ފުވައްމުލަކުގައި ބިދޭސީ މީހާ މަރާލިކަމުގެ ތުހުމަތުގައި އިތުރު ބިދޭސީންތަކެއް ހައްޔަރުކޮށްފި

ފުވައްމުލަކުގައި އަނިޔާކޮށް މަރާލާފައިވާ އޮއްވާ މިދިޔަ ހަފުތާގައި ފެނުނު ބަންގްލަދޭޝްގެ މީހާގެ މަރުގެ މައްސަލާގައި އިތުރު ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ބުރާސްފަތި ދުވަހު ވިދާޅުވީ އެ މައްސާލައިގައި ފުވައްމުލަކުން ހައްޔަރުކޮށްފައި ވަނީ ބިދޭސީންތަކެއް ކަމަށެވެ. ނަމަވެސް ހައްޔަރުކުރި މީހުންގެ އަދަދެއް އަދި ތަފްސީލެއް ވެސް އޭނާ ނުދެއްވަ އެވެ. މީގެ ކުރިން ވެސް އެ މައްސަލާގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފައިވެ އެވެ.
"އަޅުގަނޑުމެންނަށް މި ވަގުތު ތަފްސީލަށް ދާން ތަންކޮޅެއް ދަތި،" ޝިޔާމް ވިދާޅުވި އެވެ.
ފުވައްމުލަކު ދޫނޑިގަން އަވަށުގައި ހުންނަ ހައިވޭ ރެސްޓޯރެންޓްގެ ފުރަގަހުގައި އިމާރާތްކުރަމުންދާ ގޯއްޗަކުން ޝަރީފް ނަމަކަށް ކިޔާ އެ ބިދޭސީ މީހާ ފެނުނީ ދެ އަތް ފުރަގަހަށް ލައި ބަނދެފައި އޮއްވަ އެވެ. އޭނާގެ ކަރުގައި ނަރެއް ކަހަލަ އެއްޗެއް އޮޅާފައި ހުރި ކަމުގެ ނިޝާން ހުރިއިރު ބޮލުން ވެސް ތަނެއް ފަޅައިގެން ގޮސް ލޭ އައިސްފައި ހުރި ފުވައްމުލަކު އަތޮޅު ކައުންސިލުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނިގޮތުގައި އެ ބިދޭސީމީހާ އަދިވެސް އޮތީ މޯޗަރީގަ އެވެ. ފުލުހުން ބުނީ އޭނާގެ ހަށިގަނޑާ މެދު ގޮތެއް ނިންމާނީ އާއިލާ އާއި އެމްބަސީއާ ވާހަކަ ދެއްކުމަށް ފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ