އިސްރާއިލުން ޣައްޒާގެ އެތައް ބަޔަކު ޝަހީދުކޮށްލައިފި

އިސްރާއިލުގައި ހުންނަ އެމެރިކާގެ އެމްބަސީ މިއަދު ގުދުސަށް ބަދަލުކޮށް ހުޅުވުމާ ދެކޮޅަށް ޣައްޒާގައި މުޒާހަރާކުރަމުންދިޔަ އެތައް ބަޔަކު ޝަހީދުކޮށް، އެތައް ބަޔަކު ޒަހަމްކޮށްލައިފިއެވެ. ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ ޣައްޒާގައި ކުރިއަށްދާ މުޒާހަރާގައި މިހާތަނަށް އާންމުންގެ 41 މީހުން ޝަހީދުވެ 1700 މީހުން ޒަހަމްވެފައިވާ ކަމަށެވެ. ޒަަހަމްވި މީހުންގެ ތެރޭގައި 74 ކުޑަކުދިންނާއި އަދި 23 އަންހެނުންވެސް ހިމެނެއެވެ. މިއީ ފަލަސްތީނުގެ މީހުން އެމީހުންގެ ބިމަށް އެނބުރި ދިއުމަށް މީގެ ހަ ހަފުތާ ކުރިން ފެށިގެން ކުރަމުން ދިޔަ މުޒާހަރާތަކުގައި އެންމެ ގިނަމީހުން ޝަހީދުވެ ޒަހަމްވި ފަހަރުވެސް މެއެވެ. ފަލަސްތީނުގެ ސަރުކާރުން ވަނީ އިސްރާއިލުން ކުރިއަށް ގެންދާ އުދުވާން ވަރަށް ބޮޑަށް ކުށްވެރިކޮށް އެކަން ވަގުތުން ހުއްޓާލުމަށް ގޮވާލައިފައެެވެ. ޣައްޒާގެ އިތުރުން ފަލަސްތީނުގެ ބޭތުލަހަމްގައިވެސް ވަރުގަދަ މުޒާހަރާތަކެއް ދަނީ ކުރަމުންނެވެ. އިސްރާއިލުގެ ޑިފެންސް ފޯސް (އައިޑީއެފް) އިން ބުނީ އިސްރާއިލާ ޣައްޒާ ގުޅޭ ބޯޑަރު ކައިރީ 35000 މީހުން ޖަމާވެފައިވާ ކަމަށެވެ. އެމެރިކާއިން އެގައުމުގެ އެމްބަސީ މިއަދުު ހުޅުވި ދުވަހަކީ ފަލަސްތީނުގެ މީހުން "ނަގްބާ" ނުވަތަ މުސީބާތުގެ ގޮތުގައި ފާހަގަ ކުރާ ދުވަސްވެސް މެއެވެ. ނަގްބާގެ ދުވަހުގެ ގޮތުގައި ފަަލަސްތީނު މީހުން ފާހަގަކުރަނީ އިސްރާއިލުން މިނިވަންކަން އިއުލާންކުރި ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ