ސިފައިންގެ ވަޒީފާއަށް ކުރިމަތިލުމުގެ މުއްދަތު އަނެއްކާވެސް އިތުރު ކޮށްފި

ސިފައިންގެ ވަޒީފާއަށް ކުރިމަތިލުމުގެ މުއްދަތު އަނެއްކާވެސް އިތުރު ކޮށްފި އެވެ.
ސިފައިންގެ ވަޒީފާއަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަން އެމްއެންޑީއެފުން އެންމެ ފުރަތަމަ އިއުލާނުކޮށްފައިވަނީ މި މަހުގެ ތެރޭގަ އެވެ. އެގޮތުން މިމަހުގެ 17 ވަނަ ދުވަހުގެ ކުރިން ވަޒީފާ އަށް ވަންނަން ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހެޅުމަށް ޑިފެންސް މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ބުނެފައެވެ. ނަމަވެސް އެ ތާރީހު ބަދަލު ކޮށް ވަޒީފާއަށް އެދި ހުށަހެޅުމުގެ ފަހު ތާރީހު ކަމުގައި އަންނަ މަހުގެ 31 އަށް ވަނީ ބަދަލު ކޮށްފަ އެވެ. އޭގެ ފަހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ވަޒީފާ އަށް ކުރިމަތިލުމުގެ މުއްދަތު ފެބްރުއަރީ ހަތަރަކަށް އިތުރުކޮށްފައިވާ ކަމަށެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނު އިބްރާހިމް އާޒިމް "ވަން" އަށް ވިދާޅުވީ ސިފައިންގެ ވަޒީފާ އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރަނީ ގިނަ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ. އަދި މިހާރުވެސް ގިނަ ޒުވާނުންތަކެއް މި ވަޒީފާ އަށް ކުރިމަތިލާފައިވާ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއް ކަމުގައި ވުމާއި ދަށް ވެގެން ޖީސީއީ އޯ ލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުމާއި އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި ސިފައިންގެ ވަޒީފާ އަދާކުރެވޭ ފަދަ ސިއްހަތެއްގައި ހުރި މީހަކު ކަމުގައި ވުން ހިމެނެއެވެ.
މީގެ އިތުރުން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމާއި އިސްކޮޅު (ފިރިހެން: 5 ފޫޓް 5 އިންޗި، އަންހެން: 5 ފޫޓް 3 އިންޗި) ފުރިހަމަވުމާއި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުން ހިމެނެ އެވެ.
ވަޒީފާ ފޯމް ހުށަހަޅާނީ އެމީހަކު އިންޓަވިއުއަށް ހާޒިރުވާން ބޭނުންވާ އޭރިއާއަކުން ފޯމް ބަލައިގަންނަން ކަނޑައަޅާފައިވާ މަރުކަޒަކަށެވެ. އަދި ވަޒީފާ އަށް އެދި ހުށަހަޅާ ފަރާތްތަކުން ފޯމް ފުރިހަމަކުރުމަށްފަހު
address: [email protected] މެއިލް ކުރުމަށް ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ