ހަ ކިލޯ މަސްތުވާތަކެއްޗާ އެކު އަތުލައިގަތް މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ޖޫން މަހުގެ 14 ވަނަ ދުވަހު ފުލުހުން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް ހަ ކިލޯގެ މަސްތުވާތެކެތީގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދުގެ ދެވަނަ ފަހަރަށް އިތުރުކޮށްފިއެވެ.
ފުލުހުން ބުނީ، އެ އޮޕަރޭޝަނަކީ ޕޮލިސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. ހައްޔަރުކުރި ދެ މީހުންނަކީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ބޮޑު ނެޓްވޯކަކާއި ގުޅުންހުރި މީހުންނެވެ.
ހަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ، އަސްރަފީގެ، އުމުރުން 43 އަހަރުގެ މުހައްމަދު ޝަރީފް އާއި ގއ. ކޮލަމާފުށި، ކަރަންކާވިލާ، އުމުރުުން 33 އަހަރުގެ އަފްސަލް ރަޝީދުއެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހުންގެ ތެރޭގައި ހިމެނޭ ޝަރީފަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ. އަަދި އޭނާ އަކީ ފުޅާދާއިރާއެއްގައި ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މީގެ ކުރިންވެސް ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެމީހުންގެ ބަންދު ދެވަނަ ފަހަރަށް އިތުރުކުރުމަށް ޖޫން 30 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އެމީހުންގެ ބަންދުގެ މުއްދަތު ދެން ހަމަވާނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.
ހުޅުމާލޭގައި ހިންގި އޮޕަރޭޝަންގައި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހުންނާ ގުޅުންހުރި ތަންތަން ބަލައި ފާސްކޮށްފައިވެއެވެ. ނަމަވެސް، އެމީހުންގެ ތެރެއިން އެކަކާ ގުޅުންހުރި އެއްވެސްތާކުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ފެނިފައިނުވާތީ އެމީހާ ވަނީ ދޫކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ