މުއައްސަސާތަކަށް ބަޖެޓް ނެތުމުން ކޮރަޕްޝަންގެ މައްސަލަތައް ނުބެލޭ: ޔާމީން

ބަޖެޓް ނެތުމުގެ ސަބަބުން ސަރުކާރުގެ ހުރިހާ ކޮރަޕްޝަންގެ އަމަލުތަށް ބެލޭނެ ގޮތެއް ނެތް ކަމަށް ޕީޕީއެމްގެ ޕާލަމެންޓަރީ ގުރޫޕުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އިން ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި އެ ޕާޓީގެ ދެ ވަނަ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ މިނިވަން މުއައްސަސާތަކަށް ސަރުކާރުގެ ހުރިހާ ކޮރަޕްޝަންގެ އަމަލުތައް ބެލެވޭ ވަރުގެ މާލީ ތަނަވަސްކަމެއް ލިބިފައި ނުވާ ކަމަށެވެ. މިނިވަން މުއައްސަސާތަކަށް އެވަރުގެ މާލީ ތަނަވަސްކަމެއް ލިބިފައި ނުވަނީ ބަޖެޓްގައި އެ މުއައްސަސާތަކަށް ކަނޑައަޅާފައިވާ ފައިސާ ނުދީ ސަރުކާރުން ހިފަހައްޓާފައި ވާތީ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"ދައުލަތުގެ ބަޖެޓް ދިރާސާ ކުރާ މަޖިލީހުގެ ކޮމެޓީ އަށް ވަޑައިގެން ކޮންމެ މުއައްސަސާއަކުން ދައްކަވާ ވާހަކައަކީ ތިމަންނަމެންނަށް މަޖިލީހުން ބަޖެޓަށް ކަނޑައަޅާފައިވާ ފައިސާ އަދިވެސް ނުލިބެޔޭ،" ޔާމީން ވިދާޅުވި އެވެ.
ބަޖެޓްގައި ކަނޑައަޅާފައިވާ ފައިސާ ސަރުކާރުން ދޫކޮށްފައި ނުވާކަމުގެ ޝަކުވާ މިނިވަން މުއައްސަސާތަކުން ބަޖެޓް ދިރާސާ ކުރާ ކޮމެޓީގައި ބުނެފައިވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ބަޖެޓް ނުދީ ހިފެހެއްޓުމުގެ އިތުރުން ސަރުކާރުން މިނިވަން މުއައްސަސާތަކުގެ ބޭފުޅުންނަށް ފުރައްސާރަކޮށް އެތަންތަނުގެ ބޭފުޅުންގެ ފަރުދީ މިނިވަން ކަމަށް ވެސް އަރައިގަންނަމުންދާ ކަމަށާއި އެކަމުގެ ސަބަބުން މުއައްސަސާތަކަށް މަސައްކަތް ކުރުމަށް ދަތިވެފައިވާ ކަމަށެވެ.
މިނިވަން މުއައްސަސާތަކަށް ދިނުމަށް މަޖިލީހުން ކަނޑައެޅި ބަޖެޓް ނުދީ ހިފަހައްޓާފައިވާ އިރު ސަރުކާރުން މަޖިލީހަށް ހުށަހެޅި އަންނަ އަހަރުގެ ބަޖެޓްގައި އިޚުތިޔާރީ ގޮތަކަށް ޚަރަދު ކުރުމަށް ދެ ބިލިއަން ރުފިޔާ ބަޖެޓްގައި ސަރުކާރުން ހިމަނާފައިވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެ ފައިސާ އަކީ ރައީސް ނަޝީދު ބޭނުންފުޅު ގޮތަކަށް ޚަރަދުކުރެއްވުމަށް ހިމަނުއްވާފައިވާ ފައިސާ ކަމަށާއި އެފަދަ ގޮތަކަށް ބަޖެޓްގައި ހިމަނާ ފައިސާ އަކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޚަރަދުކުރުމަށް ހިމަނާ ފައިސާއެއް ކަމަށެވެ.
"ރައީސް ނަޝީދު ބޭނުންފުޅު ގޮތަކަށް ޚަރަދު ކުރައްވަން މި ބަޖެޓްގައި އެބައޮތް ދެ ބިލިއަން، ދެ ހާސް މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމަނާފައި. އިޚުތިޔާރީ ގޮތަކަށް ޚަރަދު ކުރުމަށް ޖަހާ ކޮންމެ ފައިސާ އަކީ ކޮރަޕްޝަނަށް މަގުފަހިވާ ފައިސާއެއް. މިއީ ކޮރަޕްޝަންގެ ހާލު ހުރި ގޮތް،"ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ