އޭޑީކޭގައި ކެންސަރ ކްލިނިކްގެ ޚިދުމަތް ފުޅާކުރުން

އޭ.ޑީ.ކޭ ހޮސްޕިޓަލުގައި އަލަށް ޤާއިމުކުރި ކެންސަރ ކްލިނިކުން މިހާރު ދެމުން އަންނަ ޙިދުމަތްތައް އިތުރަށް ފުޅާކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އަފްޢާލް ވިދާޅުވެއްޖެއެވެ. އޭ.ޑީ.ކޭ ހޮސްޕިޓަލްގައި ކެންސަރު ބައްޔަށް ފަރުވާ ދޭ ކްލިނިކެއް ޤާއިމުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހުއެވެ.ކެންސަރު ބައްޔަކީ ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ އެއް ބައްޔެވެ. އެގޮތުން ކޮންމެ އަހަރަކު 14 މިލިއަން މީހުންނަށް ކެންސަރު ޖެހޭކަމަށާއި، އޭގެ ތެރެއިން 8 މިލިއަން މީހުން އެ ބަލީގައި މަރުވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖެއަށް ބަލާލިކަމުގައިވިޔަސް، ގިނަ މީހުން ބޮޑު ޚަރަދެއްކުރާ، އަދި އެ ބައްޔަކަށް ފަރުވާ ހޯދުމަށް އެންމެ ގިނައިން ރާއްޖޭން ބޭރަށް ދަތުރުކުރާ އެއް ބައްޔަކީވެސް ކެންސަރު ބައްޔެވެ. ކެންސަރު ބައްޔަށް ފަރުވާދެވޭނެ އެކަށީގެންވާ ނިޒާމެއް މީގެ ކުރިން ރާއްޖޭގައި ޤާއިމުވެފައި ނެތްނަމަވެސް، މިހާރު މިވަނީ ކެންސަރާއި ގުޅުން ހުރި އެކިކަހަލަ ޓެސްޓުތައް ކުރުމާއި، ކީމޯތެރަޕީ ފަދަ ޚިދުމަތްތައް ރާއްޖޭގައިވެސް ލިބޭނެ އިންތިޒާމް ހަމަޖެހިފައެވެ. ކޮންމެ ފަހަރަކު ރާއްޖޭން ބޭރަށް ނުގޮސް، ރާއްޖޭގައި ތިބެގެންވެސް މި ބައްޔަށް ފަރުވާ ހޯދޭނޭ އިންތިޒާމް ހަމަޖެހިގެން ދިޔުން ވެގެންދިޔައީ ރާއްޖޭގައި މި ބައްޔަށް ފަރުވާ ހޯދަމުންދާ ފަރާތްތަކާއި، އެފަރާތްތަކުގެ އާއިލާތަކަށް އުފާވެރިކަން ގެނުވިކަމަކަށެވެ.އިންޑިޔާގެ "ބަސަވަތަރަކަމް އިންޑޯ އެމެރިކަން ކެންސަރ ހޮސްޕިޓަލް އެންޑް ރިސަރޗް އިންސްޓިޓިއުޓް"އާއި ގުޅިގެން އޭ.ޑީ.ކޭގައި ޤާއިމުކޮށްފައިވާ ކެންސަރ ކްލިނިކުން ހުކުރު ދުވަސް ފިޔަވާ ހަފްތާގެ ކޮންމެ ދުވަހަކު އަންނަނީ ޚިދުމަތް ދެމުންނެވެ. އަދި ދާއިމީގޮތެއްގައި ކެންސަރުބަލީގެ މީހުންނަށް މެޑިކަލް އޮންކޮލޮޖިސްޓެއްގެ ޚިދުމަތް ލިބޭނެ އިންތިޒާމް މި ކްލިނިކުގައި ވަނީ ހަމަޖެހިފައެވެ. ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އޭ.ޑީ.ކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އަފްޢާލް ވިދާޅުވީ، ކެންސަރ ކްލިނިކަށް ފަރުވާ ހޯދުމަށް އަންނަ ބަލިމީހުންނާއި ފޮލޯއަޕް ހައްދަވަން ވަޑައިގަންނަވާ ބޭފުޅުން ހިމެނޭކަމަށެވެ. އަދި މިފަދަ ޚިދުމަތެއް ދާއިމީކޮށް ލިބެންފެށުމުން އޭގެ ބޭނުން ގިނަ ފަރާތްތަކަކުން ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިފައިވާކަމަށެވެ. އޭ.ޑީކޭގެ އަމާޒަކީ އެކި ކަހަލަ ކެންސަރު ބަލިތައް ދެނެގަތުމާއި، ސްކްރީން ކުރުން ފަދަ ޚިދުމަތް ދުނިޔޭގެ އެހެންތަންތާގައިވެސް ދެވެން ހުންނަ ފެންވަރަށް ރާއްޖޭގައިވެސް މި ޚިދުމަތް ތަރައްޤީކުރުން ކަމަށް އަފްޢާލް ވިދާޅުވިއެވެ.އޭ.ޑީ.ކޭ ހޮސްޕިޓަލުގެ ކެންސަރ ކްލިނިކުގައި މެޑިކަލް އޮންކޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޑރ. ތަންރާޖް ވިދާޅުވީ، މިވަގުތު ވަކި ވައްތަރެއްގެ ކެންސަރު ބައްޔަކަށް ސްޕެޝަލައިޒް ނުވިނަމަވެސް، ކެންސަރުގެ އަލާމާތެއް ނުވަތަ އެފަދަ ހިސްޓްރީއެއް ހުރި ނުވަތަ އާއިލާއެއްގެ ތެރޭގައި އެފަދަ ބޭފުޅެއް ހުރި ބޭފުޅުންނަށް ކައުންސިލިން ދިނުމާއި، އެފަދަ ފަރާތްތަކަށް ބޭނުންވާ ޓެސްޓުތައް ހެދުމާއި، ފަރުވާ ދިނުމުގެ މަސައްކަތް މިހާރުވެސް ކްލިނިކުގައި ކުރަމުން އަންނަ ކަމަށެވެ.އޭ.ޑީކޭގެ ކެންސަރ ކްލިނިކުން ކީމޯތެރެޕީގެ ޚިދުމަތް ދިނުމަށްޓަކައި އެހޮސްޕިޓަލުގެ ސްޓާފަކު އިންޑިޔާއަށް ފޮނުވާ އެކަމަށް ބޭނުންވާ ތަމްރީން ވަނީ ދީފައެވެ. އަދި މިވަގުތު ކީމޯތެރަޕީގެ ޚިދުމަތް ދެމުން އަންނަނީ އެކަމަށް ބޭނުންވާ ބޭސް، އެ ޕޭޝަންޓަކު އަމިއްލައަށް ގެނެއުމުން ކަމަށާއި، ކުރިއަށް އޮތްތާ އެ ތަކުލީފުވެސް ޕޭޝަންޓުން އުފުލަން ނުޖެހޭގޮތަށް މި ޚިދުމަތް ފުޅާކުރެއްވުމަކީ އޭ.ޑީ.ކޭ ހޮސްޕިޓަލުގެ އަމާޒެއްކަމަށް އެ ހޮސްޕިޓަލުން ހާމަކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ