ދައުލަތުގައި ފައިސާ ނެތް އިރު، ބަޔަކު އެޅިޔަސް ބުރިޖެއް އަޅާކަށް ނުޖެހޭ: ރައީސް ޔާމީން

ދިވެހި ދައުލަތުގައި ފައިސާ ނެތްއިރު، ބަޔަކު ބުރިޖެއް އެޅިއޭ ކިޔާފަ ބުރިޖެއް އަޅަން ނުޖެހޭނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދައިލަތުގައި މިއަދު ދަރަނި ދެއްކޭނެ ގޮތެއް ވެސް ނެތްކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މާލެ އާއި ހުޅުލެއާ ދެމެދު އެޅި ސިނަމާލެ ބުރިޖަކީ އެތައް ހާސް އައިލާއެއްގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތުރުފަތުރުކުރުމަށް ލުއި ހޯދައިދިނުމަށް އެޅި ބުރިޖެއްކަމަށެވެ. ނަމަވެސް މިހާރު އަޅަން އުޅޭ ތިލަމާލެ ބްރިޖަކީ އެވަރަށް މީހުން ދަތުރު ކުރާނެ ބުރުޖަކަށް ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "މީ އަޅުގަނޑުމެންގެ ސަރުކާރުގައި އަޅަން އޮތް ބުރިޖަކަށް ވާތީ ބުރިޖެއް އަޅާފައިވާތީ ބުރިޖެއް އަޅާކަމަށް ވަނީނަމަ މީތި ޖަސްޓިފައިވޭ. އެކަމަކު އެކަމުގެ ޚަރުދު ދެކޮޅެއް ނުޖެހޭ،" ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ދެވަނަ ދައުރަކަށް ހޮވުނުނަމަ މާލެ އާއި ވިލިމާލެ އާއި ގުޅީފަޅު ގުޅުވާލާ ބްރިޖު ޗައިނާ އިން ހިލޭ އަޅައިދޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. "ބުރިޖު އެޅުމަށް ބޭކާރު ޚަރަދެއް ކުރުމަކީ ސަރުކާރު އިތުރަށް ދަރަނިވެރިވާނެކަމެއް،" ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އަވަށްޓެރި ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިޞާދީ ކާރިސާގައި ފެނުނު ބައެއް ކަންކަން ރާއްޖޭން ވެސް ފެންނަން ފަށައިފައިވާ ކަމަށެވެ. އެގޮތުން މަޑުމަޑުން ދިވެހި ރުފިޔާގެ އަގު ވެއްޓެމުންދާކަމަށާއި ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "މީ ހަމަ ސިލޯނުގަ ނިކުތް ސިސްޓަމް މި ތާނގައި މި ނިކުންނަނީ. މިތާނގައި އަދި ބޭރު ފައިސާ ހުރި ކަމަކު އެ ފައިސާއަކީ ސަރުކާރުގެ ބޭނުމަށް ދިވެހީންގެ ބޭނުމަށް ބޭންކުތަކަށް ވަދެ ލޯނުދޫކުރުމަށް ހުންނަ ފައިސާއަށް އެ ފައިސާ ވާންޖެހޭ،" ރައީސް ޔާމީން ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ އަހުލާޤީ ފޭރާން ނަގައިލި ޕާޓީއަކީ އެމްޑީޕީކަަމަށެވެ. އެ ޕާޓީން ޒުވާނުން ބޭނުންކޮށްގެން ޤައުމު ހަލަބޮލިކޮށް ޤައުމު ހަލާކުރުމަށް މަސައްކަތް ކޮށްފައިވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. "ކާކުތޯ ކުރީ. ތިމަންނަ ބޭނުންވަނީ ތަޅާލާނެ ކުދިންކޮޅެއް ހޯދާށޭ. މިހާވަރުން ފުދޭ ދެއްތޯ،" ރައީސް ޔާމީން ވިދާޅުވިއެވެ. އެ ޕާޓީން ވެރިކަމަށް އަންނަ ކޮންމެ ފަހަރު ވެރިކަމުން ފައިބައިގެން ދަނީ މުޅި ސިސްޓަމް ދޮވެލައިފައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމްޑީޕީން ބޭނުންވާ ކޮންމެ ކަމެއް އަގެއް ދީގެން ވިޔަސް ކުރަން އެ ޕާޓީން ތައްޔާރަށް ތިބޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. "އެމީހުން ރީތި ވާހަކަ ދައްކާނެ. އެކަމަކު ދުވަހަކު ވެސް އެ ވާހަކައަކަށް ތަބައެއް ނުވާނެ. ދުވަހަކު ވެސް އެ ބުނާ ވާހަކައަކަށް އަމަލެއް ނުކުރާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ