ޕްރޮވިންސް އޮފީސްތަކުން ގަވާއިދާއި ހިލާފަށް 6 ލައްކަ އަށްވުރެ ގިނަ ރުފިޔާ ހަރަދުކުރި

ދެ ޕްރޮވިންސް އޮފީހަކުން ގަވާއިދާއި ހިލާފަށް ހަ ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަން ހޯމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
އޮޑިޓަރ ޖެނެރަލް ނެރުއްވާފައިވާ ހޯމްމިނިސްޓްރީގެ 2010 އޮޑިޓް ރިޕޯޓްގައި ބުނެފައިވާގޮތުން މަތިއުތުރު ޕްރޮވިންސް އޮފީހާއި ދެކުނު ޕްރޮވިންސް އޮފީހުން ގަވާއިދާއި ހިލާފަށް 6 ލައްކަ 88 ހާސް ރުފިޔާވަނީ ހަރަދުކޮށްފައެވެ.
މިގޮތުން މަތިއުތުރު ޕްރޮވިންސް އޮފީހުގައި މަސައްކަތްކުރާ ލިވިންގ އެލަވަންސް ލިބޭ ބައެއް މުވައްޒަފުން އޮފީހުގެ އެކޮމަޑޭޝަން ބޭނުން ކުރުމުގެ ސަބަބުން 2010 ވަނަ އަހަރު ކަރަންޓް ބިލަށް 105,812.76 ރ އަރާފައިވާއިރު 2011 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 126,022.66 ރ އަރާފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.
އަދި ކުޅުދުއްފުށީ ބިންހިއްކުމުގެ މަޝްރޫއު ސަރުކާރުން ހަވަލުކުރި ބޮސްކާލިސްގެ ބާޖެއް ކުޅުދުއްފުށީ ރީޖަނަލް ބަނދަރުގައި ބޭއްވުމަށް 156,133.24 ރ ޕޮރޮވިންސް އޮފީހުން ދައްކާފައިވާއިރު ސްޓޭޓް މިނިސްޓަރަކު އެކްސިޑެންޓްވެގެން ކުއްލިއަކަށް މާލެ ގެނެސް އޮޅުވާލައިގެން އެހީތެރިއާގެ ހުރުމާއި ކެއުމަށް 10,430 ރ އަދި ސްޓޭޓް މިނިސްޓަރުގެ ހުރުމާއި ކެއުމަށް 21,570 ރ ޕްރޮވިންސް އޮފީހުން ދައްކާފައިވާކަމަށްވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.
މީގެ އިތުރުން ދެކުނު ޕްރޮވިންސްގެ އާއްމު ހާލަތާއި ތަރައްގީގެ ހާލަތު ވަޒަންކޮށް މަޝްރޫއުތައް އެކުލަވާލުމަށް އަމިއްލަ ފަރާތަކާއި ހަވާލުކުރެވި 154,000 ރ ހަރަދުކޮށްފައިވާއިރު ކުރެވުނު މަސައްކަތެއް ފެންނަން ނެތްކަމަށްވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.
އަދި ދެކުނު ޕްރޮވިންސް އޮފީހުގެ ސްޓޭޓް މިނިސްޓަރަކު ރަސްމީ ބޭނުމަށް 3 ދުވަހަށް މާލެގޮސް އިތުރު 46 ދުވަހު މާލޭގައި ހުރުމަށް 32,200 ރ ހޭދަކޮށްފައިވާއިރު މުޅި ދަތުރުގެ ހުރުމާއި ކެއުން ހަރަދުކޮށްފައިވަނީވެސް ގަވާއިދުން ހަރަދުކުރެވޭނެ ރޭޓަށްވުރެ ބޮޑުކޮށް ކަމުގައި އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓްގައި ބުނެފައިވެއެވެ.
ސްޓޭޓް މިނިސްޓަރ ވިލިނގިލި ރިސޯޓްގައި 24 މީހަކަށް ރޭގަނޑު ކެއުން ދިނުމަށް 10,788 ރ ހަރަދުކޮށްފައިވާއިރު ޑިފެންސް މިނިސްޓަރ ވިލިގިލީ ރިސޯޓްގައި ހުރި ދުވަސް ތަކަކަމަށް 5088.60 ރ އަދި 150 މީހަކަށް މާހެފުން ދިނުމަށް ދޫގަސްއަށް 6000 ރ ދައްކާފައިވަނީވެސް ޕްރޮވިންސް އޮފީހުގެ ބަޖެޓުންކަމަށް އޮޑިޓް ރިޕޯޓްގައިވަނީބުނެފައެވެ.
މީގެ އިތުރުން އިންޑިއާ މޯލްޑިވްސް ފްރެންޑްޝިޕް ފެސްޓިވަލުގެ ބައެއް އައްޑޫގައި ބޭއވުމުގައި ބައިވެރިވި އިންޑިއާގެ ވަފުދުގެ އެކޮމަޑޭޝަނަޝާއި މަރަދޫ ޒުވާނުންގެ މަރުކަޒުން ހޯދި ސައުންޑް މިކްސަރ އަކަށް ދައްކަން ޖެހުނު ފައިސާއާއި އެކު ޖުމްލަ 27,586 ރ އަދި ގަވާއިދާއި ހިލާފަށް ސްޓޭޓް މިނިސްޓަރަށް ފޯން އެލަވަންސްގެ ގޮތުގައި 32,489 ރ ހަރަދުކޮށްފައި ވާކަމަށްވެސް އޮޑިޓް ރިޕޯޓްގައިވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ