ޒިކުރާ މިސްކިތް ބިނާކުރުމުގެ މަސައްކަތް ހަވާލުކުރީ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް: އެސްޖޭ

ޒިކުރާ މިސްކިތް ބިނާކުރުމުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމުގައި އެ ކުންފުނީގެ ލޯޔަރުން ބުނެފިއެވެ. އެސްޖޭ ތަމްސީލުކުރާ ލޯ ފާމް ކަމުގައިވާ އެޑްވޮކަސީ ޗެމްބާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނިން މި މަޝްރޫޢު ކާމިޔާބުކުރުމުގައި ޤާނޫނާއި ޤަވާޢިދާ ޚިލާފު އެއްވެސް ޢަމަލެއް ހިންގާފައިނުވާނެ ކަމަށެވެ. އެގޮތުން ބީލަންކުރުމަކާ ނުލައި މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ މާލިއްޔަތު ޤަވާޢިދުގައި ބުނެފައިވާ ފަދައިން ވަޒީރުންގެ މަޖިލިސް ނުވަތަ އެ މަޖިލިހުގެ ކޮމިޓީއެއްގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ފަރާތަަކަށް ބިޑުކުރުމަކާ ނުލައި މަސައްކަތް ހަވާލުކުރެވިދާނެ ކަމަށް އެ ބަޔަނާުގައި ބުނެފައިވެއެވެ. އަދި މި މަޝްރޫޢު އެސްޖޭއާ ހަވާލުކުރުމުގެ ކުރިން މިނިސްޓްރީން ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް ރައީސް އޮފީހުގައި ދަންނަވާފައިވާ ކަމަށާއި، ރައީސް އޮފީހުން އެކަމުގައި ބަލަންޖެހޭ ކަންކަން ހުރުމުން ފިނޭންސް މިނިސްޓްރީގެ ލަފައަކަށް އެދިފައިވާކަން، މިނިސްޓްރީން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބެލުމުން އެނގިފައިވާ ކަމުގައިވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ފިނޭންސް މިނިސްޓްރީން ތައްޔާރުކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުން ދައުލަތަށް އެންމެ ބުރަކުޑަވާނެ ގޮތަށް ޕްރޮޕޯޒަލް ހުށަހަޅާފައިވަނީ އެސްޖީ ކަމަށާއި، އެ ކުންފުންޏަކީ އަންލިމިޓެޑުކޮށް ބިޑުކުރުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ ކެޓެގަރީގައި ހިމެނޭ ކުންފުންޏެއް ކަމުގައިވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އޭގެ އިތުރުން 2016 ވަނަ އަހަރާއި 2017 ވަނަ އަހަރުގައި އެ ކުންފުނިން 200 މިލިއަން ރުފިޔާގެ ޕަބްލިކް އިންފްރަސްޓްރަކްޗާ މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމާފައިވާ ކަމުގައިވެސް އެ ކުންފުނިން ބުނެފައިވެއެވެ. އަދި މި މަޝްރޫޢު އެސްޖޭއާ ހަވާލުކުރަން ފެންނަ ކަމަށް ފިނޭންސް މިނިސްޓްރީން އިކޮނޮމިކް ކައުންސިލަށް ހުށަހެޅުމުން، އެ ކައުންސިލުން މަޝްރޫޢު އެސްޖޭއާ ހަވާލުކުރަން ނިންމި ކަމަށާއި، އެގޮތަށް ނިންމިކަން 3 ޖޫން 2018 ވަނަ ދުވަހު އެ ކައުންސިލުން އިސްލާމިކް މިނިސްޓްރީއަށް އެންގި ކަމުގައިވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ވާދަވެރި ބީލަންކުރުމުގެ އުޞޫލުގެ ތެރެއިން ކަމަށް ދެއްކުމަށް ބައެއް ފަރާތްތަކުން މަސައްކަތްކުރި ނަމަވެސް މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ބީލަންކުރުމަކާ ނުލައި މަސައްކަތް ހަވާލުކުރުމާ ގުޅޭ ގޮތުން މާލިއްޔަތު ޤާނޫނުގައި އޮންނަ އުޞޫލުގެ ދަށުންކަން އެނގޭ ކަމަށާއި، އެހެންކަމުން ކަމުގެ ހަގީގަތް ބަލައިނުލާ ވާހަކަދައްކާ ފަރާތްތަކުގެ ވާހަކަ ޤަބޫލުނުކުރުމަށްވެސް އެ ކުންފުނިން އެދިފައިވެއެވެ. ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ މިސްކިތެއް ބިނާކުރުމުގެ މަޝްރޫޢު އެ ކުންފުންޏާ ހަވާލުކުރީ ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ކަމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ބުނެފައިވާއިރު، މި މައްސަލާގައި ކުރީގެ އިސްލާމިކް މިނިސްޓަރުގެ މައްޗަށް މަޤާމުގެ ހައިސިއްޔަތު ބޭނުންކޮށްގެން ނަހަމަ ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ އުފުލުމަށް ޕީޖީން ކޯޓަށް މައްސަލަ ފޮނުވާފައިވެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ