ތޫނު އެއްޗެއްސާއެކު އެރި ބަޔަކު ދޯންޏަށް އެރީ ދޯންޏާ ހަވާލުވާން!

ލ އަތޮޅު އެތެރެ ވަރި ވަޑިނޮޅު ކަނޑުގައި ތޫނު އެއްޗެއްސާއެކު ބަޔަކު މަސް ދޯންޏަކަށް އެރީ އެ ދޯންޏާ ހަވާލުވާން ކަމަށް ބައެއް މަސްދަރުތަކުން ބުނެފިއެވެ. މި މައްސަލައިގައި ފުލުހުން ބުނީ، ބަޔަކު ތޫނިު އެއްޗެހި ހިފައިގެން ދޯންޏަށް އަރާފައި ވާކަމަށް ބެލޭ ކަމަށާއި، އެ ހަތިޔާރު ދޯނީގައި ހުރި ކަމަށެވެ. އަދި މިހާރު އެ ހަތިޔާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި ކަމަށްވެސް ބުނެއެވެ.
ފުލުހުން ބުނީ ރޭ 11:55 ހާއިރު ލ އަތޮޅު އެތެރެ ވަރި ވަޑިނޮޅު ކަނޑުގައި އޮތް މަސް ދޯންޏެއް ބަލައި ލޯންޗެއްގައި ބަޔަކު އެ ދޯންޏަށް ދިޔަކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެމައްސަލަ އާ ގުޅިގެން ފުލުހުން މައުލޫމާތު ސާފު ކުރި ކުރުމުން އެ ދޯނި ލ. ގަމު ތުނޑި އަށް ކައިރި ކުރަން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ދޯންޏަށް ގޮސް ބެލިބެލުމުން ދޯންޏަށް އިތުރު ބަޔަކު އަރާފައިވާ ކަމަށާއި ނަމަވެސް އެއްވެސް މާރާމާރިއެއް ހިންގާފައި ނުވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް ދޯންޏަށް ގެންދިޔަ ކަމަށް ބެލެވޭ ތޫނު އެއްޗެހި ދޯނި ތެރޭ ހުރުމުން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މިހާތަނަށް އެނގިފައިވާ ގޮތުން އެއީ އެއްބަސްވުމެއްގެ ދަށުން ގަނެފައިވާ ދޯންޏަކަށް ވެފައި އެއްބަސްވުމަށް އަމަލު ނުކުރާ ކަމަށް ބުނެ ދޯންޏަށް ދިޔަ ބަޔަކު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެ މައްސަލާގައި ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ކަންކަން ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ތޫނު އެއްޗެއްސާ އެކު ގްރޫޕަކުން އަރާފައި ވަނީ ސ. ހިތަދޫގައި ދުއްވާ 'ފަސްކުރި' ނަަމަކަށް ކިޔާ ދޯންޏަށެވެ.
ދޯންޏަށް އެރި މީހުންގެ ސީދާ އަދަދު ސާފު ނުވި ނަމަވެސް 30 ވަރަކަށް މީހުން އެެކި ހަތިޔާރާ އެކު ދޯންޏަށް އަރާފައި ވާ ކަމަށް އެ ދޯންޏާ ހަވާލާދީ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ