މާވަށަކީ ސޭފް އައިލޭންޑް ކޮންސެޕްޓް އެންމެ ފުރަތަމަ ލިބޭ އެއް ރަށް ކަމަށް ބާރު އަޅާނަން: ސައީދު

ރާއްޖޭގެ ކަނޑުތައް ގަދަވުމުގެ ސަބަބުން ލ. މާވަށަށް އުދަ އަރައި ލިބުނު ގެއްލުމުގެ ސަބަބުން ސޭފް އައިލެންޑް ކޮންސެޕްޓް އެންމެ ފުރަތަމަ ލިބޭ އެއް ރަށެއްގެ ގޮތުގައި މާވަށް ހިމެނޭނެ ގޮތަށް ބާރު އަޅާނެ ކަމަށް ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖެ އާއި ދުރުން އިންޑިއާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތަކުގެ ސަބަބުން ރާއްޖޭގެ އެކި ރަށްތަކަށް އަންނަނީ އުދަ އަރަމުންނެވެ. އެރަށްތަކުގެ ތެރޭގައި މާވަށް ހިމެނޭއިރު، އެރަށަށް އުދަ އަރާ ރަށުގެ ގޭގެއަށް ފެންވަދެ، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މި ގެއްލުންތައް އެރަށު ކައުންސިލުން ސިފަ ކޮށްފައިވަނީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ލިބުނު ގެއްލުމަށްވުރެ ބޮޑު ގެއްލުމެއްގެ ގޮތުގައެވެ.
މާވަށަކީ ހިކި ދިޔައިގައި ވެސް އުދަ އަރަމުން އަންނަ ރަށެއް ކަމުން މިހާރު ދިޔަވަރު ބޮޑުވާ ދުވަސްވަރާ ކައިރިވުމުން ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ކައުންސިލްގެ ރައީސް އަހުމަދު މޫސާ ވަނީ ވިދާޅުވެފައެވެ.
މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މާވަށަށް އުދަ އަރާ ވަމުންދާ ގެއްލުމުގައި ރައްޔިތުންނާއި އެކީ ސިފައިންނާއި ފުލުހުން ކުރަމުން ގެންދާ މުހިންމު މަސައްކަތްކޮށް އެފަރާތްތަކަށް ޝުކުރުވެރިވާ ކަމަށާއި ގައުމީ ކޮންމެ ކަންބޮޑުވުމެއްގައި މި ދެ މުއައްސަސާ ދައްކަނީ ލާމަސީލު މިސާލެއް ކަމަށެވެ.
މޫސުމީ ބަދަލުތަކުން މާވަށަށް އުދައެރުން ފަދަ ކަންކަން ދިމާވާތީ ސޭފް އައިލޭންޑް ކޮންސެޕްޓްގައި ފުރަތަމަ ހިމަނަން ޖެހޭ އެއް ރަށަކީ މާވަށް ކަމަށް ސައީދު ވިދާޅުވިއެވެ.
"މޫސުމީ ބަދަލުތަކުގައި އަންނަ އުދަ އެރުން ފަދަ ކަންކަމުގައި ލިބޭ ގެއްލުން ބޮޑު ވެދާނެ ރަށަކަށް ވާތީ، ސޭފް އައިލޭންޑް ކޮންސެޕްޓް އެންމެ ފުރަތަމަ ލިބެންޖެހޭ އެއ ރަށްކަމުގައި ދެކި، އެ މަސައްކަތައް ބާރު އަޅާނަން" ސައީދު ވިދާޅުވިއެވެ.
މާވަށަކީ ފުރިފައި އޮންނަ ރަށެއް ކަމުން އަތިރިމައްޗާއި ކައިރީގައި ހުންނަ ގެތައް އެރަށުގައި ގިނައެވެ. އެކަމުގެ ސަބަބުން އުދަ އަރާ ވަގުތުތަކުގައި އެންމެ ބޮޑަށް ގެއްލުންތަކެއް ލިބެނީ އަތިރިމަތީގައި ހުންނަ ގެތަކަށެވެ.
މާވަށަށް އުދަ އެރުމުގެ ސަބަބުން ރެއިން ފެށިގެން ފުލުހުންނާއި، އެރަށުގައި ނަރުދަމާ އެޅުމުގެ މަސައްކަތުގައި އުޅޭ އެމްޓީސީސީގެ މަސައްކަތު މީހުންނާއި ރައްޔިތުންނާއި ކައުންސިލުން ގުޅިގެން އުދައިން ރަށަށް ވަމުން އަންނަ ގެއްލުންތައް ކުޑަކުރުމަށް މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން އެރަށުގެ ބައެއް ސަރަޙައްދުގެ މަގުތަކާއި އަދި ރަށުތެރޭ ބައެއް ގެތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ