816 ބިޔަރު ދަޅާއިއެކު ބަޔަކު ހައްޔަރު ކޮށްފި

816 ބިޔަރު ދަޅާއިއެކު ބަޔަކު ހައްޔަރުކޮށް، އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ގިނަ އަދަދެއްގެ ބިޔަރު ދަޅު ތަކަކާއެކު ބަޔަކު ހައްޔަރުކުރީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ހިނގާ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، ޓީޖެޓީގައި އޮތް ޕިކަޕެއް ބަލައި ފާސްކުރިއިރު 816 ބިޔަރު ދަޅު ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ 24 އަހަރުގެ ބަނގުލަދޭޝް ފިރިހެނަކާއި ފަސް ދިވެހި ފިރިހެނުން ކަމަށް ވެސް ފުލުހުން ބުންޏެވެ. އެއީ 18 އަހަރުގެ މީހަކާއި 20 އަހަރުގެ ދެ މީހުންނާއި 35 އަހަރުގެ މީހެއްގެ އިތުރުން 36 އަހަރުގެ މީހެކެވެ.
މީގެ އިތުރުން، ސެޕްޓެމްބަރ 22 ވަނަ ދުވަހުގެ ރޭ ދަންވަރު މަސްތުގެ ހާލަތުގައިހުރި މީހަކު ކާރެއް ދުއްވަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި 40 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް، އޭނާ ދުއްވި ކާރު ބަލައި ފާސްކުރިއިރު 18 ދަޅު ބިޔަރު ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ހާމަ ކޮށްފައެވެ.
ފުލުހުން ވަނީ ސެޕްޓެމްބަރު23 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ވެސް މާލެ ސިޓީ، މާފަންނު ހަނދުވަރީ ހިނގުމުން ދުއްވާފައިދިޔަ ޕިކަޕެއް ހުއްޓުވައި ބަލައި ފާސްކޮށް 10 ޕެކެޓު ބަނގުރަލާއި، 72 ފުޅި ބަނގުރާ އަދި 192 ދަޅު ބިޔަރު އަތުލާފައިއެވެ. އެ މައްސަލައާ ގުޅިގެން 31 އަހަރުގެ ދިވެހި ފިރިހެނަކާއި 26 އަހަރުގެ ބަނގުލަދޭޝް ދެ ފިރިހެނުންނާއި 28 އަހަރު ފިރިހެނަކު ވަނީ ހައްޔަރުކޮށް ފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ