އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ފައްޔާޒުގެ ދިފާއުގައި!

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުން މަޖިލީހަށް ވެއްދުމަށްޓަކައި ސޮއި ހޯދުމުގެ މަސައްކަތްކުރާ އިރު، އެކަމާ ދެކޮޅަށް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ނުކުމެއްޖެއެވެ.
މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ ކަންތަކުގައި އެންމެ އިސްކޮށް އުޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމެވެ.
ކެބިނެޓު މިނިސްޓަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދޭނީ މަދުވެގެން 10 މެންބަރުންގެ ސޮއި ލިބިގެންނެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސް ވާނީ މުޅި މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މިފަދަ ހުށަހެޅުމަކާ މެދު މަޖިލީހުގައި ބަހުސް ފެށުމުގެ ކުރީން އެ ވަޒީރަކަށް 14 ދުވަހުގެ ނޯޓިސް ދޭން ޖެހެނޭ ކަމަށް ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ ށ ގައި ބުނެއެވެ.
އެކަމާ ދެކޮޅަށް އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ސޯޝަލް މީޑިއާގައި ވާހަކަތައް ދައްކަވަން ފައްޓަވައިފައެވެ. އެގޮތުން މިހާތަނަށް އެމްޑީޕީގެ 13 މެންބަރަކު ވަނީ ފައްޔާޒުގެ ދިފާއުގައި ވާހަކަދައްކަވައި ޓުވީޓު ކުރައްވައިފައެވެ. އޭގެ ތެރޭގައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަަމާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުގުނީ އާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ހިމެނެއެވެ.
މީގެ އިތުރުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އާއި ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމާއި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބުދުﷲ އާއި ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދާއި އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އަދި ކުރެންދޫ ދާއިރާގެ މެންބަރު އަބުދުލްޣަނީ އަބުދުލް ކަރީމް ވެސް ވަނީ ފައްޔާޒްގެ ދިފާއުގައި ޓުވީޓު ކުރައްވައިފައެވެ.
އެގޮތުން ހުޅުމާލެ ދާއިރާގެ މެންބަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިތުބާރު ވޯޓު ނަގަންޖެހޭ ސަބަބެއް ނެތް ކަމަށާއި ފައްޔާޒަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.
އޭނާގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަަމް ވެސް ވަނީ ފައްޔާޒަށް ތައުރީފުކުރައްވައި ވާހަކަދައްކަވައިފައެވެ. އޭނާ ވިދާޅުވީ މިނިސްޓަރު ފައްޔާޒަކީ މި ސަރުކާރުގެ އެންމެ ހީވާގި އެއް ވަޒީރު ކަމަށާއި އޭނާގެ ފުރިހަމަ އިތުބާރު ފައްޔާޒަށް އެބަ އޮތް ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.
ފައްޔާޒްގެ ދިފާއުގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުގުނީ ވިދާޅުވީ އިތުބާރު ނެތްކަމަށް ނަގަން ޖެހޭ ސަބަބެއް ނެތް ކަމަށާއި އޭނާގެ ފުރިހަމަ އިތުބާރު ފައްޔާޒަށް އޮންނާނެ ކަމަށެވެ. އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ވިދާޅުވީ މިނިސްޓަރު ފައްޔާޒަކީ މި ސަރުކާރުގައި އެންމެ ގާބިލު، ކުޅަދާނަ، އެންމެ ހިންގުންތެރި އަދި އިތުބާރު ހުރި އެއް މިނިސްޓަރު ކަމަށެވެ.
އޭނާގެ އިތުރުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވެސް ވަނީ ޓުވީޓެއް ކުރައްވައިފައެވެ. އޭނާ ވިދާޅުވީ މިނިސްޓަރު ފައްޔާޒަކީ ހީވާގި ވިސްނުފުޅު ތޫނު ބޭފުޅެއް ކަމަށެވެ. އޭނާއަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ މެންބަރުންގެ އިތުރުން އިދިކޮޅު ބައެއް މެންބަރުންވެސް ވަނީ ފައްޔާޒަށް ތައުރީފުކުރައްވައި ޓުވީޓު ކުރައްވައިފައެވެ. އެގޮތުން ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒުގެ ގާބިލުކަމާ މެދު ސުވާލުކުރުމުގެ ޖާގައެއް އަދި ނެތް ކަމަށެވެ.
"މި އުޅެނީ ކޮންމެވެސް އެހެން ކަމެއްހެން ހީވަނީ. ގައުމުގެ އިގުތިސާދު މިހާރު މިއޮތް ހާލަތުގައި ގައުމު އަދި ސަރުކާރު ހަލަބޮލިވާ ޒާތުގެ ކަންކަމުން ދުރުހެލިވެގެން ތިބުން ބުއްދިވެރި،" އުޝާމް ވިދާޅުވިއެވެ.
މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަދި ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ އެޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދެމެހެއްޓުމަށް ކަމަށާއި ގައުމާއި ރައްޔިތުންގެ ހައްގުގައި ރައީސް ކުރައްވާ މަސައްކަތްތަކަށް ފުރިހަމައަށް އިތުބާރު އެބައޮތް ކަމަށެވެ.
"ރައީސްގެ ކެބިނެޓަށް ޖޭޕީގެ ފުރިހަމަ އިތުބާރު އޮވޭ. ފައްޔާޒު މައްސަލައިގައި ޖޭޕީގެ އެއްވެސް ލެވެލްއެއްގައި މިހާތަނަށް މަޝްވަރާކޮށްފައެއް ނުވޭ،" އަލީ ސޯލިހު ވިދާޅުވިއެވެ.
އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ކުރާ މަސައްކަތާ ގުޅޭގޮތުން މިނިސްޓަރު ފައްޔާޒް "ވަން" އަށް ވިދާޅުވީ މަސައްކަތް ކުރައްވަނީ ހަވާލުކުރައްވައިފައިވާ މަސްއޫލިއްޔަތާއި ޒިންމާތައް ވީ އެންމެ ރަނގަޅަކަށް އަދާކުރެއްވުމަށް ކަމަށާއި ކުރެއްވިފައިވާ މަސައްކަތްތަކާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
"އިތުބާރު ގެއްލުނީ ކީއްވެ ކަމެއް ނޭނގެ. ތި ފަދަ ކަމެއް އުޅޭކަން މި އެނގުނީވެސް މިއަދު. އިތުބާރު ގެއްލޭ ފަދަ ކަމެއް ހިނގައިގެން އެފަދަ ކަމެއް އަޅުގަނޑާ ހިއްސާކުރައްވައިފައެއްވެސް ނެތް." މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ މިއީ ޑިމޮކްރެސީ ކަމަށާއި އިތުބާރު ނެތް ނަމަ އެގޮތަށް ފާސްކުރައްވައި ވަކި ކުރެއްވުމަކީ މަޖިލިސް މެންބަރުންނަށް އޮތް އިޚުތިޔާރެއް ކަމަށެވެ. އަދި އެފަދަ ނިންމުމެއް ނިންމެވިޔަސް އެކަމަށް ފުރިހަމަޔަށް އިހުތިރާމުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ