ރައީސް މައުމޫނާ ބެހޭ ގޮތުން ދޮގު ވާހަކަ ނުފެތުރުމަށް ޕީޕީއެމް އިން އިލްތިމާސްކޮށްފި

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުގައްޔޫމަށް ދެއްވާ ރައީސް ކަމުގެ އިނާޔަތް ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމަށް ބުނެ ދިއެފްއެމް އިން ދައްކަމުންދާ ރިޕޯޓު ނުދެއްކުމަށް ޕީޕީއެމުން އެދެފި އެވެ.
ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތަލާލް ސޮއިކުރައްވައި ދިއެފްއެމްގެ ސީއީއޯ މައްސޫދު ހިލްމީ އަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ޕީޕީއެމްގެ ރައީސް މައުމޫނަށް ނިސްބަތް ކުރައްވައި ހަގީގަތާ ހިލާފު ވާހަކަތަކެއް ދައްކަވައި އަދި އެފަދަ ވާހަކަތަކެއް ހިމެނޭ ރިޕޯޓެއް ދިިއެފްއެމުން ގެނެސްދެމުން ދާކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ "ރައީސް މައުމޫނުގެ އަމިއްލަފުޅު ދަތުރުތަކަށް ދައުލަތުން ހަރަދު ކުރައްވާ" ކަމަށް ވިދާޅުވެ ދައްކަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށް ވެސް ޕީޕީއެމްގެ ސިޓީގައި ބުނެފައިވެ އެވެ.
ޕީޕީއެމުން ބުނީ ރައީސް މައުމޫނުގެ ދަތުރުފުޅުތަކުގެ ހުރިހާ ހަރަދެއް ވެސް ހަމަޖައްސަވަނީ "އެމަނިކުފާނު އަމިއްލަފުޅަށް" ކަމަށާއި ކުރީގެ ރައީސުންނަށް ގާނޫނީ ގޮތުން ލިބިވަޑައިގަންނަވާ އިނާޔަތްތަށް ބޭނުންފުޅުކުރެއްވުމުގައި "ކޮރަޕްޝަނެއް ހިމެނިފައި ނުވާނެ" ކަމަށެވެ.
"ތިޔަ ޗެނަލްގެ ޕްރޮގްރާމުތަކުގައި އެފަދަ ހަގީގަތެއް ނެތް ވާހަކަތައް ގެނައުން އެއީ މިޕާޓީ އަށާއި މިޕާޓީގެ މެންބަރުންނަށް މާޔޫސްކަން ލިބިގެންދާ ކަމެއް" ޕީޕީއެމުން ދިއެފްއެމްގެ ސީއީއޯއަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
ދިއެފްއެމްގެ ސީއީއޯ މައްސޫދު ހިލްމީ މިއަދު 'ސަން' އަށް ވިދާޅުވީ "ދިއެފްއެމް އަކީ ދޮގު ހަބަރު ފަތުރާނެ ޗެނަލެއް ނޫން" ކަމަށާއި މައުމޫނާ ބެހޭ ގޮތުން ގެނެސްދިން ރިޕޯޓުގައި ހަގީގަތާ ހިލާފު އެއްވެސް ފާހަކައެއް ހިމަނާފައި ނުވާނެ ކަމަށެވެ. އަދި ޕީޕީއެމްގެ ރައީސް މައުމޫނާ ބެހޭ ގޮތުން ދޮގު ވާހަކަ ދައްކާ ކަމަށް ތުހުމަތުކުރައްވާ ނަމަ އެކަން ސާބިތުކޮށްދެއްވުމަށް ވެސް މައްސޫދު ވަނީ ޕީޕީއެމްގެ އަރިހުން އެދިފަ އެވެ. އޭނާ ވިދާޅުވީ ރައީސް މައުމޫންގެ ދަތުރުފުޅުގެ ހަރަދުތަކާ ބެހޭ މައުލޫމާތު ސާފު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި ފިނޭންސް މިނިސްޓްރީ އަށް ވެސް ލިޔެފައިވާ ކަމަށާއި ނަމަވެސް އެ ތަންތަނުން ޖަވާބު ނުދޭ ކަމަށެވެ.
ޕީޕީއެމްގެ ފަރާތުން އެދިފައި ވަނީ އެ ޕާޓީގެ ރައީސް މައުމޫނާ ގުޅޭ ގޮތުން ހަގީގަތެއް ނެތް ދޮގުވާހަކަ ނުފެތުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ