ގައުމީ ގުރުއާން މުބާރާތް އޮންލައިންކޮށް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ގައުމީ ގުރުއާން މުބާރާތް މިއަހަރު އޮންލައިންކޮށް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމް މަޝްވަރާ ކުރައްވައިފިއެވެ.
މިމަޝްވަރާ ކުރެއްވީ ރާއްޖޭގައި ދީނީ އެއްބައިވަންތަކަން އާލާކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ބައްދަލުކުރައްވައެވެ.
މި ބައްދަލުވުމުގައި ނައިބު ރައީސްވަނީ މުޖުތަމައަށް ކުރިމަތިވެފައިވާ އަޚްލާގީ އަދި އިޖްތިމާއީ މައްސަލަތައް ހައްލުކުރުމާއި އަދި މުޖްތަމަޢުގެ ފަރުދުންގެމެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ދީނީ އިލްމުވެރިންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަން ފާހަގަ ކުރައްވާފައެވެ.
މީގެއިތުރަށް ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ގުރުއާނާއި އިސްލާމް މާއްދާގެ ކިލާސްތަކެއް އޮންލައިންކޮށް ހިންގުމާއި ގުޅޭ ގޮތުންނާއި، ގައުމީ ގުރުއާން މުބާރާތް މިއަހަރު އޮންލައިންކޮށް ކުރިއަށް ގެންދިއުމާއި ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކުރައްވައި، ޚިޔާލު ބަދަލުކުރައްވާފައެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ، ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ އިލްމު ފެތުރުމަށް އިލްމުވެރިން ކުރަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ޚާއްސަ ގޮތެއްގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ދީނީ ކަންކަމާއިމެދު ޢާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް އިލްމުވެރިން ކުރެއްވި ބުރަ މަސައްކަތްތައް ފާހަގަ ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ ޢަހްމަދު ޒާހިރު ވަނީ، ދީނީ ކަންކަމަށް ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމާއި، އެ މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ މައުލޫމާތު ނައިބު ރައީސް އާއި ހިއްސާ ކުރައްވާފައެވެ.
ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އިލްމުވެރިން ވަނީ، ދީނީ ކަންކަން ކުރިއެރުވުމަށް އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ޚިޔާލުފުޅުތައް ބައްދަލުވުމުގެ ބައިވެރިންނާއި ހިއްސާ ކުރައްވާފައެވެ.
މީގެ އިތުރަށް ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ ޝިޢާރު ފާޅުކޮށް މަތިވެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެއްބާރުލުން އިތުރުކުރުމަށް ތައްޔާރަށް ތިއްބެވިކަން އިލްމުވެރިން ވަނީ ފާހަގަ ކުރައްވާފައެވެ.
މިބައްދަލުކުރެއްވުން ނިންމަވައިލައްވަމުން ނައިބު ވަނީ، ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނާއިމެދު ލޯބި އިތުރުކުރުމުގެ ގޮތުން ކުރެވޭ ކަންތައްތައް ލާމަރުކަޒީކޮށް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ.
އަދި، މިފަދަ ކަންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފުމާއި، އެކަކު އަނެކަކަށް އިހްތިރާމުކުރުން ފަދަ ސިފަތައް މުޖުތަމައުގެ އަފްރާދުންގެ ތެރޭގައި އަށަގެންވުމަށް ޢިލްމުވެރިންވެސް ބާރުއަޅުއްވައި މަސައްކަތް ކޮށްދެއްވުމަށް ނައިބް ރައީސް ފައިސަލް ނަސީމް ވަނީ އިލްމުވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ