އެންމެން މާސްކު އަޅައިގެން އުޅެން ރައީސް ނަޝީދު ގޮވާލައްވައިފި

ރާއްޖޭގައި އަނެއްކާވެސް ކޮވިޑް-19 އިގެ ހާލަތު އަނެއްކާވެސް ގޯސްވަމުންދަތީ، ހުރިހާ ރައްޔިތުންވެސް މާސްކު އަޅައިގެން އުޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި މެމްބަރުން މާސްކު ނާޅާ ތިބުމުން އާންމުންގެ ތެރޭގައި މާސްކު އަޅަންޖެހޭ ކަމަށް ދެކޭ މީހުން މަދުވާ ކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ރިޔާސަތުގައި އިންނަވާއިރު، އެމަނިކުފާނު މާސްކު ނާޅުއްވަނީ ތިން ފޫޓް ދުރުމިން ބެހެއްޓީމާ މިކަމުން ސަލާމަތްވާކަން ވަރަށް ސާފުކޮށް މައުލޫމާތު ލިބިވަޑައިގެންފައިވާތީ ކަމަށެވެ.
"އަޅުގަނޑަށް އެކަން ކުރީގައިވެސް އެނގޭ. އެހެންނަމަވެސް މިކަމުގައި ދިމާވާ މައްސަލައަކީ އަޅުގަނޑުމެން މާސްކު ނޭޅީމާ ދެން އާންމުންގެ ތެރެއިން މާސްކު އަޅަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ މީހުން މަދުވަނީ. އަޅުގަނޑު ވަރަށް އާދޭހާއަކު ދަންނަވަން ރާއްޖޭގެ ހުރިހާ ބޭފުޅުންނަށްވެސް މި މާސްކު އަޅާލައިގެން އަދި ދުވަސްކޮޅަކު އުޅުއްވާށޭ،" ނަޝީދު ވިދާޅުވި އެވެ.
މާސްކު އެޅުމަށް ނަޝީދު އިލްތިމާސް ކުރެއްވިއިރު، ދުވާލަކު ޕޮޒިޓިވްވާ މީހުންގެ ފާއިތުވި ދުވަސްތަކުގައި ތެރޭގައި އަނެއްކާވެސް ވަނީ އިތުރުވާން ފަށައިފަ އެވެ. އޭގެ ތެރޭގައި ގިނައީ ދިވެހީންނެވެ. އެއާއެކު، މިހާރު ހާއްސަކޮށް މާލޭ ސަރަހައްދަށް ދީފައިވާ ލުއިތައް އަނެއްކާވެސް ހަރުކަށި ކުރަންޖެހިދާނެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފަ އެވެ.
މަޖިލީހުގެ ރައީސް މިހެން ވިދާޅުވެފައިވާއިރު، މާލެ ލޮކްޑައުންކޮށްފައި އޮތް މުއްދަތުގައި އޮންލައިންކޮށް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަމުން ދަނިކޮށް، އެޗްޕީއޭ އިން ލުއި ދިނުމުގެ ކުރިން، މަޖިލީހުގެ ތަޅުމުގައި ޖަލްސާތައް ކުރިއަށް ގެންދެވުމަށް ނަޝީދު ނިންމެވުމުން، ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވި އެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ޖަލްސާތައް ކުރިއަށް ގެންދެވި ނަމަވެސް، ދުރުދުރުގައި ތިއްބަވާ މެމްބަރުންނަށް މާސްކު ނާޅުއްވާ ވާހަކަދެއްކެވުމުގެ ފުރުސަތު މިފަހުން ނަޝީދު އަންނަނީ ދެއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ