ބެދޭމަޅިއަކަށް ދޫމަޅިއެއް އޮވެ އެވެ.

އަޅުގަނޑު މި ފަހަރު ފަށާނީ މަޝްހޫރު ޑިމޮކްރަޓިކް ލީޑަރު- ޑިމޮކްރަސީގައި ނަމޫނާ ދައްކަވާފައިވާ- ފަހުރުވެރި ނެލްޝަން މަންޑޭލާ ވިދާޅުވެފައިވާ ވާހަކަކޮޅަކުންނެވެ. އޭނާ ވިދާޅުވެފައިވެ އެވެ: ގޯތިގެދޮރާއި މަގުތަކުގައި ސަލާމަތްކަމެއް ނެތް ނަމަ، މިނިވަންކަމުގެ މާނައެއް ނެތެވެ. ރަނގަޅު ވާހަކައެކެވެ؛ ޑިމޮކްރަސީއަކީ ވަކި ބައެއްގެ ޖީބު މުއްތި ކުރުމުގެ ހަތިޔާރަކަށްވެ، ރައްޔިތު މީހާ އަށް އެކަމުން ކުރާ ރާހަތެއް ނެތް ނަމަ ޑިމޮކްރަސީއަކީ މާނައެއް ނެތް އެއްޗެކެވެ.
މީގެ ހައެއްކަ އަހަރު ކުރިން ރާއްޖެ އަށް ޑިމޮކްރަސީ ތައާރަފު ކުރުމުގެ ބެރު ފުރަތަމަ ޖަހަން ފެށި އިރު، އެ ޑިމޮކްރަސީގެ ބާނީއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ގިނަ ބަޔަކު ވަކާލާތު ކުރި އެވެ. އަދި ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ނަޝީދު ބޮޑަށް ސިފަކޮށްފައި ވަނީ "އޭޝިޔާގެ މަންޑޭލާ"ގެ ގޮތުގަ އެވެ؛ މާނައަކީ ސައުތު އެފްރިކާގެ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް، އަދި ދޮން މީހުންގެ އަޅުވެތިކަމުން ސަލާމަތް ވުމަށް 27 އަހަރު ވަންދެން ލޯންގް އައިލެންޑްގެ ޖަލުގެ ކުޑަ ގޮޅީގައި އޮންނެވި މަންޑޭލާއާ ނަޝީދު އެއްވަރު ކުރުމެވެ.
ނަޝީދު، މަންޑޭލާ އަށް ނުވި ނަމަވެސް، ޑިމޮކްރަސީގެ "ހިޔަނީ"ގައި އޭނާ ވެރިކަމަށް ވަޑައިގަތެވެ. އެއީ ހަގީގަތެވެ. ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށް ފަހު ކަން ކުރެއްވީ ޑިމޮކްރެޓިކް ލީޑަރަކު ކަންކަން ކުރައްވާނެ ގޮތަށްތޯ އެއީ ސުވާލެކެވެ؛ ސުޕްރީމް ކޯޓުގައި ތަޅު އެޅުވި އެވެ. ސިޔާސީ ލީޑަރުން ހިފައި ހައްޔަރު ކުރައްވަން ފެއްޓެވި އެވެ.
ކޯޓުން ދޫކޮށްލުމަށް ހުކުމް ކުރާ މީހުން ވެސް، އެ މީހަކު ދޫކޮށްލާތާ 24 ގަޑި އިރު ނުވަނީސް، ފުލުހުންނަށް ލިބިދޭ އިހްތިޔާރުގެ ބޭނުން ކުރައްވައިގެން، އެ މީހަކު އަނބުރާ ހައްޔަރު ކުރެއްވުމުގެ ސަގާފަތެއް އަށަގަންނުވަން މަސައްކަތް ކުރެއްވި އެވެ. ގާނޫނު އަސާސީ އަށް ގޮންޖައްސަވައި، ގާނޫނު އަސާސީ އަށް ވުރެ ވެސް މަތީން ހުންނެވީ، ތިމަން މަނިކުފާނޭ ވިދާޅުވާ ފަހަރު ވެސް ދިޔަ އެވެ؛ ތެދެކެވެ: ގާނޫނު އަސާސީ ނަގަހައްޓައި ދެމެހެއްޓުމުގެ ނަމުގަ އެވެ. ބުނެވޭ ގޮތުގައި އެ މަނިކުފާނު އިސްތިސްތިއުފާ ދެއްވި ދުވަހަކީ، ޖުޑީޝަލް ރިފޯމް ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް އުފައްދަވައި ކޯޓުތަކުގެ ބާރުކަނޑުވާލުމަށް ކަނޑައަޅާފައި އޮތް ދުވަހެވެ. އެހާ ހިސާބަށް އެކަން ދިޔަ އިރު، ދަށު ކޯޓްތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުންގެ މުސާރަ ނުދޭނެ ކަމަށް ބުނެ، ބިރުދެއްކެވުންތަކެއްގެ ވާހަކަތައް ވެސް ފެންމަތިވި އެވެ. ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އޭނާގެ ގެކޮޅުގައި އޮންނަވަނިކޮށް ހިފައި ހައްޔަރުކުރައްވައި ނިޒާމުން ގެއްލުވާލި އެވެ. އިސް ފަނޑިޔާރުގެ ހައްޔަރާ ބެހޭ ގޮތުން ސުޕްރީމް ކޯޓާއި ހައި ކޯޓާއި ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރަށް އދ. އަދި އީޔޫގެ ބަހަށް ވެސް ނަޝީދު ވަނީ ބޯނުލަންބަވައިފަ އެވެ.
ނަޝީދު ގާނޫނު އަސާސީއާ ހިލާފަށް ކުރެއްވި ކަންކަމުގައި އޭނާގެ މައްޗަށް ޕީޖީ ވަނީ ދައުވާކުރައްވައިފަ އެވެ. ގިނަ ފަހަރަށް ނަޝީދާ އެއްކޮޅަށް ބެރުޖަހާ ބޭރުގެ ފަރާތްތަކުން ވެސް ޕީޖީ، ނަޝީދާ ދެކޮޅަށް ކުރެއްވި ދައުވާއާ ދެކޮޅު ހަދައިފައެއް ނުވެ އެވެ. ބުނެފައި ވަނީ އިންސާފުވެރިކޮށް ޝަރީއަތް ކުރަން ޖެހޭނެ ކަމަށެވެ. ބައިނަލްއަގުވާމީ ބޮޑެތި ހުރިހާ މީޑިއާތަކުގެ ފަލަ ސުރުހީތަކަށް އެ ހަބަރު އެރި އިރު ވެސް ނަޝީދު ގާނޫނު އަސާސީއާ ހިލާފަށް ކުރެއްވި އަމަލު ދިފާއުކޮށްފައެއް ނުވެ އެވެ. އެކަމުން ޝަރީއަތުގެ ކުރިމަތީގައި ކުދި ބޮޑު އެންމެން ހަމަ ހަމަ ވާން ޖެހޭނެ ކަމަށް ބައިނަލްއަގުވާމީ ފަރާތްތަކުން ގަބޫލު ކުރާތަން ފެނެ އެވެ؛ ދެރެ ނިކަމެތީން ގާނޫނާ ހިލާފަށް ކުރާ ކަންކަމަށް ފިޔަވަޅު އެޅުމަށް ފަހު، ބާރު ހުންނަ ފަރާތްތަކުން ކުރާ ކަންކަމަށް ފިޔަވަޅު ނޭޅޭ ނަމަ އެ ހިންގަނީ ގާނޫނީ ވެރިކަމެއް ނޫން ކަމަށް ބަޔަކު ބުނުމުގެ ޖާގަ އޮންނާނެ އެވެ. އެ އުސޫލުން ބަލާ އިރު އެ ނިންމުމަށް މަރުހަބާ ކިޔަން ޖެހެ އެވެ.
ނަމަވެސް ނަޝީދުގެ މައްޗަށް ޝަރީއަތްކޮށް، އޭނާގެ މައްޗަށް ހުކުމެއް ކުރުމުގެ ކުރިން އެކަމުގައި ދެން އޮތް އެ ނޫން ގޮތަކީ ކޮބައިތޯ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ. މިހެން މިދަންނަވަނީ ފަހަރެއްގައި ވެސް ނަޝީދު ގާނޫނު އަސާސީއާ ހިލާފަށް އަދި ގާނޫނުތައް އަތްޕުޅަށް ނަންގަވައިގެން ކުރެއްވި ކަންކަމަށް ތާއީދު ކުރާތީއެއް ނޫނެވެ. އަދި މަންޑޭލާއާ އެއްވަރު، ކީއްކުރަން މަންޑޭލާ ހިންގެވި މަގުން ވެސް އެކަމުގައި ނަޝީދަށް ހިންގެވިފައި އޮތް ކަމަށް ގަބޫލުކޮށްގެން ވެސް ނުމެ، ނޫންމެ އެވެ؛ ސައުތު އެފްރިކާ އަށް ޒިޔާރަތްކޮށް މިނިވަންކަމަށް މަންޑޭލާ ކުރެއްވި މަސައްކަތް ލޮލުން ދެކި އަތުން ހިފުމުން މަންޑޭލާގެ ބައިގްރަފީއިން ނުފެންނަ އެތައް ތަނެއް ފެނިފައިވާތީ ބުނާ ވާހަކައެއް ވެސް މެ އެވެ. މަންޑޭލާގެ މާތްކަމާއި ގަދަރު އެ އަށް ވުރެ މާތްވެފައި މަތިވެރި އެވެ.
ރާއްޖޭގައި އަލަށް ތައާރަފު ކުރި ޑިމޮކްރަސީގެ ޅަފަތުގައި، އޭޝިޔާގެ ގިނަ ގައުމުތަކުގެ ތަޖުރިބާ އަޅުގަނޑު ކުރާކަށް ބޭނުމެއް ނޫނެވެ. އެކަމުގައި އަޅުގަނޑުގެ އަހު މުހައްމަދު ބުޝްރީގެ ނިންމުމަށް އަޅުގަނޑު ތާއީދު ކުރަމެވެ؛ ނަޝީދުގެ "ޓްރައިލް" ފުރަތަމަ ހިންގަން ޖެހޭނީ ވޯޓުންނެވެ. އަދި އޭނާ ބަލި ކުރާ ނަމަ އެކަން ކުރަން ޖެހޭނީ ވެސް ވޯޓުންނެވެ. އެ ނޫން ގޮތަކަށް އެ ކަމުގެ ދާއިމީ ހައްލު ހޯދިދާނެ ކަމަކަށް އަޅުގަނޑަކަށް ނުފެނެ އެވެ. އެއީ ނުކުރެވޭނެ ކަމެއް ވެސް ނޫނެވެ. ދިވެހިންގެ ކިބައިގައި އެއަށް ފުރެ ބޮޑު ފުދުންތެރިކަން ހުންނާނެ ކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަމެވެ. އަދި ނަޝީދުގެ ތިން އަހަރު މިނެލާ އިރު އެއީ އެވަރުގެ ކަމެއް ކަމަކަށް ވެސް ގަބޫލެއް ނުކުރަމެވެ.
ކޮންމެ ބެދޭ މަޅިއަކަށް ދޫމަޅިއެއް އޮވެ އެވެ. އެ ވާހަކަ އިން އިބުރަތް ހާސިލު ކުރައްވާށެވެ. ޖަޒުބާތުން ހޯދާ ކުރިއެރުމުގެ ނިމުން އަބަދު ވެސް ހިތިވާނެކަން ގަބޫލުކުރައްވާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ