މަޖިލީހުގައި މެމްބަރުން އަޑުގަދަކުރަން ފެށުމުން ޖަލްސާ ހުއްޓާލައިފި

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް މެމްބަރުން ކަނޑައެޅުމުގެ ކަންތައްތަކުގައި ބޮޑު ދެ ޕާޓީގެ މެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ގުޅިގެން މެމްބަރުން އަޑުގަދަކުރަން ފެށުމުން މިއަދުގެ ޖަލްސާ ވެސް ނިޒާމީ މައްސަލަތަކާ ގުޅިގެން ހުއްޓާލައިފި އެވެ.
ޖަލްސާ ހުއްޓާލީ މެންދުރު އެކެއް ޖެހިއިރު ޖަލްސާ ފެށިތާ ގާތްގަނޑަކަށް ތިން މިނިޓް ފަހުންނެވެ.
ޖަލްސާ ފެށުމަށް ފަހު ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ފުރަތަމަ ވެސް އިއްވަން ފެއްޓެވީ މަޖިލީހުގެ ކޮމެޓީތަކާ ގުޅޭ ބަޔާނެކެވެ. ނަމަވެސް މެމްބަރުން އަޑުގަދަކުރަން ފެށުމުން ޝާހިދު ވަނީ އެ ބަޔާން މެދުކަނޑާލައްވައި ޖަލްސާ ހުއްޓާލައްވައިފަ އެވެ.
ޝާހިދު ވިދާޅުވީ "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދުގެ ޖަލްސާ މި ހިސާބުން ކުރިއަށް ނުގެންދެވޭނެ" ކަމަށާއި މަޖިލީހަށް އިއްވަން ފެއްޓެވި ބަޔާން ލިޔުމެއްގެ ގޮތުގައި މެމްބަރުންނަށް ފޮނުއްވާނެ ކަމަށެވެ. އަދި ޖަލްސާ ހުއްޓާލެއްވިކަން ރިޔާސަތުން އިއުލާން ކުރެއްވި އެވެ.
"އަޅުގަނޑު އިތުރަށް ޖަލްސާ ބާއްވާނީ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާ މަޝްވަރާ ކުރުމަށް ފަހު، ޖަލްސާ ބޭއްވޭނެ ގޮތަކަށް ޖަލްސާގެ ކަންތައްތައް ހަމަޖެހޭ ގޮތަކަށް ވުމުން،" ޖަލްސާ ނިންމަވާލައްވަމުން ޝާހިދު ވިދާޅުވި އެވެ.
މިއަދު ބާއްވަން އުޅުނު މި ޖަލްސާ އަކީ އިއްޔެ މެދުކަނޑާލި ޖަލްސާ އެވެ. މި ޖަލްސާ ކުރިއަށް ގެންދަން އިއްޔެ ނިންމީ މިއަދު ހެނދުނު 00: 9 ގައި ނަމަވެސް ރޭ ދަންވަރު މެމްބަރުންނަށް މަޖިލީހުގެ އިދާރާއިން ފޮނުވި އެސްއެމްއެސް އެއްގައި ބުނެފައި ވަނީ ޖަލްސާ މެންދުރު އެކެއް ޖަހާއިރަށް ފަސްކުރި ކަމަށެވެ.
މިއަދުގެ ޖަލްސާ ހުއްޓާލިއިރު އިއްޔެ ވެސް ތިން ފަހަރެއްގެ މަތިން މަސައްކަތް ކޮށްގެން ވެސް ޖަލްސާ ވަނީ ކުރިއަށް ނުގެންދެވިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ