޭއެމްއާ ދެމެދު ކޯޑް އޮފް ކޮންޑަކްޓްގެ އެއްބަސްވުމެެއްގައި ސޮއި ކުރި ކަމަށާއި، އެ ގަވާއިދުގައި ބުނާ ގޮތުން އެއްވެސް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރެފްރީންގެ ނިންމުންތަކުގެ ވާހަކަ ނުދެއްކޭނެ ކަމަށެވެ. އެފްއޭއެމުން ބުނީ ރެފްރީންގެ ނިންމުންތަކަށް ހިތްހަމަ ނުޖެހިއްޖެ ނަމަ އެކަން ހުށައަޅަން ޖެހޭނީ ލީގުގެ އިންތިޒާމީ ކޮމިޓީއަށް ކަމަށާއި، އެ ނޫން ގޮތަކަށް ކްލަބްތަކާއި، ކޯޗުން ރެފްރީންގެ ވާހަކަ ނުދެއްކޭނެ ކަމަށެވެ. ލީގުގެ ފުރަތަމަ ދެ ހަފުތާ ކުޅުނު އިރު، މެޗުތަކަށް އިންސާފު ކޮށްފައިވަނީ ދިވެހި ރެފްރީންނެވެ. އެކަމަކު ތިންވަނަ މެޗު ވީކުގެ ކުރިން އެފްއޭއެމުން ވަނީ ބިދޭސީ ހަތަރު ރެފްރީން ގެނެސް، ލީގުގެ ބާކީ އޮތްބައިގައި އެ ރެފްރީން ބޭނުން ކުރާނެ ކަމަށް ބުނެފަ އެވެ. އެފްއޭއެމުން ގެނައި ހަތަރު ރެފްރީންނަކީ މެލޭޝިއާގެ ފީފާން ތިން ރެފްރީންނާއި، ސިންގަޕޫރުގެ ރެފްރީއެކެވެ. މި ރެފްރީންނަކީ އޭއެފްސީއާއި ފީފާގެ މުބާރާތްތަކުގައި އަދި މެލޭޝިޔާއާއި ސިންގަޕޫރުގެ ލީގުތަކުގައި ވެސް ރެފްރީކަން ކޮށްފައިވާ ރެފްރީންތަކެކެވެ. އަދި މާދަމާ ކުޅޭ ލީގު މެޗުތަކުން ފަށައިގެން މި ރެފްރީން ހަރަކާތްތެރިވާން ފަށާނެ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ. އެފްއޭއެމުން ބުނީ، ދިވެހި ޕްރިމިއާ ލީގަށ ބިދޭސީ ރެފްރީން ގެނައީ މައިގަނޑު ދެ ސަބަބަކަށްޓަކައި ކަމަށެވެ. އެއީ ބިދޭސީ ރެފްރީންނާ އެކު މަސައްކަތްކޮށް، ދިވެހި ރެފްރީންނަށް ތަޖުރިބާ ހޯދައިދިނުމާއި، ދުނިޔޭގެ އެހެން ގައުމުތަކުގެ ލީގުގައި ބިދޭސީ ރެފްރީންނަށް ފުރުސަތު ދެމުންދާތީވެ، އެ އުސޫލުން އަމަލު ކުރުމަކީ ބޭނުންތެެރި ކަމެއް ކަމުގައި ވާތީ ކަމަށް އެފްއޭއެމުން ވަނީ ބުނެފަ އެވެ. އަންނަ އަހަރަށް ރާއްޖޭން ފީފާ ބެޖް ލިބޭ ރެފްރީން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ދާދި ފަހަކުން ކަނޑައަޅައިފި އެވެ. އެއީ ތިން ރެފްރީން ކަމަށްވާ މުހައްމަދު ޖާވިޒް (ޖޭޑް) އާއި އާދަމް ފަޒީލް އަދި ހުސެއިން ސިނާންގެ އިތުރުން ތަޖުރިބާކާރު ދެ އެސިސްޓަންޓް ރެފްރީން ކަމަށްވާ ޖައުފަރު ރަޝީދު އާއި އަހުމަދު އަބްދުﷲ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ