ޕީޖީ މުއިއްޒު މަޤާމުން ދުރުކުރަންޖެހޭ ހިސާބަށް ދިޔަކަމަށް ގަބޫލެއް ނުކުރަން: ޑީއާރުޕީ

ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު މަޤާމުން ދުރުކުރަން ޖެހޭ ހިސާބަށް ކަންކަން ގޮސްފައިވާކަމަށް އަދި ގަބޫލު ނުކުރެވޭކަމަށް ޑީއާރުޕީން ބުނެފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒުއާއި ޕޮލިސް އިންޓަރގްރިޓީ ކޮމިޝަނުންގެ ރައީސާ ޝަހިންދާ އިސްމާއިލް މަޤާމުން ދުރުކުރުމަށް ސަރުކާރު ހިންގާ ތޭވީސް ޑިސެމްބަރު އިއްތިހާދުން ހުށައަޅާފައި ވަނިކޮށް އެއިއްތިހާދުގައި ހިމެނޭ އެންމެ މެމްބަރުންގިނަ ޕާޓީގެ ލީޑަރ އަހުމަދު ތަސްމީން އަލީގެ ޓްވިޓަރ އެކައުންޓުގައި ވިދާޅުވެފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލް މަޤާމުން ދުރުކުރުމަށް އަޅާ އެއްވެސް ފިޔަވަޅަކަށް ތާއީދު ނުކުރައްވާކަމަށެވެ.
ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ޑީއާރުޕީގެ ޕާރލިމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރ އަބްދުﷲ މައުސޫމް ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނެރަލް މަޤާމުން ދުރުކުރުމަށް ތާއީދު ނުކުރައްވާކަމަށް ތަސްމީން ވިދާޅުވިއިރު ޕީޖީ މަޤާމުން ދުރުކުރުމުގެ ވާހަކަޔަކީ ސީރިއަސް މައްސަލައެއްކަމަށްވެސް ވިދާޅުވިކަމަށެވެ. އަދި ޕީޖީ ކުރައްވާ ކަމަކާއި ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު މަޤާމުން ދުރުކުރުމަކީ ރަނގަޅުކަމެއް ނޫންކަމަށްވެސް ތަސްމީން ވިދާޅުވިކަމަށް މައުސޫމް ވިދާޅުވިއެވެ.
އަދި ކްރިމިނަލް ކޯޓުގެ އިސްޤާޒީ އަބްދުﷲ މުހައްމަދު ޤާނޫނާއި ހިލާފަށް ހައްޔަރުކުރި މައްސަލަ ތަސްމީން ކުށްވެރިކުރާކަމަށާއި އެކަމުގައި ޒިންމާވާންޖެހޭ ފަރާތްތަކުގެ މައްސަލަ ބެލެންޖެހޭނެކަމަށް ތަސްމީން ގަބޫލުކުރައްވާކަމަށްވެސް މައުސޫމް ވިދާޅުވިއެވެ.
މައުސޫމް އިތުރަށްވިދާޅުވީ ސަރުކާރުގެ މުއައްސަސާއެއްގެ ވެރިއަކުވެސް ހިތްހަމަނުޖެހޭގޮތަށް ކަމެއް ކުރާކޮންމެ ފަހަރަކު މަޤާމުން ދުރުކުރަން ވިސްނާނަމަ ޑީއާރުޕީއާއި އެމްޑީޕީގެ އެއްވެސް ތަފާތެއް ނެތްކަމަށެވެ.
"މިއަދު މިސާލަކަށް ސްޕްރީމް ކޯޓުން ހުކުމެއްކުރީ އެމްޑީޕީއާއި އެއްކޮޅަށް ދެން މިއަދު މެންޑީޕީ ޕީހުންނަށް ސްޕްރީމް ކޯޓު ރަނގަޅުވާނެ، މާދަމާ އެމްޑީޕީއާއި ދެކޮޅަށް ހުކުމެއް ކުރާއިރު ސްޕްރީމް ކޯޓު ގޯސްވާނެ" މައުސޫމް ވިދާޅުވިއެވެ.
މައުސޫމް ވިދާޅުވީ ޕީޖީއާއި ބެހޭގޮތުން ބައެއް ފަރާތްތަކުން ޝަކުވާކުރާކަމަށާއި ހާއްސަކޮށް ބައެއް މައްސަލަތަކުގައި ދައުވާކުރުން އަވަސްވެފައި ބައެއް މައްސަލަތަކުގައި ދައުވާކުރުން ލަސްވާކަމުގެ ޝަކުވާވެސް ލިބޭކަމަށެވެ. ނަމަވެސް ޕްރޮސެކިއުޓަރ ޖެނެރަލްއަކީ ޤާނޫނީ މަސައްކަތެއް ކުރައްވާ ފަރާތަކަށްވުމުން އެކަންކަން ވެގެންދާގޮސް ސާފުވާން ޖެހޭކަމަށްވެސް މައުސޫމް ވިދާޅުވިއެވެ.
އަދި ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު މަޤާމުން ދުރުކުރަންޖެހޭ ހިސާބަށް ކަންކަން ގޮސްފައިވާކަމަށް ޑީއާރުޕީން ގަބޫލު ނުކުރާކަމަށްވެސް މައުސޫމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ