އިދިކޮޅު އެއްވުމަކުން ހަ މީހަކު ހައްޔަރު ކޮށްފި

އިދިކޮޅު އެއްވުމުގެ ތެރެއިން ހަ މީހަކު ހައްޔަރު ކޮށްފި އެވެ.
ކްރިމިނަލް ކޯޓް ސަރަހައްދުގައި އިދިކޮޅު ކޯލިޝަންގެ މެންބަރުން އިހުތިޖާޖެއް ކުރަމުން ދަނީ މިއަދު އެ ކޯޓްގައި ކުރިއަށްދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތާއި ދިމާކޮށެވެ.
ކްރިމިނަލް ކޯޓްގައި މިއަދު ކުރިއަށް ދަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ އަޑުއެހުމެކެވެ. މި ދެ ދައުވާ އުފުލާފައި ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.
އިދިކޮޅުގެ ސަޕޯޓަރުން ގެންދަނީ ރައީސް ޔާމީން މިނިވަން ކުރުމަށާއި ޝަރީއަތަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށް ގޮވާލަމުންނެވެ.
އެއްވުމުގެ ތެރެއިން ހަ މީހަކު ހައްޔަރު ކޮށްފައިވާއިރު އޭގެ ތެރޭގައި ޕީޕީއެމް ކައުންސިލްގެ ތިން މެންބަރަކުވެސް ހިމެނެއެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ. އިދިކޮޅު ދެ ޕާޓީގެ އިސްވެރިންވެސް ބައިވެރިވާ މި އިހުތިޖާޖުގައި ދެ ޕާޓީގެ އާންމު މެންބަރުން ގެންދަނީ އެކި ޝުއޫރުތައް ލިޔެފައިވާ ބެނާތަކާ ޕޯސްޓަރުތައް ހިފައިގެން ތިބެ އަޑުއުފުލަމުންނެވެ.
އެ ސަރަހައްދުގައި ވަރަށް ގިނަ އަދަދެއްގެ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އިދިކޮޅު ސަޕޯޓަރުން ކޯޓާ ކައިރިވުމުގެ ފުރުސަތު ނުދޭން ބެރިކޭޑް ޖަހާ އެ ސަރަހައްދު ބަންދުކޮށް ފުލުހުން ދަނީ ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ