ވައިގެ މަގުން ގެނައި ބައި ކިލޯއަށް ވުރެ ގިނަ ހެރޮއިން އަތުލައިގެންފި

މިދިޔަ މަހުގެ 25 ވަނަ ދުވަހު ދުވަހު ހެނދުނު ލަންކާ އިން އައި އެ ގައުމުގެ މީހެއްގެ ފޮށީގެ ތެރޭގައި ފޮރުވާފައި ހުރި ބައި ކިލޯ އަށް ވުރެ ގިނަ ހެރޮއިން މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން މިއަދު ބުނީ ރާއްޖެ އަށް އަލަށް އައި ލަންކާ މީހެއް ކަމަށްވާ މުހައްމަދު އަރަފާތު މުހިއްދީން، ،32 ގެ ފޮށިތަންމަތި ފާސްކުރުމުގެ ތެރޭގައި، އޭނާގެ ސޫޓްކޭސްގައި ދެ ފޫ އަޅައި އޭގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ކޮތަޅެއް ފޮރުވާފައި އޮއްވައި ފެނުނު ކަމަށެވެ. އަދި ފަސިންޖަރުގެ ހާޒިރުގައި އެ ތަކެތި ތަހުލީލުކުރި އިރު ހެރޮއިން އަށް ވަނީ ޕޮޒިޓިވްވެފައި ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އެ ތަކެތީގެ ބަރުދަނުގައި ޕެކިންއާ އެކު 515 ގްރާމް ހުއްޓެވެ. ކަސްޓަމްސް އިން ބުނީ މި ތަކެތީގެ ސްޓްރީޓް ވެލިއު 800،000ރ. އަށް އަރާނެ ކަމަށް ބެލެވޭ ކަމަށެވެ.
މަސްތުވާތަކެތި ފެނުނު ސޫޓް ކޭހަކީ ރައްޓެއްސަކު ދިން އެއްޗެއް ކަމަށް މި މީހާ ބުނާ ކަމަށާއި ރާއްޖެ އައުމަށް ދެކޮޅު ޓިކެޓާއި އިތުރު ފައިސާ ވެސް އެ މީހަކު ދިން ކަމަށް ލަންކާ މީހާ ބުނާ ކަމުގައި ކަސްޓަމްސް އިން ބުންޏެވެ. މަސްތުވާތަކެއްޗާ އެކު އެއާޕޯޓުން އަތުލައިގަތް މީހާގެ މައުލޫމާތު ލަންކާގެ ކަމާ ބެހޭ ފަރާތްތަކާ އެކު ހިއްސާކޮށްފައިވާ ކަމަށާއި އޭނާއާ ގުޅުން ހުރި މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އަދި މި މީހާއާ ދިވެހިންގެ ބަޔަކާ ގުޅުމެއް އޮތްތޯ ވެސް ދަނީ ބަލަމުންނެވެ. އެ މީހާ ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ފުލުހުންނާ ހަވާލުކޮށްފަ އެވެ.
މި މީހާ އަތުލައިގަތް ދުވަހު ޕާކިސްތާނުގެ އުމުރުން 23 އަހަރުގެ މީހަކު ވެސް 797 ގްރާމްގެ ހެރޮއިންއާ އެކު އަތުލައިގެންފައިވެ އެވެ. ކަސްޓަމްސް އިން ކުރިން ވަނީ މި މީހާއާ ބެހޭ މައުލޫމާތު އާންމުކޮށްފަ އެވެ. އަރުޝަދު ޚާން ނަމަކަށް ކިޔާ އެ މީހާ ދިރުވާލައިގެން 100 ބުލެޓް އެތެރެކޮށްފައި ވާއިރު އެ ދުވަހު ކަސްޓަމްސް އިން އަތުލައިގެން ހެރޮއިންގެ ޖުމުލަ ބަރުދަން 1.3 ކިލޯގްރާމް އަށް އަރަ އެވެ. އަދި އެ ތަކެތީގެ ޖުމުލަ އަގު 1.8 މިލިއަން ރުފިޔާ އަށް އަރަ އެވެ.
ގަތަރު އެއާވޭސްގެ ބޯޓަކުން ރާއްޖެ އައި ޕާކިސްތާނުގެ އަރްޝަދު ހާން ހިފެހެއްޓީ އޭނާގެ ފޮށިތަންމައްޗާއި ހަށިގަނޑު ޗެކްކުރި އިރު މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވިގެންނެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންގޮސްގެން އެކްސްރޭ ނެގި އިރު އޭނާގެ ހަށިގަނޑުގެ ތެރެއިން 100 ބުލެޓްގެ މަސްތުވާތަކެތި ފެނުމުން ހޮސްޕިޓަލުގައި ބާއްވައިގެން ވަނީ އެ ހުރިހާ އެއްޗެއް ބޭރުކޮށްފަ އެވެ. އޭނާގެ ބަނޑުން ނެގި ކޮންމެ ބުލެޓެއްގައި ދެ އިންޗި ހުރި އިރު އެ މަސްތުވާތަކެއްޗަކީ އެހެން ފަހަރުތަކާ ހިލާފަށް އެންމެ އޮރިޖަނަލް ކޮލިޓީގެ ހެރޮއިން ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ.
ކަސްޓަމްސް އިން ބުނީ ޝައްކުކުރެވޭ ފްލައިޓްތަކުން އަންނަ މީހުން ހާއްސަ ގޮތެއްގައި ޗެކްކުރަމުން ގެންދާ ކަމަށާއި މި މީހުން ހައްޔަރުކޮށްފައި ވަނީ އިންޓެލިޖެންސް މައުލޫމާތެއް ކުރިން ލިބިގެން ނޫން ކަމަށެވެ.
ދިވެހި ފުލުހުން ދާދި ފަހުން ވަނީ ދޮޅު އަހަރު ވަންދެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ލަންކާ އާއި ރާއްޖެއާ ދެމެދު މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ބޮޑު ނެޓްވޯކެއް ފަޅާއަރުވާލައި ބަޔަކު ހައްޔަރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ