މާލެއިން ފުރަން ދިޔަ އިންޑިއާ މީހަކު "ބޮމެކޭ" ބުނެގެން ހައްޔަރު ކޮށްފި

މާލެއިން ފުރަން ދިޔަ އިންޑިއާ މީހަކު އެއާޕޯޓްގައި ހުރި 'ބޮމެކޭ' ބުނެ ވާހަކަ ދައްކާފައިވާ ކަމަށް ތުހުމަތު ކުރާ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ އުމުރުން 28 އަހަރުގެ މި މީހާ ހައްޔަރު ކުރީ މިމަހުގެ 28 ވަނަ ދުވަހުގެ 13:30 ހާއިރު ކަމަށާއި ރިމިނަލް ކޯޓުން ވަނީ މިމީހާގެ ބަންދުގެ މުއްދަތަށް 5 ދުވަހުގެ މުއްދަތު ކަނޑައަޅާފައެވެ.
ކޯޓުން ކުރި އަމުރުގައި ވަނީ ތުހުމަތަށް ހައްޔަރުކުރެވުނު ފަރާތް ރިމާންޑް ޖަލެއްގައި ބެހެއްޓުމަށެވެ. އަދި އޭނާ ބަންދުކުރުމަށް އަމުރު ކޮށްފައި ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށާއި، ފުރައިގެން ގޮސްދާނެ ކަމަށް ބަލާފައެވެ.
ރާއްޖޭގައި ޓެރަރިޒަމްގެ މައްސަލަތައް ފެމަތިވަމުން އަންނަ އިރު ދާދި ފަހުންވެސް ފުލުހުންގެ ޓާސްކް ފޯހެއް ގުޅިގެން ވަނީ ޓެރަރިޒަމް އަމަލެއް ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބި އެ މަސައްކަތް ހުއްޓުވުމަށް ހަރަކާތްތެރިވެފައެވެ. އެ ގޮތުން މިދިޔަ އަހަރު ފަހުކޮޅު ފުލުހުން ވަނީ ކަނޑުމަތީގައި އާއި މާލެ ސަރަހައްދާއި ތ. ތިމަރަފޫށީގައި ހާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ. މި މައްސަލައިގައި 8 މީހަކު ފުލުހުން ހައްޔަރުކޮށްފައި ވެއެވެ. އެއީ ތިމަރަފުށިން ހައްޔަރު ކުރި 4 މީހުންގެ އިތުރުން މާލެއިން ހައްޔަރު ކުރި އެކަކާއި ލަނޑާ ނަގާ ދޯންޏަކުން ހައްޔަރު ކުރި ތިން މިީހުންނެވެ.
މީގެ އިތުރުން 2019 ވަނަ އަހަރު ފަހު ކޮޅު ރ. މަޑުއްވަރީން ވެސް ހަރުކަށި ފިކުރުގެ މައްސަލައެއް ފެންމަތިވެގެން އެރަށަށް ފުލުހުން އަރައި ހާއްސަ އޮޕަރޭޝަނެއް ހިންގާ ގެތަކާއި ދޯނި ފަހަރުތައް ވަނީ ބަލައި ފާސްކޮށްފައެވެ. އެ ރަށުން ފެނުނު ހެކިތަކާ އެކު ބަޔަކު ހައްޔަރުވެސް ކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ