އެފްއޭ ކަޕު: ލިވަޕޫލް ބަލިކޮށް، ޔުނައިޓެޑް މުބާރާތުގެ ފަސް ވަނަ ބުރަށް

އިނގިރޭސި އެފްއޭ ކަޕުގެ ހަތަރުވަނަ ބުރުގައި ލިވަޕޫލް ބަލިކޮށް، ފަސްވަނަ ބުރުން މެންޗެސްޓާ ޔުނައިޓެޑް ދަތުރުކޮށްފި އެވެ.އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. ރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ލިވަޕޫލުންނެވެ. ރޮބާޓޯ ފިރްމީނޯ ދިން ޕާހަކުން މެޗުގެ 18 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ސަލާހެވެ. އެކަމަކު އޭގެ އަށް މިނެޓު ފަހުން މާކަސް ރަޝްފޯޑް ތަނަވަސްކޮށްދިން ފުރުސަތަކުން މޭސަން ގްރީންވުޑް ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.ދެ ވަނަ ހާފް ފެށިގެން ތިން މިނިޓް ތެރޭ ޔުނައިޓެޑުން ލީޑުނެގީ ރެޝްފޯޑް ޖެހި ގޯލުންނެވެ. މިއީ ލިވަޕޫލްގެ ޒުވާން ޑިފެންޑަރު ރީސް ވިލިއަމްސް އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޔުނައިޓެޑުން ޖެހި ގޯލެކެވެ. އެކަމަކު އޭގެ 10 މިނެޓު ފަހުން ސަލާހު ވަނީ އިތުރު ލަނޑެއް ޖަހައި ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި މެޗުން ޔުނައިޓެޑް މޮޅުވީ މެޗުގެ 78 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ބްރޫނޯ ފެނާންޑޭސް ކާމިޔާބުކުރި ލަނޑުންނެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ލިބުނު ހިލޭ ޖެހުމަކުންނެވެ. އިނގިރޭސި ޕްރިމިއަރ ލީގުގެ އެއްވަނައިގައި ވެސް މިވަގުތުއޮތް ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ މެޗުގެ ކުރީކޮޅުގައި ލިވަޕޫލުން ލީޑުނެގި ނަމަވެސް ޔުނައިޓެޑުން އަލުން މެޗުގެ ތެރެއަށް އައިސް ރަނގަޅު ކުޅުމެއް ދައްކައި މި ހޯދީ މުހިއްމު މޮޅެއް ކަމަށެވެ. މިއީ ޔުނައިޓެޑް އަތުން ބަލިވެ އެފްއޭ ކަޕުން ލިވަޕޫލް ކެޓި 10 ވަނަ ފަހަރެވެ. ފަސް ވަނަ ބުރުގައި ޔުނައިޓެޑް އަންނަ މަހު ނުކުންނާނީ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ ފެބްރުއަރީ 10 ނޫނީ 11 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ