ގަދަ ފަހެއްގައި ބޮންޑާ، ބަކާ، ސެންޓޭ، އުމެއިރު އަދި އޮއްޕޮ

ހަވީރު ސްޕޯޓްސް އެވޯޑްސްގައި ހިމެނޭ އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިއާ އާއި 21 އަހަރުން ދަށުގެ މޮޅު ކުޅުންތެރިއާ އާއި އެންމެ މޮޅު ކޯޗު އަދި އެންމެ މޮޅު ރެފްރީގެ މަގާމަށް ދިރާގު ދިވެހި ލީގުގެ ދެވަނަ ބުރުން ވާދަކުރާ ފަރާތްތައް ފަނޑިޔާރުންގެ ޕެނަލުން ބުދަ ދުވަހުގެ ރޭ ކަނޑައަޅައިފި އެވެ. ހަވީރުގެ ޓްރޮފީ އާއި 30،000ރ. ހުށަހަޅާފައިވާ، އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ދިރާގު ދިވެހި ލީގުގެ ދެ ވަނަ ބުރުން ވާދަކުރަނީ މިދިޔަ އަހަރު އެ މަގާމު ހޯދި ވީބީ ސްޕޯޓްސްގެ މުހައްމަދު އާރިފު (ބަކާ) އާއި އެ ޓީމުގެ ޝަމްވީލް ގާސިމް (ބޮންޑާ) އާއި ވިކްޓަރީގެ އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި މާޒިޔާގެ މުހައްމަދު އުމެއިރު އަދި ނިއު ރޭޑިއަންޓްގެ އަލީ ފާސިރު (ސެންޓޭ) އެވެ. މިދިޔަ އަހަރު ހަވީރުން ތައާރަފްކުރި 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމަށް ވާދަކުރަނީ ވެލެންސިއާގެ އަސަދުﷲ އަބްދުﷲ އާއި ރިލްވާން ވަހީދާއި އިބްރާހިމް ހަމްދާން އޭވައިއެލްގެ ސަމްދޫހު މުހައްމަދު އަދި އީގަލްސްގެ ގޯލްކީޕަރު ތޮލާލް ހަސަން އެވެ. ހަވީރުގެ ޓްރޮފީއާ އެކު 15،000ރ. ހުށަހަޅައިފައިވާ އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ލީގުގެ ދެ ވަނަ ބުރުން ވާދަކުރަނީ މިދިޔަ އަހަރު މި މަގާމު ހޯދި ވީބީގެ ތުރުކީ ކޯޗު ޖޭން ވަންލީ އާއި ވިކްޓަރީގެ އަލީ ސުޒޭން އާއި ނިއު ރޭޑިއަންޓުގެ މުހައްމަދު ޝިޔާޒު (މޯހަން) އާއި މާޒިޔާގެ އިސްމާއިލް މަހެފޫޒް (އިންމަ) އަދި އީގަލްސްގެ ކޯޗު އަހުމަދު ނިމާދު (ނިމާ) އެވެ. އެންމެ މޮޅު ރެފްރީގެ މަގާމަށް ލީގުގެ ދެ ވަނަ ބުރުން ވާދަކުރަނީ މިދިޔަ އަހަރު އެ މަގާމު ހޯދި އަލީ ސަލީމާއި އަހުމަދު އަސްލަމާއި މުހައްމަދު ފަރީދާއި އަފީފް އަބްދުއް ސަމަދު އަދި ކުރިން ތިން ފަހަރު މި މަގާމު ހޯދައިފައިވާ އަހުމަދު އަމީޒެވެ. ހަވީރު ފުޓުބޯޅަ ޖަޖިން ޕެނަލްގައި ފުޓްބޯޅަ ކޯޗުންނާއި މެނޭޖަރުން އަދި ކުރީގެ ކުޅުންތެރިންނާއި ރެފްރީންގެ އިިތުރުން ނޫސްވެރިން ވެސް ހިމެނެ އެވެ. ޖުމްލަ 20 ބޭފުޅުން ހިމެނޭ ޖަޖު ކޮމިޓީގެ އިސް ފަނޑިޔާރަކީ މެޗު ކޮމިޝަނަރު މުހައްމަދު ހާޝިމެވެ. އިސް ފަނޑިޔާރުގެ އެހީތެރިއަކީ ޕެރިސް އަހުމަދު ނަސީމެވެ. ހަވީރު ސްޕޯޓްސް އެވޯޑްސްގެ މި އަހަރުގެ ޕާޓްނަރުންނަކީ ދިރާގާއި މޯލްޑިވިއަން އަދި ނެސްލޭ މައިލޯ އެވެ. އެވޯޑުގެ އެސޯސިއޭޓް ސްޕޮންސަރުންނަކީ އެލައިޑް އިންޝުއަރެންސް އާއި ސޮނީ ސްޕޯޓްސް އާއި އެމްއެޗްއޭ އަދި ލިލީ އެންޓަޕްރައިސަސް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ