ޤާސިމް ޚަރަދުނުކުރައްވާތީ ޖުމްހޫރީ ޕާޓީގެ ބައެއް އިސްފަރާތްތައް އެހެން ޕާޓީތަކާ ގުޅިވަޑައިގަންނަވަނީ؟!

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލިހުގެ މާމިގިލީ ދާއިރާ މެންބަރު ޤާސިމް އިބްރާހީމް މިހާރު ޕާޓީގެ ކަންކަމަށް އަދި ސިޔާސީ ފަރާތްތަކަށް ޚަރަދުކުރެއްވުން މެދުކަނޑައިލެއްވުމާ ގުޅިގެން މިހާރު ޖުމްހޫރީ ޕާޓީގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބައެއް ބޭފުޅުން އެހެން ޕާޓީތަކަށް ވަޑައިގަންނަވަން އުޅުއްވާ ކަމުގެ މައުލޫމާތު އިތުބާރު ހުރި މަޞްދަރަކުން "ދިޔަރެސް"އަށް ލިބިއްޖެއެވެ. ޖުމްހޫރީ ޕާޓީގައި މަސައްކަތްކުރައްވާ ބޭފުޅަކު ނަން ނުޖެހުން ޝަރުޠުކުރައްވައި "ދިޔަރެސް" ނޫހަށް މައުލޫމާތު ދެއްވި ގޮތުގައި ކޮވިޑް-19 ހާލަތު މެދުވެރިވެ ޤާސިމްގެ ވިޔަފާރިތަކަށް އެކަމުގެ ސަބަބުން ނުރަނގަޅު އަސަރުކުރުމާއެކު، ކުރިން ޚަރަދުކުރެއްވި ގޮތަށް ޖޭޕީގެ ކަންކަމަށް މިހާރު އެމަނިކުފާނު ޚަރަދުނުކުރައްވައެވެ. އޭނާ ބުނެފައިވަނީ އެކަމުގެ ސަބަބުން ޖޭޕީއާ ގުޅިވަޑައިގެން އެޕާޓީގެ އިސް ސަފުގައި މިހާރު މަސައްކަތްކުރައްވާ ބައެއް ބޭފުޅުން އެހެން ޕާޓީތަކަށް ވަޑައިގަންނަވަން ވިސްނަވާކަން އެނގިވަޑައިގެންފައިވާ ކަމުގައެވެ. އެގޮތުން ޕީޕީއެމް ދޫކުރައްވައި ޖުމްހޫރީ ޕާޓީއަށް ވަޑައިގެންނެވި ބައެއް ބޭފުޅުން އަލުން ޕީޕީއެމަށް ވަޑައިގަންނަވާ ފަދަ ވާހަކަތަކެއް ޖުމްހޫރީ ޕާޓީގެ ތެރޭގައި ދެކެވެމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި ބައެއް ބޭފުޅުން ޕާޓީ ދޫކުރައްވައި ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ ކަމުގައިވާ އެމްޑީޕީއަށް ވަޑައިގަންނަވާ ވާހަކައެއްވެސް އަޑުއިވިވަޑައިގެންފައިވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އަދި އިސްސަފުގައި މަސައްކަތްކުރައްވާ ބޭފުޅުންގެ އިތުރަށް ވެރިކަން ބަދަލުވުމަށްފަހު ޕީޕީއެމް ދޫކުރައްވައި ޖޭޕީއަށް ވަޑައިގެންނެވި ބައެއް އެކްޓިވިސްޓުންވެސް އަލުން ޕީޕީއެމާ ގުޅިވަޑައިގަތުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމުގެ މައުލޫމާތު އޭނާއަށް ލިބިވަޑައިގެންފައިވާ ކަމުގައި ފާހަގަކުރެއްވިއެވެ. ޖުމްހޫރީ ޕާޓީ ދޫކުރައްވައި އެހެން ޕާޓީތަކަށް ވަޑައިގަންނަވަނީ ކޮން ބޭފުޅުންތަކެއް ކަން އޭނާ ސާފުކޮށް ވިދާޅުނުވިނަމަވެސް ޕީޕީއެމްގެ އިސް ސަފުގައި މަސައްކަތްކުރެއްވި، ރައްޔިތުން މަޖިލިހުގެ ކުރީގެ ބައެއް މެންބަރުންވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ. އަދި އެއިން ބައެއް ބޭފުޅުންވަނީ ޖުމްހޫރީ ޕާޓީގެ ބައެއް ޖަލްސާތަކުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ