ދުއާއަކީ ޔާމީނަށް ވީހާވެސް އަވަހަކަށް ލުޔެއް ލިބި މިނިވަންވުން: ނަޝީދު

ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވީހާވެސް އަވަހަކަށް ލުޔެއް ލިބިވަޑައިގެން މިނިވަން ވުމަށް އެދި ދުއާ ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެގޮތުން މިއަދުގެ ޖަލްސާގައި ދައުލަތުން ހުށަހެޅި ބަޖެޓް ދިރާސާކޮށް ކޮމިޓީން ތައްޔާރުކުރި ރިޕޯޓަށް ބަހުސް ކުރައްވަމުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވަނީ ޔާމީން ޖަލުގައި އޮންނަވާތާ އެއް އަހަރު ދުވަސް ފާހަގަކުރުމަށް އިދިކޮޅުން ކުރިއަށް ގެންދިޔަ ހަރަކާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ނިޒާމީ މައްސަލަ ނަންގަވައި ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމު ވިދާޅުވީ ޔާމީނަށް ފަސް އަހަރުގެ ހުކުމެއް ޖަހާފައި ވަނީ ނުހައްގުން، ނާއިންސާފުން ކަމަށެވެ. އަދި ޔާމީން ނުފިއްލަވާނެ ކަމަށާއި ޖަލުގައި ފަސް އަހަރު އޮންނަވަން ޖެހިވަޑައިގެންފިނަމަ އެކަން ވެސް އެމަނިކުފާނު ކުރައްވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"އެއީ ސީދާ ނަހަލާލު ހުކުމެއް އެއީ، ދަށު ކޯޓުގައި ހުރި ފަނޑިޔާރު އެހެރީ މިހާރު މަތީ ކޯޓަށް ލައިފައި، އެ ހުކުމް ޖެހީތީވެ" ޝިޔާމު ވިދާޅުވިއެވެ.
ޝިޔާމުގެ އެ ވާހަކަތަކާ ގުޅިގެން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ "އަޅުގަނޑު ވެސް ދުއާ ކުރާނީ ރައީސް ޔާމީނަށް ވީހާވެސް އަވަހަކަށް ލުޔެއް ލިބި މިނިވަން ވުމަށް" ކަމަށެވެ.
ޔާމީން ފަސް އަހަރަށް ޖަލަށްލި މައްސަލައިގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު އެ މައްސަލަ މިހާރު އޮތީ ހުކުމާއި ހަމައަށް ގޮސްފައެވެ. އަދި ޔާމީންގެ މައްޗަށް ދައުލަތުން ވަނީ އިތުރު އާ ދެ ދައުވާއެއް އުފުލާފައެވެ.
ޔާމީންގެ މައްޗަށް ދައުލަތުން އެންމެފަހުން އުފުލީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ.
މި ދެ ދައުވާ ޔާމީންގެ މައްޗަށް އުފުލީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އަހުމަދު ކްރިކް ރިޟާ ނަމަކަށް ކިޔާ މީހެއް މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ މައްސަލައާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ